ޓްރާންސްފާ މާކެޓް

ބާސާގެ ޑިފެންޑަރު ޑިގްނީ އެވަޓަންއަށް

ބާސާލޯނާގެ ފްރާންސް ޑިފެންޑަރު ލޫކަސް ޑިގްނީ އެވަޓަންއަށް ބަދަލުވެއްޖެ އެވެ. ބާސެލޯނާއިން އޭނާ އެވަޓަންއަށް ވިއްކާލީ 18 މިލިއަން ޕައުންޑަށެވެ.

ލޫކަސް ޑިގްނީއަކީ، އެވަޓަންގެ ކޯޗް މާކޯ ސިލްވާ، އަންނަ ސީޒަނަށް އެ ޓީމަށް ގެނައި ދެ ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ޓީމުން ވަނީ 40 މިލިއަން ޕައުންޑަށް ވަޓްފޯޑްގެ ފޯވަޑް ރިޗާލިސޮން ލައްވައި ސޮއި ކުރުވާފަ އެވެ.

ޑިގްނީ ސީނިއާ ކެރިއާ ފެށީ، ފްރާންސްގެ ލިއްލޭއިންނެވެ. އެއަށް ފަހު އޭނާ ބަދަލުވީ ޕީއެސްޖީއަށެވެ. އަދި ލޯން އެއްބަސްވުމުގެ ދަށުން ރޯމާއަށްވެސް ކުޅުނެވެ. ބާސެލޯނާއަށް އޭނާ ބަދަލުވީ 2016 ވަނަ އަހަރު އެވެ.

އެވަޓަން ޓީވީއާ ވާހަކަ ދައްކަމުން ޑިގްނީ ބުނީ، އިނގިރޭސި ޕްރިމިއާ ލީގްގައި ވާދަ ކުރަން ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށެވެ. އަދި އެވަޓަން އިނގިރޭސި ފުޓްބޯޅައިގައި ތާރީހެއް އޮތް ކުލަބަކާ ގުޅެން ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ޝަރަފެއްގެ ގޮތުގައި ޑިގްނީގެ އިންޓަވއިުގައި އޭނާ ފާހަގަ ކުރި އެވެ. އޭނާ ވަނީ އެވަޓަން އާއެކު ފަސް އަހަރުގެ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.