(31 ޖުލައި 2018 އާ ގުޅޭ) -- "ވާނެ، ކުރާނަން... މިހާތަނަށް ނުކުރާވަރުގެ ކަމެއް ކޮށްގެން އެކަން ކާމިޔާބުވާނީ، މިހާތަނަށް ކުރިމަތިލަމުން އައިގޮތް ބަދަލުކޮށްލަންވީ... އެއީ ރަނގަޅު ވާހަކައެއް، އެހެން ކަންތައް ކުރަނިކޮށް މިކަން ވެސް ވެދާނެ" ފޯނުގެ ކައިރިފަށުގައި އިނގިލި ހާކާލަމުން އަމިއްލަ ނަފްސަށް ކީފާ ހިތްވަރުދިން ކަހަލައެވެ.
ހުކުރު ދުވަހަށްވީމާ އޮފީހަށް ނުކުންނާކަށް ނުޖެހުނެވެ. އެހެންވިޔަސް ގޭގައި ހުންނަން ކީފާ ބޭނުމެއްނުވިއެވެ. އެކަނިވުމުން އޭނާއަށް ކުރެވޭ ހަމައެކަނި ޚިޔާލަކީ އަރްސަލްގެ ޚިޔާލެވެ. އެކުވެރިއަކަށް ހަވީރުގެ ސަޔަށް ގެއިން ބޭރުން ދަޢުވަތުދިނީ ވެސް އެހެންވެއެވެ. ދެ މީހުން މާލޭގެ މަޝްހޫރު ރެސްޓޯރެންޓަކުން ބައްދަލުކުރިއެވެ. ޒާތީ ކަންކަމާ ނުބެހޭނޭވަރުގެ ރަޙުމަތްތެރިއަކަށް ދަޢުވަތުދޭން ކީފާ އިސްކަންދިނެވެ. ސައިބުއިމާއި އާންމު ކަންތައްތަކާ ގުޅުވައިގެން ވާހަކަދެއްކުމުގައި ދެ އެކުވެރިން ވަގުތު ހޭދަކޮށްލުމަށްފަހު ކީފާއަށްވުރެ ކުރީން އޭނާގެ އެކުވެރިޔާ ރެސްޓޯރެންޓުން ނުކުމެއްޖެއެވެ. ބިލަށް ފައިސާ ދެއްކުމުގެ ކުރީން ކީފާ ފޯނުނަގައި އަރްސަލްއަށް ގުޅާލިއެވެ. ނަސީބު ހުރިއްޔާ އޭނާއާ ހަމަޖެހިގެން ވާހަކަދައްކާލަން ފުރުޞަތެއް ލިބިދާނޭ ހީކޮށްގެންނެވެ. ނަމަވެސް އަރްސަލް ފޯނަށް ޖަވާބެއް ނުދިނެވެ. ދެތިން ފަހަރަށް ކީފާ ގުޅިއެވެ. ތިންވަނަ ފަހަރު އަރްސަލް ގަސްދުގައި ކޯލު ކަނޑާލީކަން ކީފާއަށް އެނގުނެވެ. ތުންއަނބުރާލުމާއެކު ސަތޭކަރުފިޔާ މޭޒުމަތީ އޮތް ބިލު ފޯލްޑަރު ހުޅުވާލައި އޭގެ ތެރެއަށް ލިއެވެ. އަދި ބާކީ ފައިސާ ލިބެންދެން މަޑުކުރުމެއްނެތި ރެސްޓޯރެންޓުން ނުކުތީއެވެ.
މާ ދުރަށް ކީފާއަށް ނުދެވެނީސް ފޯނަށް މެސެޖެއް އަތުވެއްޖެއެވެ. މެސެޖު ކިޔާލިއިރު އެއީ ކާކުކަން ބުނެފައި ބައްދަލުކޮށްލަން ބޭނުންވާކަން ހާމަކޮށްފައި އޮތެވެ. އެ މެސެޖަށް ރައްދު ދިން އިރު އެއްމިޔަކަނުން ކީފާ ހިނިތުންވެލިއެވެ. އޭނާގެ މިސްރާބު ދެން ބަދަލުކޮށްލީ މެސެޖުގައި ބައްދަލުކުރަން ބުނެފައި އޮތް މަންޒިލާ ދިމާއަށެވެ. ސިކުނޑީގައި އެތައް ޚިޔާލެއް އުތުރިއަރަމުން އޭރު ދިޔައެވެ.
* * * * *
ވިސްނަން އިނދެފައި ރާދިން ވާހަކަދެއްކީ އަރްސަލްއާއެވެ. ބިލާލު ގާތަށް ހަޤީޤަތުގައި ވެސް ބަދަލުވަނީތޯ އޭނާއަށް އަހާލެވުނެވެ. އެއާއެކު އަރްސަލް ޔަގީންކަން ދިނެވެ. ހުރިހާ ސާމާނު ޕެކުކުރެވުނުހާ އަވަހަށް ބަދަލުވާންވީ ކަމެވެ. އެކަމަކު އެއީ ކިހާ އަވަހެއްކަމެއް އަރްސަލް ނުބުންޏެވެ.
