ސާފް ސުޒުކީ ކަޕް

އަކުރަމް ފިޓްކުރުން، ކޯޗްގެ ބޮޑު އަމާޒެއް

ސާފް ސުޒުކީ ކަޕަށް، ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ ފިޓް ކުރުމަކީ އޭނާގެ ބޮޑު ޓާގެޓެއް ކަމަށް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.

މިދިޔަ މަހު މެދުތެރޭގައި، އަކުރަމްގެ ކަކުލަށް އަނިޔާވުމާ ގުޅިގެން ހަ ހަފުތާއަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް ބެލެވުނެވެ. އަދި އެ މުއްދަތުގައި އޭނާއަށް ސާފް ޗެމްޕިއަންޝިޕްގައި ނުކުޅެވިދާނެ ކަމުގެ ބިރުވެސް ކުރިމަތި ވިއެވެ.

ޝެގަޓް ބުނީ، ގައުމީ ސްކޮޑަށް އަކުރަމް ނެގީ ރިސްކެއް ނެގުމަށް ފަހުގައި ކަމަށާއި އަކުރަމް އަނިޔާއާ ގުޅިގެން ހުރިހާ ކަމަކާ އޭނާ ޒިންމާ ނަގާނެ ކަމަށެވެ.

"އެންމެ ފަހު ވަގުތާ ހަމަޔަށްވެސް އަހަރެން ބަލާނަން އަކުރަމް ކުޅެވޭތޯ، އަހަރެންގެ ބެލުމުގެ ދަށުން އަކޫގެ ރިކަވަރީ ޕްރޮގްރާމް ކުރިއަށް ގެންދާނީ، އެންމެ ފަހު ވަގުތާ ހަމަޔަށް ވެސް ބެލުމަށް ފަހު އެހެން ގޮތަކަށް ވިސްނާނީވެސް."

އަކްރަމްގެ އިންޖަރީއާ ބެހޭގޮތުން ގައުމީ ޓީމުގެ ފިޒީޝަން އަދި އެފްއޭއެމްގެ ނައިބުރައީސް އަހްމަދު ޝަކީބު ވިދާޅުވީ، އަކޫގެ ކަކުލުގެ މެނިކްސަސް ޓިއާއަށް އަނިޔާވެފައިވާ ކަމަށާއި، ނަމަވެސް މިހާރު އިންޖިކްޝަން ޖެހިތާ ދުވަސް ކޮޅެއް ވެފައިވާ ކަމަށެވެ. އެހެންވެ ސާފް ޗެމްޕިއަންޝިޕް އަންނަންވާއިރަށް އަކޫއަށް ކުޅެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޝަކީބު ވިދާޅުވި އެވެ.

ބަނގުލަދޭޝްގައި އަންނަ މަހު ހަތަރެއްގައި ފަށާ ސާފް ސުޒުކީ ކަޕުގައި ރާއްޖެ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ލަންކާއާއެކު ގުރޫޕް ބީ ގަ އެވެ.