ވާހަކަ

މޮޔައެއްގެ މޮޔަ ހެއްދުން

"ކުޑަ އަލީ!!؟" އެހެރަ ދަނީ ކުޑަ އަލީތަ؟ "ކައިރީގައި ހުރި އިސްމާލުފުޅުގެ ގައިގައި ކޮށްޓާލަމުން އެހެން ބުނިއިރު، މޫސާފުޅު ހުރީ ދެން ބުނަންވީ ކީކޭކަން ނޭނގިފައެވެ.

"އާން އެއީ ހަމަ އޭނަ. އެކަމަކު އެހެންވާނީ ކިހިނެތް؟" އިސްމާލުފުޅަށްވެސް ކުރެވުނީ ސުވާލެކެވެ. އެސުވާލުގެ ޖަވާބު ހޯދުން އެއީ އެދެމީހުންނަށްވެސް މުހިންމު ކަމެކެވެ. އެއީ އެ ޖަވާބެއްގައި އެންމެ ބޮޑު މޮޔަހެއްދުން ގުޅިފައިވާ ސުވާލްކަމަށްވާތީއެވެ. އެކަމަކާ މަތިކޮށް އެދެމީހުންނަށް އެއްލޭ ބަހުގެ ހަމަލާތަކަށް އަދި އަދަށްދާންދެންވެސް ހުއްޓިފައި ނުވާތީއެވެ. އެއްބައެއްގެ ނަޒަރުގައި އެމީހުން ހިންގީ ޖަރީމާއެކެވެ. ކަންވީގޮތް އެކަކަށްވެސް ނޭނގޭނެއެވެ. ކަންވީގޮތް ނޭނގުނަސް ދޫ ދެއްވާފައި ވީތީ، ހިތުގައި އޮތް އެއްޗެއް ހިތަށް އެރިގޮތަކަށް ކިޔަނީ އެވެ. އެއީ އިންސާނީ ޠަބީޢަތުގައި ހަރުލާފައިވާ ނުބައި އާދައަކަށްވާތީއެވެ.

" މި މޮޔަ ކަލޭގެ އަހަރެމެންނަށް ލަނޑުދީފަ އައިސް މާލޭގަ ދޯ މިއުޅެނީ. ބަލާބަލަ ހެދިލާފަ ހުރިވަރު، އޭނާ ހީވޭތަ މޮޔައެއްހެން" ދެ މީހުންގެ ކުރިން، ހައެއްކަ ފޫޓު ދުރުން ހިނގަމުންދިޔަ މީހާގެ ފަސްފަހަތުން ބޮނދަމުން ކަހަލަ ގޮތަކަށް ހިނގައި ގަންނަމުން އިސްމާލުފުޅު ބުނެލިއެވެ. ކަންފަތުގައި މޮބައިލް ފޯނު ޖަހައިގެން ހުރެ އެމީހާ ގޮސް އެރީ އަމިއްލަ ކާރަކަށެވެ.

މޫސަފުޅާއި އިސްމާލުފުޅުވެސް ކުލީ ކާރެއް ހޯދައިގެން އެމީހެއްގެ ބޯކޮޅު ބަލަމުން ފަސްފަހަތުން ދިޔައެވެ. ފަސްވަރަކަށް މިނެޓްފަހުން އެމީހާ ގޮސް ފޭބީ ވަރަށް ރީތިކޮށް ހަދަފައިވާ ގެއެއްގެ ކުރިމައްޗަށެވެ. ކާރުން ފޭބުމަށްފަހު ލައިގެންހުރި ޖިންސުގެ ދެ ޖީބަށް އަތް ޖަހާލައިގެން ހުރެ ފޯނުން ވާހަކަ ދައްކަމުން އެމީހާ މޫސާފުޅުމެން ތިބި ކާރުގެ ކުރިމަށްޗަށް ވާގޮތަށް އެނބުރިލިއެވެ.

"އާން ބަލާބަލަ. އެއީ ހަމަ އެ މޮޔަ އަލީ. ކުޑަ އަލީ." އައި ރުޅިން ޑްރައިވަރު އިން ސީޓްގައި ގޮއްމުށުން ޖަހަމުން މޫސާފުޅަށް ބުނެވުނެވެ.