"ބައްޕަ ގުޅި... އެދުނު ހޮޓެލް ދައްކާލަން ބައްޕަ ގެންނާނީ ކޮންއިރަކުންތޯ، ހުކުރު ދުވަހަށްވާއިރު މެންދުރު ކާން ގެއަށް ނައީ ކީއްވެތޯ ވެސް އެހި، އަރްސަލް މަނާކުރީތޯ އެހީ" ރާދިން ބުނެލިއެވެ.
"ކީކޭ ރާދު ބުނީ" އަރްސަލް އެހިއެވެ.
"މިއަދު ލަންޗު ބަޔަކާއެކު ނަގަން ހަމަޖެހިފައި އޮތީމަ ނުދެވުނިއްޔޭ، ދެން ބުނިން، މި ފެށޭ ހަފްތާގެ ދުވަހެއް އަރްސަލްއާ ވާހަކަދައްކާފައި ބައްޕައަށް ދަޢުވަތު ދޭނަމޭ މިކޮޅަށް އަންނަން" ރާދިން ބުނެލިއެވެ. އޭނާގެ ވާހަކައާ އެއްބަސްވުމުގެ ގޮތުން އަރްސަލް މަޑުމަޑުން ބޯޖަހާލިއެވެ.
އަރްސަލްއާއި ރާދިން ތިބީ ޕެންޓްހައުސްގައެވެ. ނިމްރާއާ ދުރަށްދާން އަރްސަލް ބޭނުމެއްނޫނެވެ. ޝިހާނާ ގެނެސް ނިމްރާގެ ހާލު ބެލުމަށްފަހު އޭނާއަށް އައިވީއެއް ގުޅީއެވެ. މެންދުރު ކެއުމަށްފަހު ނިމްރާގެ ހާލު މުޅީން ރަނގަޅުވެއްޖެއެވެ. ނިމްރާ އެންމެން ގާތު ދިޔަޔަސް އެންމެ ރަނގަޅުކަމުގައި ބުނީމާ ވެސް އަރްސަލް އެގޮތާ އެއްބަހެއްނުވިއެވެ. މެންދުރު ހުކުރަށްދާން ރާދިން ގެއަށް ދިޔައެވެ. އަދި އެނބުރި އައީ އަރްސަލް ބޭނުންވާނޭ ބައެއް ހެދުން އޭނާގެ ޖިމް ދަބަހަށް ލައިގެންނެވެ.
ނިމްރާއަށް ހަމަޖެހިލެވުމުން އޭނާ އީވާއަށް ގުޅިއެވެ. އެއާއެކު އީވާގެ ކަންބޮޑުވުން ފާޅުކޮށްލައިފިއެވެ. ޙަފުލާ ދޫކޮށް ނިމްރާ ދިޔައީ ކޮންތާކަށްތޯ އީވާ ސުވާލުކުރިއެވެ. ނިމްރާ ހަޤީޤަތެއް ހާމައެއްނުކުރިއެވެ. ބޮލުގައި ރިއްސާތީ އެނބުރި އެޕާޓްމެންޓަށް އައީ ކަމުގައި ނިމްރާ ބުންޏެވެ. އީވާއާއި ހަލަފް ފެންނަން ނެތުމުން ނުބުނެވުނީކަމުގައި ނިމްރާ ބުންޏެވެ. އެއާއެކު އީވާ ބުނީ ހަލަފްއާއެކު ހަވީރު ކޮފީއަކަށް ދާން އުޅޭ ވާހަކައެވެ. އެ ދެމެދުގައި އެކުވެރިކަން އުފެދެން ގިނަދުވަހެއް ނުނެގިކަން ނިމްރާއަށް ނަގައިގަނެވުނެވެ. އީވާ ނުބުނި ނަމަވެސް އޭނާ ހަލަފްއާ ގަޔަވާހެން ނިމްރާއަށް އޮތީ ހީވެފައެވެ.
ކަމެއް ނެތިފައި އެންމެން ސޯފާއަށް ވެއްޓިގަނެގެން ކަހަލަ ގޮތަކަށް ތިއްބެވެ. ރާދިންއާއި ޝިހާނާ އެކުގައި ތިއްބަސް އަރްސަލްއަށް ނިމްރާ ގެނެސް އުނގަށްލާކަށް ނުކެރުނެވެ. ޝިހާނާދެކެ ލޯބިވާކަމާއި އެ ދެމީހުން އުޅެނީ ގުޅިގެންކަން ހާމަކުރިނަމަވެސް އެފަދަ ގުޅުމެއް އަރްސަލްއާއި ނިމްރާއާ ދެމެދު ނެތޭ އަރްސަލް ހިތަށް އެރިއެވެ. އެއާއެކު ހިތުގެ އިޙްސާސްތައް ނިމްރާއަށް ހާމަކުރަން އަރްސަލް ބޭނުންވިއެވެ. އެހެންވިޔަސް ރަނގަޅު ވަގުތަކަށް މަޑުކުރަން އޭނާ ނިންމިއެވެ.
