މޯލްޑިވްސް އިންލެޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދޭ "ރަންލާރި އެވޯޑު" ގައި ދެ އެވޯޑެއް އުރީދޫ މޯލްޑިވްސް އަށް މިއަހަރު ލިބިއްޖެ އެވެ.
ދަރުބާރުގޭގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އުރީދޫ މޯލްޑިވްސް އަށް މި އަހަރު ލިބިފައިވަނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) އެންމެ ގިނައިން ދެއްކި ކުންފުނިތަކުގެ ތެރޭގައި ހިމެނިގެން ލިބުނު އެވޯޑަކާއި ޓޫރިޒަމް ދާއިރާ ނޫން ވިޔަފާރިތަކުން ބޮޑެތި ވިޔަފާރީގެ ކެޓަގަރީގައި ހިމެނޭ ބައިން ލިބުނު އެވޯޑެކެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ވަނީ މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ) ދެއްކި ކުންފުނިތަކުގެ އެވޯޑު ވެސް ލިބިފަ އެވެ.
ރާއްޖޭގައި 2005 ވަނަ އަހަރުން ފެށިގެން މުއާސަލާތީ ހިދުމަތް ދެމުން ގެންދާ ކުރީގެ ވަތަނިއްޔާ ޓެލްކޮމް މޯލްޑިވްސް ނުވަތަ މިހާރުގެ ގޮތުންނަމަ އުރީދޫއަށް މިދިޔަ ހަފުތާގައިވަނީ ރާއްޖޭގައި ހިދުމަތް ދޭތާ 13 އަހަރު ފުރިފަ އެވެ. އަދި އެ ކުންފުނިން ވަނީ މިދިޔަ އަހަރު ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް، ދިވެހިން ހިއްސާވާ ކުންފުންޏަކަށްވެފަ އެވެ.
ރަންލާރި އެވޯޑު މިއަހަރު ވެސް 11 ދާއިރާއަކުން 17 ފަރާތަކަށް ލިބިފައިވެ އެވެ. މި އެވޯޑުގައި ޓޫރިޒަމް ދާއިރާ ވަނީ ތިން ބަޔަކަށް ބަހާލާފަ އެވެ. އެއީ 150 އެނދަށްވުރެ މަދާއި 150-200 އެނދު އަދި 250 އަށްވުރެ ގިނަ ރިސޯޓުތައް ހިމެނެ އެވެ. މި އަހަރުގެ އެވޯޑުތައް ދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބް އަބްދުﷲ ޖިހާދު އެވެ. މި އަހަރު އެވޯޑު ލިބުނު ފަރާތްތަކުގެ ތެރޭގައި:
- ބީޕީޓީ އެންމެ ގިނައިން ދެއްކި ތިން ފަރާތް: އުރީދޫ ޓީއެމްއޭ އަދި އިންފްލައިޓް ކޭޓަރިން
- 150 ފަންސާސް އެނދަށް ވުރެ ގިނަ: ވަން އެންޑް އޮންލީ ރީތިރަށް (ހަތަރު ވަނަ އަހަރު)
- 150-250 އެނދު ރިސޯޓުގެ ގިންތި: ލަނޑާ ގިރާވަރު (ތިންވަނަ އަހަރު)
- 150 އަށްވުރެ ގިނަ އެނދު: ޝެވަލް ބްލޮންކް ރަންދެލި
- ޓީޖީއެސްޓީ، ޓްރެވަލް އެޖެންސީ: ކްރައުން
- ޓީޖީއެސްޓީ، ހޮޓާ އެވޯޑު: އެޗްއައިއެފް (ހަތަރުވަނަ އަހަރު)
- ޓީޖީއެސް، އުޅަނދު ފަހަރު: ފޯސީޒަން އެކްސްޕޯރާ
- ޓީޖީއެސްޓީ، ގެސްޓްހައުސް: އޯޝަން ގްރޭންޑް (2016 ވަނަ އަހަރު ލިބުނު)
- ޓޫރިޒަމް ނޫން، ބޮޑެތި ވިޔަފާރި: އުރީދޫ މޯލްޑިވްސް
- ޓޫރިޒަމް ނޫން، މެދު ފަންތި: ޑީބްލޫ
- ޓޫރިޒަމް ނޫން، ކުދި ވިޔަފާރި: ކޮޕިއަ ޕްލަސް
- ވިތުހޯލްޑިންގް: ރީތިރަށް ރިސޯޓް
- ބޭންކް ޕްރޮފިޓް: ބީއެމްއެލް (ހަތަރު ވަނަ އަހަރު)
- ސަރުކާރު ކުންފުނި: ދިރާގު (2016ވަނަ އަހަރު ހޯދި)
މީރާގެ އަށް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި "ރަންލާރި އެވޯޑު" ދޭން ފަށާފައިވަނީ މީގެ ތިން އަހަރު ކުރިންނެވެ. މިއެވޯޑު އެކި އަހަރުތަކުގައި ލިބިފައިވަނީ އެކި ކުންފުނިތަކަށެވެ. މީރާއިން މިރޭ ބޭއްވި ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ މީރާއިން ކުރި މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް އަހަރީ ރިޕޯޓު ވަނީ ނެރެފަ އެވެ.