"އޭތް. އަތް މައިތިރި ކޮށްގެން ތިބޭ! ނޫނީ ފައިބަން އުޅޭ! ކޮން މޮޔަ އެކޭ ކިޔާކަށް. އެއީ މޮޔައެއްނޫން.! އެއީ މާލޭގަ ދިހަ ވަރަކަށް ފިހާރަ ހިންގާ މުއްސަންޖެއް،" ކާރު ދުއްވަން އިންމީހާ ރުޅިގަދަވެފައި ގޮވައިގަތް ފަތިވަރާއެކު. ދެ މީހުންވެސް ބިރުން ކާރުން ފާބައިފިއެވެ.

 

*** *** **

ދުނިޔޭގެ ވައި ބަދަލުވާލެއް ކިހާ އަވަސްހެއްޔެވެ؟ ކުޑައަލީ އަކީ މީގެ ވިއްސަކަށް އަހަރުކުރިން ރާއްޖެތެރޭ ރަށެއްގައި އެންމެން މުނިފޫހިފިލުވަން ގެންގުޅުނު "ގޮނޑިކޮއްކޮ" އެއްފަދަ މީހެކެވެ. ބުއްދި ހަމަ ނުޖެހޭ މޮޔައެކެވެ. ސަމާސާގެ އެތިފަހަރުތައް ރެއާ ދުވާލު ތަހައްމަލް ކުރި މީހެކެވެ. ރަށުގެ އެންމެންގެ ހިތްދަތިކަމަށް ފިނިފެން ޖަހައި ފިނިކޮށްދޭ މޭސްތިރިޔާއެވެ. "މޮޔައަކަށް" ވީތީ ޖިސްމާނީ އެތައް އަނިޔާތަކެއް ތަހައްމަލް ކުރަންޖެހެނީ ކީއްވެ ހެއްޔެވެ؟

ކުޑައަލީ ގެ މޮޔަވުމާ ގުޅިފައިވަނީ އަތުން ފިރުކިގެން ދިޔަ ލޯތްބެވެ. ދޮން އައިސައަށްޓަކައި އޭނާ ނުކުރީ ކޮން ކަމެއްހެއްޔެވެ؟ ކަނޑަށް ފުންމާލާށޭ ބުނި ނަމަ އެކަންވެސް ކުރަން ޖެހިލުން ނުވާވަރަށް އޭނާ ހުރީ ދޮންއައިސަ ގެ ލޯބީގައި ދީވާނާވެފައެވެ. ދޮންއައިސައަކީ ވެސް މާކަ ތަނަވަސް ދިރިއުޅުމެއް އުޅެމުންދިޔަ އަންހެނެއް ނޫނެވެ. އޭނާ ޒުވާނެއްވެސް ނޫނެވެ. ރީއްޗެއްވެސް ނޫނެވެ. އޭނާ އަކީ ކުޑައަލީއަށްވުރެ ޢުމުރުގެ ގޮތުން ދިހަވަރަކަށް އަހަރު ދޮށީ އަންހެނެކެވެ. ނަމުގެ ކުރިއަށް "ދޮން" ލައިފަ އިނަސް ދޮންމީހެއްވެސް ނޫނެވެ.