"މިހެން ދެން ތިބެނީތަ؟ ހިނގާބަލަ ކަމެއްބާއްވަން، ފިލްމެއް ބަލަން ސިނަމާއަށް ދާން ހިނގާބަލަ" ހުޅުވާފައި ހުރި ޓީވީއަށް އެންމެން ނަޒަރު ހުއްޓާލައިގެން ތިއްބާ ޝިހާނާ ވާހަކަދެއްކިއެވެ.
"ކޮން ފިލްމެއްތަ އަޅުވާފައި އޮތީ" އަރްސަލް އެހިއެވެ.
"އަހަރެމެންތާ އުޅޭ ޑަކްޓަރުންތަކެއް ވެސް ރޭގައި ގޮސްފި ޝުވެކަށް" ޝިހާނާ ފޯނު ބަލަމުން ބުނެލިއެވެ.
ޝިހާނާގެ ޚިޔާލަށް އަރްސަލް ތާއީދުކުރީ ނިމްރާއާއެކު ވަގުތު ހޭދަކޮށްލެވޭނޭކަން އެނގިގެންނެވެ. ސިނަމާގައި އަޅުވާފައި އޮތް ފިލްމުތަކުގެ ޝެޑިއުލް ޝިހާނާގެ ފޯނުން އެންމެނަށް ދެއްކިއެވެ. ވަރަށް ފަހުން އަޅުވާފައި އޮތް އެކްޝަންކޮމިކް އިނގިރޭސި ފިލްމަކަށް ދާން ޓިކެޓު ހަމަޖެއްސިއެވެ. ސިނަމާއިން ބޭނުންވާ ހިސާބުން ގޮނޑި ލިބުނީ އަންގާރަދުވަހުގެ ރެއަށެވެ. ޝިހާނާ ވެސް ޑިއުޓީ އޮފްވަނީ އެ ދުވަހަށެވެ. ހަތަރު މީހުން އެކަނި ދާގޮތަށް ރޭވިއެވެ.
އެރޭ ޝިހާނާ ގެއަށް ލާފައި އަރްސަލް ބަލާ އަންނާނަން ކަމުގައި ރާދިން ބުނެފައި އެގާރަ ޖަހަން އުޅެނިކޮށް އެޕާޓްމެންޓުން ނުކުތެވެ. އަރްސަލްއާއި ނިމްރާ އެކަނިވުމުން އެންމެ ސިކުންތަކަށް ވެސް އަރްސަލް ދުރަކު ނުހުއްޓެވެ. ސޯފާގައި އިން ނިމްރާގެ އަތުގައި ހިފާ ދަމާލުމާއެކު ގެނެސް އަތުގެއް ތެރެއަށް އޭނާ ލައިފިއެވެ. ރާދިން ގުޅިއިރު ވެސް އަރްސަލް އިނީ ނިމްރާއާ ކުދިކުދި ސަމާސާ ކުރުމުގައެވެ.
"ޑޯންޓް ޔޫ ތިންކް ވީ ޝުޑް ސްޓޮޕް ދިސް" އަރްސަލް ސޯފާއިން ތެދުވެ އޭނާއާއެކު ނިމްރާ ވެސް ކޮޅަށް ނެގުމުން ނިމްރާ ބުނެލިއެވެ.
"އައި ޑޯންޓް ވޯންޓް ޓު" ނިމްރާއަށް ބަލަން ހުރެ އަރްސަލް ބުނެލިއެވެ.
"އަހަންނަކަށް ނޭނގެ އަހަރެމެން ދެ މީހުންގެ ދެމެދުގައި މިއޮތް ގުޅުމާމެދު ދެކެންވީ ކިހިނެއްކަމެއް، އަރްސަލް! އައި އޭމް ކޮންފިއުޒްޑް... ޓައިމް ޕާސް ކުރުމަށް އުޅޭ ގޮތެއްނަމަ އަހަރެން ބޭނުންވަނީ ހުއްޓާލަން، މިހެން އުޅެންޏާ އަހަންނަށް ވެސް ދުރަކަށްނުދެވޭނެ، އަދި އެއްވެސް ކަމެއް ގޯހެއްނުވޭ، ދެ މީހުންނަށް ދުރަށް ދެވިދާނެ" ނިމްރާގެ ދުލުން ބޭރުވީ އޭނާ ބުނަން ބޭނުންވެ ނުބުނެވިގެން އެތައް ދުވަހެއްވަންދެން އުޅުނު ވާހަކައެކެވެ. ލޯބިވެރިން ފަދައިން އެކަކު އަނެކަކާ ކުރާ ސަމާސާތަކުގައި ފޮރުވިފައިވަނީ ކޮންކަހަލަ އިޙްސާސެއްކަން އެނގެން ނިމްރާ ބޭނުމެވެ. އަރްސަލް ޖަވާބެއް ދޭނޭ އިރެއްގެ އިންތިޒާރުގައި ނިމްރާ ހުއްޓެވެ. އިރުކޮޅަކު ހުރެފައި އަރްސަލް ކުރިއަށް ޖެހިލާ ނިމްރާގެ ދަތްދޮޅީގައި ހިފާލަމުން އެ ތުންފަތުގައި ބޮސްދީފިއެވެ.
