ބޮލީވުޑް

އަކްޝޭއާއި ކަރީނާގެ ފަރާތުން "ގުޑް ނިއުސް"

ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރް އޭނާގެ އާ ފިލްމު "ގުޑް ނިއުސް" އިއުލާނުކޮށްފި އެވެ. މި ފިލްމުގައި ލީޑުން ފެނިގެންދާނީ އަކްޝޭ ކުމާރް އާއި ކަރީނާ ކަޕޫރް ޚާން އެވެ. ދިލްޖީތް ދޮސާނިއާ އާއި ކިއާރާ އަދްވާނީ ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.

ޓުވިޓާ މެދުވެރިކޮށް ކަރަން ވަނީ މި ފިލްމު ގެނެސްދޭކަން ކަށަވަރުކޮށްދީފަ އެވެ. މި ފިލްމު ގެނެސްދެނީ ދަރްމާ ޕްރޮޑަކްޝަންގެ ކުޑައިގެ ދަށުންނެވެ.

އަކްޝޭއާއި ކަރީނާ ވަނީ މީގެ ކުރިން އެކުގައި ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އެ ފިލްމުތަކުގެ ތެރޭގައި "އަޖްނަބީ"، "ކަންބަކްތު އިޝްކް"، "ތަޝަން" އަދި "އޭތިރާޒް" ހިމެނެ އެވެ. ދިލްޖީތްއާއެކު ކަރީނާ މަސައްކަތްކުރާނެ މިއީ ދެ ވަނަ ފިލްމެވެ. މީގެ ކުރިން އެ ދެމީހުން އެކުގައި މަސައްކަތްކުރީ ފިލްމު "އުޑުތާޕަންޖާބު" ގަ އެވެ.

ކަރަން ޖޯހަރް ކުރި ޓުވީޓް.

ކޮމެޑީ ފެމިލީ ޑްރާމާއެއްގެ ގޮތަށް ގެނެސްދޭ މި ފިލްމަކީ އަލަށް ކައިވެނިކޮށްގެން އުޅޭ ދެމަފިރިއަކު ދަރިއެއް ހޯދުމަށް ކުރާ އުއްމީދު ދައްކުވައިދޭ ފިލްމެކެވެ. އަކްޝޭއާއި ކަރީނާ ކުޅޭނީ މިކަހަލަ ދެމަފިރިއެއްގެ ރޯލެވެ. އަދި ދިލްޖީތްއާއި ކިއާރާވެސް ފެނިގެންދާނި ދެމަފިރިންގެ ރޯލުންނެވެ.

ރާޖް މެހެތާ ޑައިރެކްޓުކުރާ މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު ޖުލައި 19 ގަ އެވެ.