ބޭރު ކުޅިވަރު

ރިއަލް މެޑްރިޑްގެ ކޯޗަކަށް ބެނިޓޭޒް

Jun 3, 2015

މެޑަލް ޖަހައި ޝަރަފުވެރި އެތައް ތަށްޓެއް އުފުލާލަފައިވާ ކޯޗަކާ ޓީމު ހަވާލުކުރަން އަނެއްކާވެސް ސްޕެއިންގެ ރިއަލް މެޑްރިޑް ތައްޔާރުވަނީ އެވެ. އެމީހުންގެ މިފަހަރުގެ ހޮވުމަކީ ރަފައެލް ބެނިޓޭޒް އެވެ.

އިޓަލީގެ ނަޕޯލީއާގެ ކޯޗުގެ ގޮތުގައި ހޭދަކުރި ދެ އަހަރު ނިންމާލުމަށް ފަހު 55 އަހަރުގެ ބެނިޓޭޒް ސްޕެއިން އަށް އެނބުރި ގޮސް ރިއަލް މެޑްރިޑްގެ ކޯޗުގެ ގޮތުގައި ނުކުންނާނީ މާދަމާ އެވެ.

"އަހަރެން މިހުރީ އުފާވެ ކެތްމަދުވެފައި. އެކަމަކު އަދިވެސް އެބަހުރި މަޝްވަރާކުރަން ޖެހޭ ކަންކަން،" އުފަން ރަށަށް ނިސްބަތްވާ ކްލަބާ ހަވާލުވުމާ ބެހޭ ގޮތުން ސުވާލުކުރުމުން ބެނިޓޭޒް ބުނީ މިހެންނެވެ.

ބެނިޓޭޒް މެޑްރިޑަށް ދަނީ އެ ޓީމަށް މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ހޯދައިދިން އިޓަލީގެ މަޝްހޫރު ކޯޗު، ކާލޯ އެންޗަލޮއްޓީ ބޭރުކޮށްލުމާ ގުޅިގެންނެވެ. ރިއަލް އިން އޭނާ ބޭރުކޮށްލީ ހުރިހާ ރޭހެއްގައި ވެސް މިފަހަރު ވާދަވެރި ބާސެލޯނާގެ ފަހަތަށް ވެއްޓުމުން ކަމަށް ފާޑުކިޔުންތެރިން ބުނެ އެވެ.

ބެނިޓޭޒާ ރިއަލް މެޑްރިޑް ހަވާލުކުރާއިރު އޭނާ އަކީ ވެސް މީގެ ކުރިން ރިއަލް މެޑްރިޑުން ފެނިގެން ދިޔަ ކޯޗުންތަކަކަށް ދޫކުރާ ވަރުގެ ކޯޗެއް ނޫނެވެ. އެގޮތުން ލިވަޕޫލާ އެކު 2005 ވަނަ އަހަރު ކާމިޔާބުކުރި ޗެމްޕިއަން ލީގުގެ ޝަރަފާއި ވެލެންސިއާއާ އެކު ކާމިޔާބުކުރި ޔޫއެފާ ކަޕް އަދި ޗެލްސީއާ އެކު މީގެ ދެ އަހަރު ކުރިން ކާމިޔާބުކުރި ޔޫރޮޕާ ލީގުގެ ފަހުރު ވެސް އެބައޮތެވެ.

ނަމަވެސް އެންމެފަހުން މަސައްކަތްކުރި ނަޕޯލީއާ އެކު ހީކުރިވިވަރުގެ ކާމިޔާބީއެއް ނުލިބުނެވެ. އެންމެފަހުން ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ވަނީ 4-2 ނަތީޖާއަކުން ބަލިވެފަ އެވެ.

އެކަމަކު ވެސް ބެނިޓޭޒް އަކީ ސްޕެއިންގައި ކާމިޔާބު ކޯޗެއްކަން ފާހަގަކޮށްލަން ޖެހެ އެވެ. ރިއަލް މެޑްރިޑްގެ ޔޫތު ޓީމަށް އިރުޝާދު ދިނުމަށް ފަހު ވެލެންސިއާ ގޮވައިގެން ނުކުމެ ޔޫރަޕްގައި ހޯދި ކާމިޔާބީއަކީ ތާރީޚީ ކާމިޔާބީ އެކެވެ.

ފަހަރެއްގައި އޭނާގެ އެންމެ ނާކާމިޔާބު ލީގަކީ އިޓަލީގެ ސީރީ އާ އެވެ. ކޮޕާ އިޓާލިއާ ކަޕް ނަޕޯލީއާ އެކު ފުރަތަމަ ސީޒަނުގައި ކާމިޔާބުކުރިޔަސް އިތުރު މެޑަލެއް ނެތެވެ. ކުރިން އޭނާ އިންޓަ މިލާނުގެ ކޯޗު ކަމަށް ވެސް ގެންދިޔަ އެވެ. ނަމަވެސް ތިން މަސް ވެސް ނުވަނީސް ބޭރުކޮށްލީ އެވެ.

އެހެންވީމަ ރިއަލް މެޑްރިޑާއި ރަފައެލް ބެނިޓޭޒްގެ ފިލްމު ނިމޭމީ ކިހިނެއްތޯ ބަލަން ތިބެމާ ހިނގާށެވެ.