"ނައު ޔޫ ނޯ ހައު އައި ފީލް" އަރްސަލް މަޑުމަޑުން ބުނެލިއެވެ. ނިމްރާއަށް ނަގައިގަންނާކަށް ނޭނގުނެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު އަރްސަލްއަށް ފޯނެއް އައުމުން ނިމްރާ މަޑުކޮށްލިއެވެ.
"ދަނީ އިނގޭ" ފޯނަށް ޖަވާބުދީފައި ނިމްރާއަށް ބަލާލައި އޭނާގެ ކޯތާފަތުގައި ފިރުމާލަމުން އަރްސަލް ބުނެލިއެވެ.
"އައި ޑޯންޓް އަންޑަސްޓޭންޑް" ވާނުވާނޭނގިފައި ހުރި ފަދަ ބެލުމަކުން އަރްސަލްއަށް ބަލަން ހުރެ ނިމްރާ ބުނެލިއެވެ. އެއާއެކު އަރްސަލް ހީނލީއެވެ.
"ގުޑްނައިޓް ސްކާލެޓް" ހިނިއައިސްފައި ހުރެ އަރްސަލް ބުނެލިއެވެ. އަދި އިތުރު އެއްޗެއް ނުބުނެ އެޕާޓްމެންޓުން ނުކުމެގެން ހިނގައްޖެއެވެ.
"ސްޓޮޕް ކޮންފިއުޒިންގް މީ އަރްސަލް" އަރްސަލްގެ ފަރާތުން އެދެވޭ ޖަވާބެއް ނުދީ އޭނާ ދިއުމުން ނިމްރާ އަމިއްލަ ނަފްސަށް ބުނެލިއެވެ.
* * * * *
އަންގާރަ ދުވަސް އައިސް ޖެހުނުއިރު މޫސުން ރަނގަޅެއް ނޫނެވެ. އެ ދުވަހަށް ރޭވިފައި ހުރި އެއްވެސް ކަމަކަށް މޫސުމުގެ ސަބަބުން ބަދަލުގެންނާކަށް ނުޖެހުނެވެ. ހެނދުނުއްސުރެ ވިލާމަތީ ވިލާލާފައި އޮތެވެ. އިރުގެ އަލިކަން ދުނިޔެމަތިން ފަނޑުކޮށްލާފައިވިއެވެ. މެންދުރުވާން އުޅެނިކޮށް ސްކާލެޓް ގޮމަ ހޮޓެލްގެ ގޭޓު ކުރިމައްޗަށް ބިލާލުގެ ކާރު މަޑުކޮށްލިއެވެ. އޭރު އޭނާގެ އިސްތިޤްބާލުގައި ރާދިންއާއި އަރްސަލް ތިއްބެވެ. ބިލާލު ކާރުން ފައިބަންވާއިރަށް ރާދިން ހަލުވިކޮށް ކާރުގެ ކައިރިއަށް އައީ ކުޑައެއް ނަގައިގެން ހުރެއެވެ. ޑްރައިވަރުގެ ގާތުގައި އެނބުރި ދިއުމަށް ބުނެފައި ބިލާލު ކާރުން ފޭބިއެވެ. ރާދިންއާއެކު ކުޑަދަށުގައި ހުރެ ހޮޓެލްއަށް އައިސް ވަނެވެ. އަރްސަލް ފެނުމުން ނިކަން ހިނިއައިސްފައި ދަރިފުޅުގެ ގައިގާ ބިލާލު ފިރުމާލިއެވެ. ރާދިންއާއި އަރްސަލްއާއެކު ބިލާލު އައިސް ވަނީ އެ މީހުން ތިބޭ ކެބިންގެ ތެރެއަށެވެ. ފިނިދުވަހެއްވީމާ ބިލާލުއަށް ކޮފީ ހަދައިދީގެން އަރްސަލް ގެނެސްދިނެވެ. އޭނާގެ އެ އިސްނެގުން ފެނި ބިލާލު އިނީ އުފަލުން ހިނިތުންވެލައިގެންނެވެ. ދަރީންގެ ތަރައްޤީއާ މެދު ފަޚުރުވެރިވާކަން ބިލާލު ހާމަކުރިއެވެ. މުޅިން ވެސް ދެކެވުނީ ވިޔަފާރީގެ ވާހަކަތަކެވެ. މެންދުރު ކެއުން ހޮޓެލްގެ ރެސްޓޯރެންޓުގައި ހަމަޖައްސާފައި އޮތް ކަމާއި އެ ކެއުމުގައި ހޮޓެލްގެ ޖެނެރަލް މެނޭޖަރާއި ޑިޕާޓްމެންޓް ހެޑުން ބައިވެރިވާނޭކަމުގައި ރާދިން ބުންޏެވެ. އެހެންވެ އެ ކެބިންއިން ނުކުމެގެން އެންމެން ދެން އައީ ރެސްޓޯރެންޓަށެވެ.
