ހަބަރު

ރިކަވަރީ ކޮމިޝަންގެ މެންބަރަކު ވަކިކޮށް އާ ބޭފުޅަކު އައްޔަންކޮށްފި

ސެޓޭޓް އެސެޓް ރިކަވަރީ ކޮމިޝަންގައި ހިމެނޭ މެންބަރަކު ވަކި ކުރުމަށް ފަހު އެ ކޮމިޝަނަށް އާ ބޭފުޅަކު ހަމަޖައްސަވަން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރު ކަމުން ފައިނޭންޝަލް ކޮންޓްރޯލާ، ހަދީޖާ ހުސެއިން ވަކި ކުރަން ރައީސް ޔާމީން މިއަދު ނިންމަވާފައިވާ ކަމަށެވެ. އަދި އޭނާގެ ބަދަލުގައި ބ. އޭދަފުށީ ދިގަލި މައުސޫމާ ޔޫސުފް އެ މަގާމަށް އައްޔަންކޮށްފައިވަ ކަމަށް އެ އޮފީހުން ބުންޏެވެ. އެސެޓް ރިކަވަރީ ކޮމިޝަނަށް އެ ބަދަލު ގެންނަވަން ނިންމި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

ފަަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެސެޓްސް ރިކަވަރީ ކޮމިޝަން އުފެއްދީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ކަމާ ބެހޭ މުއައްސަސާތަކުން އެކަށީގެންވާ ވަރަށް ފިޔަވަޅު އަޅާތޯ ބަލައި އެ މުއައްސަސާތަކުން ނިންމާފައި ހުރި މައްސަލަތަކުގެ ރިޕޯޓުތައް ދިރާސާކޮށް، ނުހޯދި ހުރި ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށެވެ. އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓަރު އަހުމަދު އަޒްލީންއާ، ޑރ. އިބްރާހިމް މަހަފޫޒްއާ، ރޭނިސް އަހުމަދު ސަލީމް އަދި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުހުތާޒުގެ އިތުރުން މިއަދު އެ މަގާމަށް އައްޔަން ކުރި މައުސޫމާ ޔޫސުފް އެވެ.