ރާއްޖޭގެ އެކި ސަރަހައްދުގައި ގާއިމްކޮށްފައިވާ 50 ފުޓްސަލް ދަނޑެއް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް މިރޭ ރަސްމީކޮށް އިފްތިތާހްކޮށްދެއްވައިފި އެވެ.
މި ސަރުކާރުން ގާއިމްކޮށްފައިވާ 50 ފުޓްސަލް ދަނޑު ރައީސް ޔާމީން އިފްތިތާހް ކޮށްދެއްވާފައިވަނީ ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިރޭ އިފްތިތާހްކުރި 50 ދަނޑުގެ ތެރެއިން 41 ދަނޑުގެ މަސައްކަތް ވަނީ މިދިޔަ އަހަރު ތެރޭގައި ނިންމައި ވަގުތީ ގޮތުން ބޭނުން ކުރަން ފަށާފަ އެވެ.
ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، ސްޕޯޓްސް އެރީނާގެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ގިނަ ވަސީލަތްތައް ދަނީ ގާއިމްވަމުން ކަމަށެވެ. އަދި މި ސަރުކާރުން މިހާތަނަށް 88 ފުޓްސަލް ދަނޑެއް ގާއިމްކޮށް ނިންމާފައި ކަމަށާއި 94 ފުޓްސަލް ދަނޑެއްގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެމްއާރްޑީސީއާ ހަވާލުކުރެވުނު 64 ފުޓްސަލް ދަނޑެއް ހުއްޓިފައި އޮތުމުން އެކަމަށް ހައްލެއް ގެނައުމަށްޓަކައި އޭގެ ތެރެއިން 20 ދަނޑެއްގެ މަސައްކަތް ހައުސިން މިނިސްޓްރީއާ ހަވާލުކޮށް 44 ދަނޑު އެފްއޭއެމްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ކަމަށެވެ.
"ބައެއް ރަށްރަށުން ބިން ހަމަނުޖެހިގެން ލަސްތަކެއްވެފައިވޭ، އަދި ކައުންސިލުން ކަނޑައަޅާ ބިންތަކުގެ ތެރެއިން ރައްޔިތުންގެ ހިތްހަމަ ނުޖެހުން ހުރުމުން ބައެއް މައްސަލަތައް ދިމާވި، ނަމަވެސް މިނިސްޓްރީން އިއުލާން ކޮށްގެން ފެށި 27 ފުޓްސަލް ދަނޑުގެ 80 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ،" މިނިސްޓަރު ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރުންނާއި މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންނާއި ސަރުކާރު މުއައްޒަފުންނާއި ސުކޫލް ކުދިންގެ އިތުރުން ގައުމީ ޓީމްގެ ކުޅުންތެރިންނާއި ކޯޗުންވެސް ބައިވެރިވެފައި ވެއެވެ.