ދޮންއައިސަ އާއެކު ކުޑައަލީ ފަށަން އުޅުނު ޙަޔާތުގެ ދިގު ދަތުރަށް ރަށުގެ އެތައް ބަޔަކު ހުރަސް އެޅިއެވެ. ހެޔޮ އެދިގެނެއް ނޫނެވެ. އެއީ ރަށުގަ ތިބި ދެ މޮޔައިންގެ މޮޔަ ލޯބީގެ ދިގު ދަތުރަށްވީތީއެވެ. ޖެއްސުން ކޮށްލައި އެމީހުންނަށް ބަދު ބަހެއް ރައްދުކޮށް އެހެން މީހުން ހެއްވާލެވޭނީ "މޮޅު" މީހަކަށް ކަމުގައި އެމީހުންގެ ޟަމީރަށް ޤަބޫލުކުރެވޭތީއެވެ. މީހުންކިޔާ އެއްޗެއްސަށް ބަލައިގެން ދުނިޔޭގައި އުޅޭވޭ ހެއްޔެވެ؟ ދުނިޔޭގެ އާއްމު އިންސާނުންގެ މެދުގައި އުފެއްދި ދަރަޖަތަކަކީ އެ އިންސީން އަމިއްލައަށް ހަދައިގެން އުޅޭ އެއްވެސް މާނައެއްނެތް ދަރަޖަ ތަކެކެވެ. ކޮންމެ މީހަކަކީވެސް މައެއްގެ ބަނޑުން އުފަންވުމަށް މެދުވެރި ކުރެއްވި ކުޅަދުންވަންތަ ފަރާތުގެ އަޅެކެވެ. ކުޑައަލީ ވިސްނީ އެގޮތަށެވެ. އޭނާގެ ވިސްނުމާ ފިކުރު އެހެންމީހުން ކުރިމައްޗަށް ބަންޑުންކޮށްގެން އެހެންމީހުންގެ ވިސްނުމާ ކުޅުމަށް އޭނަ މަސައްކަތެއް ނުކުރެއެވެ.

ކުޑައަލީ ދޮންއައިސަ އާ ކައިވެނި ކުރިއެވެ. ހަޔާތުގެ ހިތްގައިމު އެދަތުރުގައި، އެ ދެ "މޮޔައިން" ދަތުރުކުރީ ނިކަން ލޯތްބާއެކުގައެވެ. ސާދާ ރީތި ދިރިއުޅުމެއްގައެވެ. އެލޯތްބަކީ ކުޑައަލީ ގެއަށް އައިސް ވަނުމާއެކު ކާންދޭ މީރު އެއްޗިއްސާ ހަމައިން ނިމޭ ލޯތްބެއްނޫނެވެ. އެދިރިއުޅުމުގައި ދެމީހުންނަކީ އެކަކު އަނެކެއްގެ މަދަދުގާރެވެ. އެކަކު ކުރާ ކަމެއްގައި އަނެކަކު ބައިވެރިވެއެވެ. ދެމީހުން އެކަކު އަނެކެއްގެ މައްޗަށް ދުވަހަކުވެސް ރުޅިވެރިކަމެއް ނުމެ ދައްކާމެއެވެ.

ރާއްޖެއަކީ ވަށައިގެން ކަނޑުއޮންނަ ތަނެކެވެ. މަހުގެ އަގުމާތް ރިޒުޤުން ފުރިފައިވާ ޚަޒާނާއެކެވެ. އަތިރިއަށްގޮސް ދޮށި އެއްލައިގެން ކުރާ މަސައްކަތުން އެ ދެމަފިރިންނަށް ހަމަޖެހޭ ދިރިއުޅުމެއް ލިބުނެވެ.

ތަޤުރީރުގެ ރޭވުމާ ދެކޮޅަށް އިންސާނުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނަކަމީ އިންސާނުންނަކީ އެއްވެސް ބާރެއް އާރެއްނެތް ބައެއްކަން އަންގައިދޭ ކުޑަ ކުޑަ މިސާލެކެވެ. ކުޑައަލީއާއި ދޮންއައިސަގެ ކުޑަކުޑަ ދުނިޔެ ބަރުބާދުވެގެން ދިޔައީވެސް ތަޤުދީރުގެ ރޭވުމެއްގެ ތެރެއިންނެވެ. ހަމަ ކުއްލިގޮތަކަށް ދޮންއައިސައަށް ޖެހުނު ކެއްސުންބަލީގެ މޫތައް މުޅި ހަށިގަޑަށް ފޭދި، އެ ނިޔަނެތި ޖިސްމު ހަލާކުގެ ދިޔައީއެވެ. ދޮންއައިސައަށް ވަނީ ކީއްކަން އެނގޭ ޙަކީމެއް ބޭސްވެރިއެއް އެރަށަކުނެތެވެ. މާލެ ގެންގޮސް ބޭސްކުރާނެހާ ތަނަވަސްކަމެއް އެމީހުންގެ ނެތެވެ.

