ހަބަރު

ރިޝްވަތުގެ ކުށުގެ ބިލް އަދުރޭ މަޖިލީހަށް ވެއްދީ އިއްޔެ

ރިޝްވަތާއި ހިޔާނާތުގެ ކުށްތައް ހިމަނައިގެން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ، އަދުރޭ ރައްޔިތުންގެ މަޖިލީހަށް ގާނޫނުލްއަގޫބާތު އިސްލާހު ކުރުމުގެ ބިލް ވައްދާފައިވަނީ އިއްޔެކަން ހާމަވެއްޖެ އެވެ.

އަބްދުލްރަހީމް އެ އިސްލާހު ހުށަހެޅުއްވިކަން ހާމަކުރައްވީ އިއްޔެ އެވެ. އޭރު ގާނޫނުލްއުގޫބާތުން ރިޝްވަތުގެ ކުށް އުނިކުރާ ކަމަށް ބުނެ ފާޑުކިޔުން އޮތީ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ކުރިން ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން އެ ގާނޫނުގެ 510 ވަނަ މާއްދާގައިވާ ރިޝްވަތުގެ ކުށުގެ ބާބު އުވޭނެ އެވެ. އެއީ 510 ވަނަ ބާބަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ބާބަށް ހެދުމަށް އެ އިސްލާހުގައި ހިމަނާފައިވާތީ އެވެ.

އެކަން މީޑިއާގައި ރިޕޯޓްކުރުމުން ވެސް ޕީޕީއެމްއަށް އެއަށް ރައްދުދީ ވާހަކަ ދައްކާފައިވަނީ އެއް ދުވަސް ފަހުންނެވެ.

މަޖިލީހުގެ ސައިޓްގައި އަދުރޭގެ ބިލް މިހާރު އާންމުކޮށްފައިވާއިރު ބިލް ބަލައިގަތް ތާރީހު ކަމަށް ބަޔާންކޮށްފައިވަނީ އިއްޔެގެ ތާރީހެވެ. އަދި އެ ބިލް ލިބުނީ އިއްޔެގެ މެންދުރުފަހު 2:00ގަ ކަމަށް ވެސްވެ އެވެ.

އެ ބިލްގެ ފުރަތަމަ ކިޔުން އިއްވައި ބިލާމެދު ބަހުސް ވެސް ކޮށްފައިވަނީ މިއަދު އެވެ. މިއީ ދެ މަރުހަލާއަކަށްވާއިރު އާންމު ގޮތެއްގައި އެއް ދުވަހެއްގައި ދެ މަރުހަލާ ކުރިއަށް ނުގެންދެ އެވެ.

ބިލް މަޖިލީހަށް ވެއްދީ އިއްޔެކަން ހާމަވެފައިވާއިރު އިއްޔެ ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބިލް މަޖިލީހަށް ވެއްދީ ކޮން އިރަކުތޯ ނޫސްވެރިޔަކު އެ ޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާ ސުވާލުކުރުމުން އޭނާ އެ ސުވާލަށް ސާފު ޖަވާބެއް ނުދެއްވަ އެވެ. ނިހާން ވިދާޅުވީ، ގާނޫނުނުލް އުގޫބާތަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި އިސްލާހާއި އަދުރޭގެ އިސްލާހުގެ މަސައްކަތްތައް ފެށީ އެކުއެކީގަ ކަމަށެވެ. އެ ބިލްގެ މަސައްކަތްތައް މިދިޔަ ހަފުތާއިން ފެށިގެން ކުރިއަށްދާ ކަމަށެވެ.

މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން އަދުރޭ ވެސް ވިދާޅުވީ ބިލް ހުށަހެޅީ މިއަދު ނޫން ކަމަށާއި އެ ބިލަކީ މީގެކުރިން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އެކަން ރައްޔިތުންނަށް ތިލަނުވެ އޮތީ ކަމަށް ވެސް އޭނާ މިއަދު ވިދާޅުވި އެވެ.

ރިޝްވަތުގެ ކުށް އުވާލާ ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވުމުން ސަރުކާރުގެ ފަރާތުން އަދުރޭ މަޖިލީހަށް ވެއްދި ބިލްގައި ގާނޫނުލްއުގޫބާތުގެ 542 ވަނަ މާއްދާގެ ފަހަތަށް އިތުރު ތިން ބާބު އިތުރުކުރަން ވަނީ ހިމަނާފަ އެވެ. އެއީ ރިޝްވަތާއި ހިޔާނާތާ ގުޅޭ ގޮތުން ގާނޫނުލްއުގޫބާތުގައި އަލަށް ހިމަނާ ތިން ބާބެވެ. އެ ތިން ބާބުގައި ރިޝްވަތާއި ހިޔާނާތުގެ ކުށްތައް މިހާރަށްވުރެ ބޮޑަށް ތަފްސީލްކޮށް ބަޔާންކޮށްފައިވެ އެވެ.

ކޮމެޓީން މަރުހަލާއިން މެންބަރު ދީދީގެ އިސްލާހު ދިރާސާކޮށް ނިންމާފައިވީ ނަމަވެސް އަދުރޭގެ އިސްލާހާއެކު އަލުން ދިރާސާކުރުމަށް އެ ބިލް ވަނީ އަދުރޭގެ ބިލާއެކު މިއަދު އަނބުރާ ކޮމެޓީއަށް ފޮނުވާލާފަ އެވެ. އެއް ގާނޫނަކަށް އެއް ފަހަރާ ދެ
ބިލެއްގެ ގޮތަށް އިސްލާހު ހުށަހަޅައިގެން މަޖިލީހުގައި ބަހުސްކުރުމަކީ އާންމު ކަމެއް ނޫނެވެ.