ބިލާލާއި ރާދިންއާއި އަރްސަލް އައިއިރު އެ މޭޒު ދޮށުގައި އެހެންމީހުން ތިއްބެވެ. އެންމެންގެ ތެރެއިން ވެސް ބިލާލުގެ ނަޒަރު ހުއްޓުނީ ހުރިހާ ފިރިހެނުންގެ ތެރޭގައި އިން އަންހެންކުއްޖާއަށެވެ. ދެވަނަ ފަހަރަށް ފެންނާނޭކަމުގެ އުންމީދު ބިލާލު ކުރި ރަތްކުލައިގެ އިސްތަށިގަނޑުގެ ވެރިޔާއެވެ. އެންމެން ވެސް އަދަބު އިޚްތިރާމު ބިލާލުއަށް އަދާކުރިއެވެ. އެންމެންގެ ތަޢާރަފެއް ދިނީ ރާދިންއެވެ. ހޮޓެލްގެ އެހާ މަތީ މަޤާމެއްގައި ނިމްރާ ހުރިކަން އެނގުމުން ބިލާލުގެ ތަޖުރިބާ ގިނަ ސިކުނޑިއަށް ކޮންމެވެސް އެއްޗެއް ވިސްނުނެވެ. ޚާއްޞަކޮށް އޭނާގެ ގާތުގައި އިން އަރްސަލްއާ ޖެހިގެން ނިމްރާ އިނުމުންނެވެ. އޭގެ އިތުރުން އަރްސަލްގެ ފަރާތުން ފެންނަ ކުދިކުދި ހަރަކާތްތަކުންނާއި އެ ދަރިފުޅުގެ ލޮލުގައިވާ ބެލުމުންނެވެ. ބިލާލު ފުރުޞަތުގެ ބޭނުން ހިފައި ނިމްރާއާ ވާހަކަދެއްކިއެވެ.
"އަރްސަލްއާއި ރާދިންގެ ދަށުން މަސައްކަތްކުރަން ފަސޭހަތަ؟" ވާހަކައިގެ ތެރެއިން ބިލާލު އަހާލިއެވެ. ނިމްރާއަށް އެއްޗެއް ނުބުނެވެނީސް އަރްސަލް ވާހަކަދައްކަންފެށިއެވެ.
"އަޅުގަނޑުމެންގެ ދަށަކުންނޫން މަސައްކަތްކުރަނީ، ޝީ އިޒް އަ ޕާޓްނަރ، ފިފްޓީ ޕަސަންޓް ޝެއަރހޯލްޑާރ" އަރްސަލް މިހެން ބުނުމާއެކު ރާދިންއަށް ވެސް ބަލާލިއެވެ.
"ވީ އާ ޕާޓްނާރސް" ރާދިން ވެސް ބޯޖަހާލައިފައި އަރްސަލް ބުނި އެއްޗެއް ބިލާލަށް ޔަގީންކޮށްދިނެވެ. އެހެންނަމަވެސް އެ ޚަބަރު އާ ޚަބަރަކަށްވީ ނިމްރާއަށެވެ. އޭނާ އިނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. ބިލާލު ލުއި ގޮތަކަށް ހީނލީއެވެ. މީހުންނަށް ނޭނގޭނޭހެން އަރްސަލްއާ ދިމާއަށް ނިމްރާ ލޯ އަޅާލިއެވެ. އަރްސަލް އެއްލޯ މަރާލަމުން ހިނިތުންވެލީއެވެ. އެ ދެމެދުގައި ބަދަލުކުރެވުނު މެސެޖު ބިލާލުގެ ލޮލަށް ނުފޮރުވުނެވެ.
ހޮޓެލްގެ ކަންކަން ބަލާލުމަށްފަހު ތިނެއްޖަހަން އުޅެނިކޮށް ބިލާލު ގެއަށްދާން ނުކުތެވެ. ރާދިން ކެބިންގައި މަޑުކޮށްލީ ފޯނެއް އައިސްގެންނެވެ. ބިލާލުއާއެކު އައީ އަރްސަލްއެވެ.
