ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކް ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް މި މަޖިލީހުން ގެނެސްފައިވާ އިސްލާހު ބަދަލު ކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިރޭ ވިދާޅުވެއްޖެ އެވެ.
އިބޫ މިހެން ވިދާޅުވީ، އެމްޑީޕީގެ ޔޫތް ވިންގުން އިސްނަގައިގެން ޒުވާނުންގެ ސުވާލުތަކަށް އިބޫގެ ޖަވާބު ހޯދުމަށް މިރޭ ބޭއްވި ހާއްސަ އިވެންޓްގަ އެވެ.
އެ އިވެންޓްގައި ޒުވާނަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ، ބޭރު މީހުންނަށް ބިން މިލްކް ކުރެވޭ ގޮތަށް އޮތުމަކީ އޭނާ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އެ އިސްލާހު ގެންނަން ވޯޓު ދެއްވާފައިވެސް ނުވާނެ ކަމަށެވެ.
ގާނޫނު އަސާސީއަށް އެ އިސްލާހު ގެނެސްފައިވަނީ އެމްޑީޕީގެ ބައެއް މެންބަރުންގެ ވޯޓާ ވެސް އެކުގަ އެވެ. އިބޫ ވިދާޅުވީ، އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގައި ގޮތް ނިންމަނީ މަޝްވަރާކޮށްގެން ކަމަށާއި އެ ދުވަހު ނެރުނީ ފްރީ ވިޕްލައިން ކަމެއް ކަމަށެވެ. އެ މެންބަރަކު ބޭނުންވާ ގޮތަކަށް އެ އިސްލާހަށް ވޯޓު ދިނުމަށް ބައްދަލުވުމުގައި ނިންމި ކަމަށެވެ.
އޭނާ އެ އިސްލާހަށް ވޯޓު ނުދެއްވީ ބޭރު މީހުންނަށް ރާއްޖޭގެ ބިންތައް މިލްކް ކުރެވުމަކީ އޭނާ ގަބޫލު ކުރައްވާ ކަމަކަށް ނުވާތީ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން އެ އިސްލާހަށް ވޯޓު ދެއްވާފައިވާތީ އޭގައި ނަގަންޖެހޭ ޒިންމާތައް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ ހައިސިއްޔަތުން ނަންގަވާ ކަމަށް ވެސް ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އެކަން ބަދަލު ކުރައްވާނެ ކަމަށެވެ. އެހެން އެކަން އޮތުމަށް އެއްވެސް ވަރަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ގާނޫނު އަސާސީއަށް އެ އިސްލާހު ހުށަހެޅުއްވީ 2015 ވަނަ އަހަރު އެވެ. އެ އިސްލާހުގައިވާ ގޮތުން އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓެއްކުރާ ބޭރުގެ ފަރާތަކަށް ރާއްޖެއިން ބިމެއް މިލްކް ކުރެވިދާނެ އެވެ.