"ދޮންއައިސަ ނެތް ދުނިޔެއެއްގަ މިކުޑައަލީ އުޅޭނީ ކިހިނެތް؟ އަހރެން ދޫކޮށްފަ ނުދާތި."

ދޮންއައިސަ އެނދުމަތިވީ ފަހުން، އެތުނި އަތްތިލައިގައި ހިފާލައިގެން އިނދެ ކުޑައަލީ އަބަދުވެސް ބުނާ ވާހަކައަކީ އެއީއެވެ.

"ދުނިޔެ އަކީ ވަގުތީ ހިޔާއެއް. ކޮންމެ މީހަކުވެސް ކޮންމެވެސް ދުވަހަކުން މިތަން ދޫކޮށް ދާންޖެހޭނެ. އަހަރެން ނެތް ދުނިޔެއެއް ގައިވެސް ކުޑައަލީ އުފަލުގައި ހުންނާތި. މީހުން ކުރާ ޖެއްސުމަށްނުބަލައި އަމިއްލަ ދިރިއުޅުން އާރާސްތު ކުރާތި" ކުޑައަލީގެ އެބުނުމާއެކު ދޮންއައިސަ ކޮންމެ ފަހަރަކުވެސް ދޭޖަވާބަކީ އެއީއެވެ.

އެއްދުވަހެއްގެ ފަތިހެވެ. ދޮން އައިސައަށް ކޮށްދެން ޖެހޭ ކަންކަން ކޮށްދީ ނިންމުމަށްފަހު، ކުޑައަލީ ދޮށި ކޮނޑަށްލައިގެން ނުކުތީ މުށިމަސް ކޮޅެއް ބާނަށެވެ. އިރުގެ ރަންދަޅަތަކުން ގިރިޓީކުރެވެމުންދިޔަ ކަނޑު އޮތީ އޮމާން ބިއްލޫރި ފަށަލައެއްހާ އޮމާންކޮށެވެ. ފެންމަތިން ބޯހިއްލާލާފައިވާ ރީތި އިރުގެ ދޯދިތަކުގެ ދޭތެރެއިން ރިޔަލު ދޯނިތައް ފަރި ދުވެލީގައި ދުވެމުންދާ މަންޒަރު ހިތްގައިމެވެ. ދޮށި އެއްލަމުން އަމުނާފައިވާ މަސްފަތި އެއް އަތުން ހިފައިގެން ކުޑައަލީވެސް އެއްވާނަކަށް ހިނގަމުން ދިޔައެވެ. އެއިރު މިރަށުގެ ޤަދަރުވެރި ދެމިތުރުން ކަމުގައިވާ މޫސާފުޅާއި، އިސްމާލުފުޅުވެސް ކުޑައަލީއާ ދާދި ގާތުގައި ދޮށިއެއްލުމުގައި އުޅެއެވެ.

*** *** *

އެއާއެކު " ދޮންއައިސާއޭ" ކިޔައި އަތުގައިއޮތް ދޮއްޓާއި މަސްފޮތި އެއްލާލަމުން ދޮންއައިސަގެ ފުރާނަ ނެތް މަސްގަނޑުގައި އޮޅުލައިގަތެވެ.

ދޮންއައިސަގެ މަރުގެ ޚަބަރު އެރަށުން ފަނޑުކޮށްލީ އެދުވަހު މޫސާފުޅާއި އިސްމާލުފުޅު ހޮވި ބޮޑު ހުދަންބަރުގެ ވާހަކައިންނެވެ. ރަށުގެ ގިނަމީހުން އެ ހުދަންބަރެއް ބަލަން ހޭވައްޓަލަފައިއުޅުނުއިރު، ދޮންއައިސަގެ ޖަނާޒާގެ، ކިފާޔަތުގެ ފަރުޟު އަދާކުރީ، ކުޑައަލީއާއެކު ރަށުގައި ތިބި ހައެއްކަ މުސްކުޅިންނެވެ.