"ދަރިފުޅު ދިރިއުޅުމާ މެދު ވިސްނަންތަ؟" ބިލާލު އަހާލިއެވެ. އެއާއެކު އަރްސަލް ބޯޖަހާލީއެވެ.
"ޔޫ ވޯކް ޓޫ ހާޑް މައި ސަން، ބައްޕަދެކެ ހިތްހަމަނުޖެހުނަސް ބުނަން އޮތީ ތިހެން މުޅިއުމުރު އެކަނި ހުރެ ވޭތިކޮށްނުލައްޗޭ، ރަނގަޅު ކުއްޖަކު ހޯދައި އަލުން ދިރިއުޅުމައިގެން ކުރިއަށްދައްޗޭ، ހުރިހާ ފަހަރަކު ދިރިއުޅުން އެއްގޮތެއްނުވާނެ، ބައްޕައަށް ހީވަނީ އަރްސަލް ރަނގަޅަށް ބަލައިފިނަމަ އަރްސަލްއާ ގުޅޭނޭ ރަނގަޅު ކުއްޖަކު ވަރަށް ގާތުން ވެސް ފެނިދާނޭހެން، ހަމަގައިމު ވެސް ބައްޕަ ފާޑެއްނުކިޔާނަން... އެކަމަކު ރަނގަޅު ކުއްޖަކު ޚިޔާރުކުރާތި، އެއީ ތިމާގެ ދިރިއުޅުން ފަސޭހަވާނޭކަމެއް" ބިލާލު ބުނެލިއެވެ. ނަމަވެސް އޭނާގެ އެ ވާހަކައަށް އަރްސަލް އެއްޗެއް ނުބުންޏެވެ.
"އަނެއްކާ އަރްސަލްއަށް ކަމުދާ ކުއްޖަކު މިހާރު ހޯދައިގެންތަ ތިއުޅެނީ" އެލެވޭޓާގެ ދޮރުހުޅުވުނީ އެވަގުތެވެ.
"ބައްޕާ" އަރްސަލްއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އޭނާއަކީ އެއްވެސް އިރަކު ހިތުގެ އިޙްސާސްތައް މީހަކާ ޚިއްޞާކުރާ ޒުވާނެއްނޫނެވެ. ޚާއްޞަކޮށް ބިލާލާ ދެމެދު ކުރީން އޮތް ކިލަނބުކަން ފިލައި ދިޔަޔަސް އެ ދެމެދުގައި އޮތް ދުރުކަން އަދިވެސް އެބައޮތެވެ. އަމިއްލަ ވާހަކަތައް ބިލާލާއި ޚިއްޞާކުރަން އަރްސަލްއަށް ވަގުތު ބޭނުންވާނެއެވެ.
"މިއަދު ފެނުނު ކުއްޖާ ވެސް ހީވޭ ވަރަށް ރަނގަޅު ކުއްޖެއްހެން، މިބުނީ ނިމްރާ... ތަފާތު ގޮތެއްހުރޭ، ދަރިފުޅުމެންގެ އިތުބާރު އެކުއްޖާ ހޯދައިފިހެން ހީވަނީ" ހޮޓެލުން ނުކުންނަން އަންނަމުން ވެސް ބިލާލު ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަތައް އަރްސަލް މެދުކަނޑާލިއެވެ. ބިލާލުގެ ކާރު އައިސްފައި އޮތްތަން ދައްކާލަމުން އަވަހަށް ބިލާލު ފޮނުވާލަން އޭނާ އުޅުނެވެ. އަރްސަލްއަށް ވެފައި ހުރި ގޮތް ފެނި ބިލާލަށް ހީނގަނެވުނެވެ. ދަރިފުޅުގެ ކޮނޑުގައި ޖަހާލުމާއެކު ކާރަށް އަރަން އައެވެ.
އެނބުރި ހޮޓެލަށް އައިސް ވަންއިރު އަރްސަލްގެ ތުންފަތުގައި ވެސް ވީ ހިނިތުންވުމެކެވެ. ބައްޕައާ ހުރިހާ ވާހަކައެއް ޚިއްޞާ ނުކުރެވުނަސް ނިމްރާ ކަމުގޮސްގެން އެ ވާހަކަދެއްކީތީ އަރްސަލްއަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް ލިބުނެވެ.
"ޝީ އިޒް ދި ބެސްޓް... އެންޑް އޮފްކޯޒް ޝީ އިޒް މައިން" އެލެވޭޓާ ތެރޭ އެކަނިވުމާއެކު އަރްސަލް ބުނެލިއެވެ. އަދި ލުއި ގޮތަކަށް ހީނގަތީ ލިބުނު ހިތްހަމަޖެހުން ފޮރުވުން ބޭނުންނުވެ ހުރެއެވެ.
