ހަބަރު

އެމްފައިސާއިން މީރާއަށް ފައިސޭދެއްކޭ ގޮތް ހަދައިފި

އުރީދޫ "އެމް-ފައިސާ" މެދުވެރިކޮށް މީރާގެ ބައެއް ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ގޮތް ހަދައިފި އެވެ.

ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ބަލައިގަތުމަށް ހާއްސަކޮށްފައިވާ ވާރުޕޭ އިން އުރީދޫ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހެދުމަށް މިއަދު ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.

އުރީދޫން ބުނީ، ޑިޖިޓަލް ޕޭމަންޓް ހިދުމަތާ އެކު، ކަސްޓަމަރުންނަށް މީރާއަށް ވަގުތުން ވަގުތަށް ފައިސާ ދައްކާ، އެންމެ ފަހުގެ އަޕްޑޭޓްތައް ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެ ކަމަށެވެ. އަދި އާއްމުންނާއި ކުންފުނިތަކަށްވެސް، އެއްގަމު އުޅަނދުފަހަރާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ އާއި ކުންފުނީގެ ފީ އާއި ޖޫރިމަނާތަކާއި މުދަލު ޒަކާތް، 'ވާރު ޕޭ' ގައި ހިމެނިފައިވާ އެމް-ފައިސާ އޮޕްޝަން މެދުވެރިކޮށް ދެއްކޭނެ ކަމަށެވެ.

އުރީދޫ އެމް-ފައިސާ އަކީ ފައިސާ ޖަމާކުރުމަށާއި ނެގުމަށާއި ޓްރާންސްފަރ ކުރުމަށް އަދި ވިޔަފާރިކުރުމުގައި ފައިސާ ދެއްކުމަށް ކޮންމެ ވަގުތެއްގައިވެސް ބޭނުންކުރެވޭ ޑިޖިޓަލް ޕޭމަންޓް ހިދުމަތެކެވެ.