ލިބުނު ބޮޑު ނިޢުމަތަށް ފަޚުރުވެރިވެ މޫސާފުޅާއި، އިސްމާލުފުޅުވެސް ތިބީ ނިކަން ބޮޑާވެ ކިބުރުވެރިވެފައެވެ. ކުއްލިއަކަށް މީހާ މުއްސަންޖަކަށްވެ ދަރަޖަ މަތިވެރި ވެއްޖެ ކަމުގައި އެމީހުން ދެކުނެވެ. އެހުދަންބަރަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބެމުންދިޔަ ސަމާލުކަމާއެކު އޭގެ އަގު ބަލަ ބަލާ ތިއްބައި އުފުލިގެން ދިޔަލެއް ވަރަށް އަވަހެވެ.

އޭގެ ދެދުވަސް ފަހެވެ. މޫސާފުޅު ރޮމުން ހޭރެމުން މަގުމަށްޗަށްނުކުމެ ހުރެ " މަ ހުލިވެއްޖެއޭ. މަ ބަރުބާދުވެއްޖެއޭ" މިފަދަ ގޮވެލި ފައްޗެއް ގޮވަމުން ދިޔައެވެ. ރަށުގެ އެންމެންތައް މޫސަފުޅަށް ވީގޮތް ބެލިއިރު، އެވަރަށް ރައްކަކޮށްގެން ފޯރިމަރަން ތިއްބާވެސް، އެއޮއްބޮޑު ހުދަންބަރު ގެއްލުނީ ޔޯލައެވެ. މިކަމާ އިސްމާލުފުޅާއި މޫސާފުޅުވެސް ތިބީ މުޅިން ބޯ ސަކަރާތްވެ، ކިޔެނުކިޔޭއެއް ނޭނގޭވަރުވެފައެވެ.

އެދުވަހު ތިލަވެގެން ދިޔަ އަނެއް ވާހަކައަކީ ކުޑައަލީ ދޮންއައިސަގެ ހަނދާނުގައި، ކަނޑަށް ފުންމާލި ވާހަކައެވެ. އެކަމަށް ސަމާލުކަން ދިންމީހުން މަދަސް، މާވަހަކު ހޮވުމާ ގެއްލުމުގައި، ކުޑައަލީގެ ހަޔާތަށް އައިބަދަލުތަކާ ގުޅުވައިގެން ބަޔަކު ވާހަކަވެސް ދެއްކިއެވެ. ނަމަވެސް ގިނަ މީހުން ދުށީ އެއީ އިއްތިފާޤެއް ކަމުގައެވެ.

*** *** ***

"މޫސާފުޅާ. ހިނގާ ބަލަ މިގެއަށްވަންނަން. މަރުވެފަ ހުރި މީހަކު ކިހިނެތްތަ ދިރޭނީ؟" އިސްމާލުފުޅު ކުރިމަތީހުރި ބޮޑު ގެއަށް އިޝާރާތްކުރަމުން އިސްމާލުފުޅު ބުނެލިއެވެ. އިރުކޮޅެއްތެރޭ އެދެމީހުން ތިބީ ކުޑައަލީގެ ގޭގެ ވަށާފާރުން އެތެރޭގައެވެ. 