* * * * *
ރޭގަނޑު އަށްގަޑި ބައިގައި އަޅުވައި ފިލްމު ބަލަން ރާދިންއާއި އަރްސަލްއާއެކު ޝިހާނާއާއި ނިމްރާ ތިބީ ސިނަމާގައެވެ. އެންމެ ފަހަތު ގޮނޑިބަރީގެ މެދުގައި ހަތަރު ޒުވާނުން ތިއްބެވެ. ފިލްމު ބަލަމުން ދިޔައިރު ދޭތެރެއަކުން ނިމްރާއަށް އަރްސަލް ގޮވާލައި ފެންފުޅި ދިއްކޮށްލައެވެ. ގިނައިރެއްނުވެ އަރްސަލްގެ ކޮނޑުގައި ނިމްރާ ބޯ އަޅާލުމުން ބަލާލިއިރު ނިމްރާ ހީވަނީ ނިދިއައިސްފައި އިންހެނެވެ. އަރްސަލްއަށް ބާރަށް ހީނގަނެވުނެވެ. އެއާއެކު ނިމްރާ ވެސް ބޯހިއްލާލައިފިއެވެ. ރާދިންއާއި ޝިހާނާ ވެސް އެ ދެމީހުންނަށް ބަލާލިއެވެ.
"ޔޫ ޑޯންޓް ލައިކް އެކްޝަން މޫވީޒް" އަރްސަލް އަހާލީ އޭނާއަށް އެކަން އެނގޭ ފަދައިންނެވެ.
"ފިލްމު ބަލަންށޭ މީނީ... އެންމެން މިދިމާ އެބަލަނީ... ދެން ފިލްމު ބަލާބަލަ" އަރްސަލްގެ ކޯތާފަތުގައި އަތްޖައްސާލާ ކޮއްޕާލަމުން އޭނާގެ މޫނު އިސްކުރީނާ ދިމާއަށް ނިމްރާ އަނބުރާލިއެވެ.
ފިލްމު ނިމުމުން ސިނަމާއިން ނުކުމެ ރާދިންއާއެކު ކާރަށް އެރިއެވެ. ރާދިން ކާރު ދުއްވަން އިނީތީ އަރްސަލް ގަސްދުގައި ކުރިއަށް ޝިހާނާ އެރުވިއެވެ. އަދި ފަހަތު ސީޓަށް ނިމްރާގެ ގާތަށް އަރްސަލް އެރިއެވެ.
"އަހަރުން ހޮޓެލަށް ވައްޓާލާފައި ތި ދެ މީހުން ދާތަނަކަށް ދޭ" ނިމްރާއަށް ބަލަން އިނދެ އަރްސަލް ބުނެލިއެވެ.
"މި ވާރޭގަ ތަނަކަށް ދެވޭތަ؟" ރާދިން ބުނެލިއެވެ.
ހޮޓެލް ކައިރީ ކާރު މަޑުކޮށްލުމުން ނިމްރާގެ އަތުގައި ހިފައިގެން އަރްސަލް ފޭބިއެވެ. އަތް ވަކިކޮށްލަން ނިމްރާ އުޅެއުޅެ އަރްސަލް އަތުން ދޫކޮށެއް ނުލިއެވެ. ރާދިން ކާރު ދުއްވާލުމުން ހޮޓެލްގެ ތެރެއަށް އަރްސަލް ވަދެގެން ދިޔައީ ވެސް ނިމްރާގެ އަތުގައި ހިފައިގެން ހުރެއެވެ. ލޮބީ ތެރެއިން ވަކި ހިސާބަކުން ނިމްރާގެ އަތުން އަރްސަލް ދޫކޮށްލީ އޭނާ މާ ބޮޑަށް ހިތްހަމަނުޖެހުނުކަން އެނގިގެންނެވެ. ޕްރައިވެޓް އެލެވޭޓާ ތެރެއަށް ދެ ޒުވާނުންނަށް ވަދެވުމުން އަރްސަލް ދުރަކު ނުހުއްޓެވެ.
"އަރްސަލް... ކެމެރާ..." ނިމްރާ ބުނެލިއެވެ. އެ އަޑު އަރްސަލް ނޭހިއެވެ. އޭނާ ބޭނުންވި ކަމެއް އޭނާއައީ ކުރަމުންނެވެ.
އެޕާޓްމެންޓަށް ނިމްރާއަށް ވަދެވުނު ގޮތެއް ވެސް އޭނާއަކަށް ނޭނގުނެވެ. އޭނާ ދައްކާ އެއްވެސް ވާހަކައެއް އަރްސަލް އަޑެއް ނާހައެވެ. އަރްސަލްގެ އަތްދަށުން ދެ މިގަނެގެން ނިމްރާ ދުވެފައި ކޮޓަރިއަށް އައެވެ. އެހެންނަމަވެސް ކޮޓަރިއަށް ވަދެވުނީ އަރްސަލްއާއެކުއެވެ.
