ގައުމީ ފުޓްބޯޅް ޓީމް

ޒުވާން ކުޅުންތެރިންނަށް ދޫކޮށްނުލަންވީ ކީއްވެ؟

ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް ވުރެ އިސްކަން ދޭނީ، ކުރިއަށް އޮތް ޖީލަށް ޓީމެއް ވާދަ ކުރަން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ވިދާޅުވީ މާޗް މަހު އެވެ. ބައްސާމްގެ އެ ވާހަކައިން އުންމީދު ކުރީ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއިންވެސް ނެރޭނީ ޒުވާން ޓީމެއް ކަމަށެވެ.

ސްކޮޑު އިއުލާން ކުރިއިރު އެ ސްކޮޑްގެ ޑޮމިނެންސް އޮތީ ސީނިއާ ކުޅުންތެރިންގެ އަތުގަ އެވެ. ޒުވާން ކުޅުންތެރިންނަށް އިތުބާރު ކުރާކަމަށް ދެއްކެން އޮތް ޕްލެޓްފޯމްއަކީ ގައުމީ ސްކޮޑެވެ. ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނު ގުރޫޕްގެ ގޮތުން ގުރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމުގެ ފުރުސަތު ބޮޑެވެ. އެހެންވީއިރު ޒުވާން ސްކޮޑެއް ނެރެގެންވެސް އެކަން ކުރެވިދާނެ އެވެ.

ގުރޫޕް ސްޓޭޖުގައި ރާއްޖެއާ ވާދަ ކުރާ، އިންޑިއާއިން ނެރުނީ 23 އަހަރުން ދަށުގެ ޓީމެވެ. ލަންކާގެ އެޓޭކިންލައިންގައި ނިސްބަތުން ޒުވާން ކުޅުންތެރިން ގިނަކަން އެ ޓީމުން އެންމެ ފަހުން ލިތުއޭނިއާ އާދެކޮޅަށް ކުޅުނު މެޗުން އެނގިގެން ދިޔަ އެވެ. ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ފާހަގަ ކުރާ ގޮތުގައި ރާއްޖޭގެ އެޓޭކިން ޑިޕާޓްމެންޓްގެ ކުޅުންތެރިންނަކީ ހަލުވި ބާރު ކުޅުންތެރިންތަކެވެ. ދިވެހި ކުޅުންތެރިންގެ ގައިގައި މަދީ ޓެކްޓިކްސްކަން އޭނާގެ ފުރަތަމަ ޕްރެސްކޮންފަރެންސްގައިވެސް ބުންޏެވެ.

އެ ޕްރެސްކޮންފަރެންސްގައި އޭނާ ދެއްކި އެންމެ މުހިންމު ވާހަކައަކީ ރާއްޖޭގެ ގައުމީ ޓީމަށް އާ ކުޅުންތެރިން ނެރެދޭނެ ވާހަކައެވެ. އޭނާގެ ފުރަތަމަ ދެ މެޗުގައި އާ ޒުވާން ކުޅުންތެރިންނަށް ކޮންމެވެސް ވަރަކަށް ފުރުސަތު ދިނެވެ. ޓީސީގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އަށް ގައުމީ ޓީމުގެ ކެރިއާ ފަށަން ލިބުނީ އެ ދެ މެޗުންނެވެ. އީގާލްސްގެ އަހްމަދު ނާއިމް އާއި ނިއު ރޭޑިއަންޓްގެ ރިހާމް (ބޮބީ)، ގްރީން ސްޓްރީޓްގެ އަބްދުﷲ ޔާމީން ވެސް މި ލިސްޓްގައި ހިމެނެ އެވެ.

ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗަށް އެފްއޭއެމްގެ ވިސްނުން ގެންގުޅުނީ މުޅިން ޒުވާން ޓީމެއް ނެރުމަށެވެ. އެކަން އެނގެނީ މާޗް މަހު ޝެގަޓްގެ އިންޓަވިއުގައި ދެއްކި ވާހަކައިންނެވެ. ނަމަވެސް އޭނާ ބޭނުންވީ މަސްހުނި ކުޅުންތެރިން ހިމެނޭ ޓީމެއް ނެގުމަށެވެ. ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި، ޑޮމިނޭޓް ކުރީ ޓީމަށް އަލަށް ކުޅެންފެށި ކުޅުންތެރިނާ ޒުވާން ކުޅުންތެރިންނެވެ. ނަމަވެސް ރާއްޖޭގައި ޒުވާން ކުޅުންތެރިންނަށް ލިބޭ ފުރުސަތާއި އޮތް ޖާގަ އެހާ ފުޅާ ކަމަށް ބުނެވޭކަށް ނެތެވެ.

