ހޮލީވުޑް

ހިލަރީއާ ސްޓީވެން ގުޅިގެން ސީރީޒެއް ގެނެސްދެނީ

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން އާއި ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު/ޕްރޮޑިއުސަރު ސްޓީވެން ސްޕީލްބާގް ގުޅިގެން ޓީވީ ޑްރާމާ ސީރީޒެއް ގެނެސްދިނުމަށް ތައްޔާރުވާން ފަށައިފި އެވެ. މި ސީރީޒްއަކީ ސިޔާސީ ދާއިރާގައި އަންހެނުނަށް ކުރިމަތިވެފައިވާ ދަތި އުނދަގޫތަކަށް ހާއްސަކޮށް ގެނެސްދޭ ސީރީޒެކެވެ.

މި ސީރީޒް ތައްޔާރުކުރަނީ ވާހަކަ ލިޔުންތެރިޔާ އިލޭން ވީސްގެ ވާހަކަ ފޮތް "ދި ވުމަންސް އަވާ: ދި ގްރޭޓް ފައިޓް ޓު ވިން ދަ ވޯޓް" ގެ މައްޗަށެވެެ. މި ވާހަކައިގައި ކިޔައިދެނީ އަންހެނުނަށް ވޯޓުލުމުގެ ހައްގު ހޯދައިދިނުމަށް މަސައްކަތްކުރި އަންހެން ސިޔާސީ ލީޑަރެއްގެ ވާހަކަ އެވެ.

މި އަންހެން މީހާއަކީ 1920 ގެ ކުރިން އެމެރިކާގެ ވޯޓް ލުމުގެ ގާނޫނު އެކުލަވާލާފައި އޮތް ގޮތަށް އިސްލާހު ގެނެއުމަށް ވަރަށް އިސްކޮށް މަސައްކަތްކުރި މީހެކެވެ. އެ ގާނޫނު އޭރު އޮތް ގޮތުން އަންހެނުނަށް ވޯޓުލުމުގެ ހައްގެއް ނުލިބެ އެވެ.

"ވޯޓް ފޮށްޓަކީ ޑިމޮކްރަސީއެއްގައި ވަރަށް މުހިންމު އެއްޗެއް. އިލޭންގެ ވާހަކައިގައި މި ވާހަކަ ވަރަށް ރަނގަޅަށް ކިޔައިދީފައިވޭ. މި ވާހަކައިގައި މި ކިޔައިދެނީ އިގްތިސާދީ، ސިޔާސީ އަދި ނަސްލީ ތަފާތުކުރުންތަކާއި ވަރަށް ހިތްވަރުގައި ކުރިމަތިލި އަންހެން ލީޑަރެއްގެ ވާހަކަ. އަދި އެންމެ މުހިންމުކަމަށް އަންހެނުނަށް ވޯޓް ލުމުގެ ހައްގު ހޯދައިން މީހާގެ ވާހަކަ." ހިލަރީ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ހޮލީވުޑް ރިޕޯޓާއިން ބުނިގޮތުގައި ހިލަރީ 70، މަސައްކަތްކުރާނީ މި ސީރީޒްގެ އެގްޒެކެޓީވް ޕްރޮޑިއުސަރުގެ ގޮތުގަ އެވެ. އަދި މި ސީރީޒް ޕްރޮޑިއުސްކުރާނީ ސްޓީވެން 71، ގެ އެބްލިން ޓެލެވިޜަން އިންނެވެ. މި ސީރީޒް ގެނެސްދޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.