"އަރްސަލް... އައި ނޯ ވަޓް ޔޫ ވޯންޓް... ބަޓް..." ނިމްރާގެ އުނަގަނޑުގައި ހިފައި ގެނެސް އަރްސަލްގެ ދެއަތުގެ ތެރޭ އޭނާ ހައްޔަރުކޮށްލުމުން ނިމްރާ ބުނެލިއެވެ.
"ދެން ލެޓް އިޓް ހެޕެން... ޑޯންޓް ސްޓޮޕް މީ" އަރްސަލް ބުނެލިއެވެ.
"އަރްސަލް" ނިމްރާއަށް ގޮތެއް ނިންމަން އުނދަގޫވިއެވެ.
"ނިމްރާ" އަރްސަލް ގޮވާލިއެވެ. ނިމްރާއާ ބައްދަލުވީ ފަހުން އަރްސަލް އޭނާގެ ނަމުން ގޮވާލި އެއީ ފުރަތަމަ ފަހަރެވެ. މި ނޫނީ ނިމްރާގެ ނަން އަރްސަލްގެ ދުލުން އޮޅިގެން ވެސް ނުކިޔައެވެ. ބޭއިޚްތިޔާރުގައި ނިމްރާއަށް އިސްއުފުލައި އަރްސަލްއަށް ބަލާލެވުނެވެ.
"ޓްރަސްޓް މީ... ނިމްރާ... އައި ވޯންޓް ޔޫ" އަރްސަލްގެ މޫނު ނިމްރާއާ ކައިރި ކޮށްލުމާއެކު ބުނެލިއެވެ. އަރްސަލްއަށް އިތުބާރުކުރަން ނިމްރާގެ ހިތްބުނީ އެވަގުތެވެ. ޖެހިލުންވެފައި ހުރެ ވެސް ނިމްރާ ބޯޖަހާލިއެވެ. އޭރު މޭގައިވި ނިމްރާގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ނިމްރާ ދެ ލޯ މަރާލީ އަރްސަލްގެ ބޮސްދިނުންތަކުން ހަށިގަނޑަށް ކުރެވެމުންދިޔަ އިޙްސާސްތަކުންނެވެ.
"އަރް...އަރްސަލް... ޔޫސް ޕްރޮޓެކްޝަން... ޕްލީޒް" ނިމްރާ ގެނެސް އެނދުގައި ބާއްވަން އުޅުނު ވަގުތު އޭނާ ބުނެލިއެވެ.
"އައި ޑޯންޓް ހޭވް އިޓް" އަރްސަލް ބުނެލިއެވެ. މަޑުމަޑުން ނިމްރާއާ ދުރަށް ޖެހިލުމަށްފަހު އަރްސަލް އޭނާއަށް ބަލާލިއެވެ. އިސްތަށިގަނޑުގައި ދެއަތުން އަތްފުނާ އަޅާލުމާއެކު ފުންނޭވާއެއް އަރްސަލް ދޫކޮށްލިއެވެ.
"ވެއިޓް ހިއާ... ޑޯންޓް މޫވް" ނޭވާ ކުރުވެފައި ހުރި އަރްސަލް ބުނެލިއެވެ. އަދި ހަލުވިކޮށް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ނިމްރާއަށް މޫނުގައި ދެއަތްތިލަ އަޅައި ފޮރުވާލެވުނެވެ. ކުރެވެން މިއުޅޭ ކަމަކުން ނުކުމެދާނެ ނަތީޖާއަކާ މެދު އޭނާއަށް ވިސްނެނީއެވެ.
އެނދުގައި އިން ގޮތަށް ނިމްރާ އިނީ ވިސްނުމަކަށް ގެއްލިފައެވެ. އަރްސަލް ދިޔަ ފަހުންވީ ކިހާ އިރެއްކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. ސިހުންވީ ކޮޓަރިއަށް މީހަކު ވަނުމުންނެވެ. އޭރު ތެމި ފޯވެފައި ހުރި އަރްސަލް ކޮޓަރިއަށް ވަދެ ދޮރުލައްޕާލަނީއެވެ. އޭނާ މާނޭވާ ލަމުންދިޔަ ގޮތުން ހީވަނީ އެ އައީ ދުވެފައި ހެންނެވެ. ނިމްރާއަށް އެނދުން ތެދުވެވުނެވެ.
"ޔޫ އާ ކްރޭޒީ" އަރްސަލް ހިނިތުންވެލަމުން ޖީބުން ނެގި ޕެކެޓު ބޮނޑި ދައްކާލުމުން ނިމްރާ ބުނެލިއެވެ.
"އައި ނޯ... ރައިޓް ނައު... އައި އޭމް ކްރޭޒީ ފޯ ޔޫ" އަރްސަލް ކުރިއަށް ޖެހިލައި ނިމްރާއަށް އަތްދިއްކޮށްލިއެވެ. (ނުނިމޭ)