ބަންގުލަދޭޝްގައި 2016 ވަނަ އަހަރު ކުރީ ކޮޅު ބޭއްވި ބަންގުބަންދު ގޯލްޑްކަޕަށް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށްޓަކައި ބައެއް ސީނިއާ ކުޅުންތެރިން ޓީމުން އަމިއްލަ އެކަހަެރިވެލިއެވެ. އެ މުބާރާތުގައި ވާދަ ކުރި އެހެން ގައުމުތަކުންވެސް ފުރުސަތު ދިނީ ޒުވާން ކުޅުންތެރިންނަށެވެ. އެ މުބާރާތުން މުޅި ސްކޮޑްގައި ޒުވާން ކުޅުންތެރިން ހިމެނި ނަމަ މިހާރު ސްކޮޑު ޓްރާންސިޝަނަލް ކުރެވުނީހެވެ.

ފުޓްބޯޅައިގެ ހަގީގަތަށް ބަލާއިރު ކަމެއް ބަދަލު ކުރަން ބޭނުންނަމަ ޒުވާން ކުޅުންތެރިންގެ ކިބައިން އެކަމެއް ބަދަލު ކުރަން ފަސޭހަ ވާނެ އެވެ. ސީނިއާ ކުޅުންތެރިންގެ ތަޖުރިބާއާއި ކޮލިޓީ ހުރުމުން އާ ގޮތަކަށް ބަދަލު ކުރަން އެ ކުޅުންތެރިންނަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ގައުމީ ކޯޗަކަށް ހުންނަ މީހަކަށް އޭނާ ބޭނުންވާ ގޮތަކަށް ރާއްޖޭގެ ފުޓްބޯޅަ ކުރިމަގުގައި ބަދަލު ކުރެވޭނީ ޒުވާން ކުޅުންތެރިންނަށް ބޮޑު ފުރުސަތެއް ލިބިގެންނެވެ.

މާޗް މަހު އެފްއޭއެމްގެ ރައީސް އިއްުލާން ކުރި ވާހަކައިން، ޒުވާން ކުޅުންތެރިންނަށް އުންމީދެއް ލިބޭނެ އެވެ. ނަމަވެސް ސްކޮޑް ނެގިއިރު ސީނިއާ ކުޅުންތެރިން ގިނައިން ހިމެނުމުން ފައިނަލު ސްކޮޑުގެ ތެރޭގައި ހިމެނުމުގެ އުންމިދު ޒުވާން ކުޅުންތެރިންނަށް ކުޑަ ވާނެ އެވެ. އިންޑިއާއިން ރިސްކެއް ނަގާފައިވެސް ޒުވާން ޓީމެއް ވާދަ ކުރަނީ ޓެސްޓެއް ކުރުމަށެވެ. ކާމިޔާބު ވެއްޖެއްޔާ، ސާފް ޗެމްޕިއަންޝިޕަށް ގެންދާ ސްކޮޑްގައި ހިމެނޭ ޖީލު ވާނީ ކުރިއަށް އޮތް 10 އަހަރުގައި އިންޑިއާގެ ފުޓްބޯޅަ ޑޮމިނޭޓް ކުރާނެ ޖީލަށެވެ. މުބާރާތް ލާޒިމު ނޫންކަމަށް ވިދާޅުވާއިރު ގައުމީ ޓީމުގެ މުޅި ލަގަން ޒުވާން ކުޅުންތެރިންނަށް ދޫކޮށްނުލަންވީ ކީއްވެ ހެއްޔެވެ. ކޯޗުވެސް ރިކްކު ނަގަން ބިރު ގަންނަނީ ހެއްޔެވެ.