ހަބަރު

ވޯޓްލުމުގެ ހައްގަށް ސަރުކާރުން އަރައިގަންނަ ކަމަށްބުނެ އިދިކޮޅުން އެޗްއާރްސީއެމަށް

ވޯޓް ލުމުގެ ހައްގަށް އުނިކަން ލިބޭގޮތަށް ސަރުކާރުންނާއި އިލެކްޝަން ކޮމިޝަނުން އަމަލު ކުރަމުންދާ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް، އެޗްއާރްސީއެމްގެ މެންބަރުންނާއި ބައްދަލު ކުރައްވައިފި އެވެ.

އެޗްއާރްސީއެމްގެ މެންބަރުންނާއި ބައްދަލު ކުރުމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕާޓިތަކުގެ އިސްވެރިން ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިނާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދާމާއި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ފަޅީގެ އިސްކޮށް ހަރަކާތްތެރިވާ އައިމިނަތު ނާދިރާ އަދި އިތުރު މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

އެޗްއާރްސީއެމްގެ އިތުރުން މި މައްސަލަ އެހެނިހެން މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށްވެސް އިދިކޮޅުން ބުންޏެވެ.

އިދިކޮޅުން އެޗްއާރްސީއެމަށް މިއަދު ގޮސްފައިވާއިރު، ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ، މިނިވަން އިންސާފުވެރި އިންތިހާބަކަށް ޖާގަނުދީ ސަރުކާރުގެ ނުފޫޒާއި ބާރުން އިލެކްްޝަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމުގެ ހެއްކަކީ އިންތިހާބަށް 54 ދުވަހަށްވެފައިވާއިރު އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ކުރުމަށް އެއްވެސް ޖާގައެއް ދީފައިނުވާ ކަމަށް ސަމީރު ވިދާޅުވި އެވެ.

"ހަމައެކަނި އަބުދުﷲ ޔާމީނަށް ކެމްޕެއިން ކުރެވޭނެ ގޮތަކަށް ދިވެހި ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން އަދި ދައުލަތުގެ މުއައްސަސާތައް ބޭނުން ކޮށްގެން ކުރިޔަ ނުދޭނަން،" ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ، ކެމްޕެއިނަށް ހުރަސް އަޅަމުން ގެންދާތީވެ، ޕާޓީތަކާއި ޕާޓީތަކުގެ ލީޑާޝިޕާއެކު މުއައްސަސާތަކަށް މައްސަލަ ހުށަހަޅަންދާނެ ކަމަށެވެ. އަދި ވިދާޅުވީ، ރައީސް ޔާމީންގެ ނުފޫޒާއި ބާރުން ދައުލަތުގެ މުއައްސަސާތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން މީހުންވެސް ބޭނުންކޮށްގެން ކުރަމުންދާ ކަންކަން ހުއްޓާނުލާހާ ހިނދަކު މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމަށެވެ.

ސަމީރު ވިދާޅުވީ، ކެމްޕެއިން ދަތުރުތަކަށް ޕީޕީއެމުން ސްޓެލްކޯގެ ދެ ލޯންޗު ވެސް ބޭނުން ކުރަމުންދާ ކަމަށެވެ. އަދި ޕީޕީއެމުން މާލެއާ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ދިދަފަތިތައް ދަމަމުން ގެންދާ ކަމަށާއި އެކަން ކުރަމުން ގެންދަނީ ފުލުހުން ބޭނުން ކޮށްގެން ކަމަށްވެސް ސަމީރު ވިދާޅުވި އެވެ.

އެޗްއާރްސީއެމުން ނިކުމެވަޑައިގެން ޕްރެސްއާ ބައްދަލުކޮށް ނިޔާޒް ވިދާޅުވީ، އެޗްއާރްސީއެމާ ބައްދަލު ކުރީ، ރީރެޖިސްޓްރޭޝަން ކުރިއަށްދާގޮތުން ވަރަށް ގިނަ ބައެއްގެ ވޯޓްލުމުގެ ހައްގު ގެއްލިދާނެތީ، އެކަމާދެތެރޭ އެޗްއާރްސީއެމުން އަމަލު ކުރަމުންދާ ގޮތާއި އެކަމާ ގުޅުން ހުރި ޝަކުވާތައް ހުށަހެޅުމަށް ކަމަށެވެ.

"މީގަ އެބައުޅޭ އޮޅުވާލައިގެން ރީރެޖިސްޓްރޭޝަން ކުރިއަށްގެންދާ ޝަކުވާއާ، ސިވިލް ސާވިސް މުއައްޒަފުން މެދުވެރިކޮށް ގަދަބާރުން ވެރިން މެދުވެރިކޮށް ރަޖިސްޓަރީ ކުރާ މައްސަލައާ އަދި ރަޖިސްޓްރީ ކުރާ ފޯމްތައް އިލެކްޝަން ކޮމިޝަނާ ހަމައަށް ނުދާ މައްސަލައާ، މިކަންކަން ވާނީ ހިއްސާކޮށްފަ،" ނިޔާޒް ވިދާޅުުވި އެވެ.

ނިޔާޒް ވިދާޅުވީ، މި މައްސަލަަތައް އެޗްއާރްސީއެމުންވެސް ބަލަމުން ގެންދާ ކަމަށާއި އެބޭފުޅުން އިންތިހާބުގެ ކަންކަން މޮނީޓާ ކުރަމުންދާ ކަމަށެވެ. އަދި މޮނީޓާ ކުރުމަށްފަހު މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެތޯ ނުވަތަ ނޫންތޯ ޕާޓީތަކާ ހިއްސާ ކުރައްވާނެ ކަމަށެވެ. ނަމަވެސް އަދި އެއްޗެއް ދަންނަވަން އަވަސް ކަމަށް އެޗްއާރްސީއެމުން ބުނެފައިވާ ކަމަށްވެސް ނިޔާޒް ވިދާޅުވި
އެވެ.