"ސުބުޙާނަﷲ!!" ވީ ހައިރާނެއްގެ ބޮޑުކަމުން ނޭފަތުކުރީގައި ޝަހާދަތް އިނގިލި ޖައްސާލިގޮތަށް، އަތްތިރި ކުރަން ނޭނގިފައި މޫސާފުޅު ހުއްޓެވެ. މިގެއަކީ ގަނޑުވަރެއްފަދަ ރީތި ގެއެކެވެ. ގެއާވަކިން އޮތް ހުސްބިމުގައި ގާއަތުރައި، ހައްދާފައިވާ މަލުގެ ބަގީޗާތެރޭގައި ކާރު ޕާކުކުރެވޭ ގޮތަށް ހަދާފައިވާ ތަނުގައި ދެ ކާރުއޮތެވެ. ވަށައިގެން ހުޅުވާފައިވާ ކުޑަދޮރުތަކުގެ ތެރެއިން ފެންނަ ގޭގެ މެއިން ލޮބީވަނީ މާބްސް އިން ޒީނަތްތެރިކުރެވިފައެވެ. ގޭގެ ފާރުތަކުގައިވަނީ ރަންކުލައިގެ އަތްކަން އަޅައި ޒީނަތްކުރެވިފައެވެ. ބޮޑު ސިޓިން ރޫމްގައި އަޅަފައިވާ ރަތްކުލައިގެ މަލްމަލުގެ ދޫލައިން ގޭގެ ހައިބަތު އިތުރުކޮށްދީފައިވެއެވެ. ލަދުވެތިކަމަކީ މޫސާފުޅާއި، އިސްމާލުފުޅުވެސް ދަންނަ ކަމަކަށްނުވާތީ ހުއްދަ ހޯދުމަކާނުލައި ގޭގެއެތެރެއަށް ވަދެގަނެފިއެވެ. ގޭތެރޭ އެކިކަންކަމުގައި މަސްޢޫލުވެގެން އުޅޭ ނޯކަރުންތައްވެސް އެދެމީހުން ހުއްޓުވޭތޯ އުޅުނެވެ. ނަމަވެސް ދެމީހުންގެ އަޑުގަދަކުރުމާއެކު، ކޮޓަރިއަކުން ނުކުމެ ބޯދިއްކޮއްލީ ސީދާ ކުޑައަލީއެވެ. މޫސާފުޅާއި އިސްމާލުފުޅު ފެނި ކުޑައަލީއަށް ހުއްޓެވުނެވެ. ނަމަވެސް އިރުކޮޅެއްގެތެރޭގައި، އޭނާ ހުއްޓިހުރީ އެދެމީހުންގެ ކުރިމަތީގައެވެ. އެމީހުން އިށީނުމަށް ދައުވަތުވެސް ދިނެވެ.

"އަހަރެމެން މިއައީ މިތާ އިށީނާކަށްނޫން. ކަލޭދޯ އަހަރެމެން ގެ މާވަހަރުވަގަށް ނެގީ. މަރުވި ކަމަށްހަދައި އެމާވަހަރު ވަގަށް ނަގައިގެން އައިސް މުއްސަނދިވެފަ ހުރިވަރު ބަލާބަލަ، މި މޮޔަ އަލީ" ރުޅިވެރިކަމާއެކު މޫސާފުޅު އެހެންބުނެލުމާއެކު ކުޑައަލީ ހިނިތުންވެލިއެވެ.

"އާން އަހަރެން އެ ނެގީ. އެކަމަކު އެއީ ވަގަށް ނެގި އެއްޗެއްނޫން. އެއްކަމެއް ހަނދާން ކޮށްދޭނަން. އެދުވަހު މަސްބާނަން އުޅޭފަ މާވަހަރު ހޮވީ އަހަރެން. އޮއިވާލިފަތި ފެނުނީ މަށަށް. މަ ނެގީވެސް އެމާވަހަރު. ކަލޭމެންދެމީހުންނަށް މަށަކީ މޮޔަ އަކަށްވީމަ، އެ ފޭރިގަތީ މަގޭއަތުން. ރިޒުޤަކީ އެދެއްވާ މީހެއްގެ ޙައްޤެއް. އެ ޖަހައިގަންނަ މީހާގެ ޙައްޤެއްނޫން. ތިތިބީ ހަމަ ރަނގަޅަށްވެސް މޮޔައެއްގެ އަތްދަށުވެ މޮޔަ ހެދިފަ"

ކުޑައަލީ އެހެން ބުނެލުމަށްފަހު އެތެރެއަށް ވަދެގެން ދިޔައީއެވެ. ބުނާނެ އެއްޗެއް ނޭނގި ކަރުއެލުވާލައިގެން ތިބެ މޫސާފުޅާއި، އިސްމާލުފުޅުވެސް އެގެއިންނުކުތެވެ. ތެދެކެވެ. ރިޒްޤު ދެއްވާނީ މާތްﷲއެވެ. އެ ރިޒްޤަކީ އެދެއްވާ ފަރާތެއްގެ އަމާނާތެކެވެ. ފޭރުމެއްގެ ތެރެއިން ލިބޭނެ އެއްވެސް މޮޅުކަމެއް ނުއޮންނާނެއެވެ. (ނިމުނީ)