ޖާންވީ ކަޕޫރް އާއި އިޝާން ކައްޓަރު ލީޑުން ފެނިގެންދާ ފިލްމު "ދަޅަކް" އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 100 ކްރޯޑުގެ އާމްދަނީއެއް ލިބިއްޖެ އެވެ.
މި ފިލްމަށް 100 ކްރޯޑު ލިބުނުކަން ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރް ވަނީ ޓުވިޓާ މެދުވެރިކޮށް ހާމަކޮށްފަ އެވެ. ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންގެ ކުޑައިގެ ދަށުން ނިކުތް މި ފިލްމަކީ ނިއުކަމާސް ނުވަތަ އާ ތަރިން ލައިގެން އުފެއްދި ބޮލީވުޑް ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ރަނގަޅު ކާމިޔާބީއެއް ހޯދި ފިލްމެވެ.
ޝްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ބޮލީވުޑަށް ތައާރަފުވި މި ފިލްމަކީ 2016 ވަނަ އަހަރު ނިކުތް މަރާޓީ ސުފަހިޓް ފިލްމު "ސައިރާތު" ގެ އެޑަޕްޓޭޝަނެކެވެ. ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ކައްޓަރުގެ މިއީ ދެ ވަނަ ފިލްމެވެ. މި ފިލްމުން އެންމެ ގިނަ ބައެއްގެ ތައުރީފުވެސް ލިބިފައި ވަނީ އޭނާ އަށެވެ.
ޝަޝަންކު ކައިތަން ސްކްރީންޕްލޭ ތައްޔާރުކޮށް ޑައިރެކްޓުކުރި މި ފިލްމު ޕްރޮޑިއުސްކުރީ ޒީ ސްޓޫޑިއޯސް އާއި ކުޅަދާނަ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރް އާއި ހީރޫ ޔަޝް ޖޯހަރް އަދި އަޕޫރްވާ މެހެތާ އެވެ.