ދެވަނަ ދައުރަކަށް ރައީސްބ އަބްދުﷲ ޔާމީން އިންތިހާބުކޮށްފިނަމަ ދެން ދިވެހި ރައްޔިތުންނަށް ވޯޓު ފޮއްޓެއް ނުފެންނާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް، އިބްރާ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއަށް 10 އަހަރު ފުރުމުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން އިބްރާ ވިދާޅުވީ، 23 ސެޕްޓެމްބަރުގައި ރައީސް އަބްދުﷲ ޔާމީނަށް ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ ރާއްޖޭގެ ރައްޔިތުންނަށް ވޯޓު ފޮއްޓެއް ދެން ނުފެންނާނެ ކަމަށާއި އެއީ އެންމެ ބޮޑު ކަންބޮޑޮވުން ކަމަށެވެ.
އިބްރާ ވިދާޅުވީ، ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އޮންނާނީ މީހުން ދިރިއުޅޭ އެއް ރަށް ކަމަށާއި ދެން ހުރި އެހެން ހުރިހާ ރަށް މިލްކް ކޮށްގެން ތިބޭނީ އެހެން ގައުމުތަކުގެ މީހުން ކަމަށެވެ. އަދި ރާއްޖޭގެ މީހުންގެ މައްޗަށް އަމުރުކުރާނީ ބިދޭސީން ކަމަށާއި އެ ދުވަހުން އިސްތިގްލާލޭ ކިޔައިގެން ނިކުތުމުގެ ފައިދާއެއް ނޯންނާނެ ކަމަށްވެސް އިބްރާ ވިދާޅުވި އެވެ.
"ވަރަށް ގިނައިން އަޅުގަނޑުމެންނަށް ސިޔާސީ މައިދާނުގައި އިވޭ ވާހަކައެއް އެއީ އިސްތިގްލާލު ގެއްލޭ ވާހަކަ، ހަސަން ރަސްގެފާނު، ހަވަނަ ހަސަން ރަސްގެފާނު ޕިޗޯރީން ގޮވައިގެން ރާއްޖެ ހިފަން އޭރު އާއިރުވެސް ނުގެއްލޭ ވަރަށް ދިވެހިރާއްޖޭގެ އިސްތިގްލާލް މިއަދު ވަނީ ގެއްލިފައި، މިއަދު މި ރާއްޖޭގެ ރައްޔިތުންގެ ބާރު މި ގައުމުން ކެނޑެމުން މި ދަނީ،" އިބްރާ ވިދާޅުވި އެވެ.
އިބްރާ ވިދާޅުވީ، ސިޔާސީ ޕާޓީއެއް އުފައްދަނީ ގައުމުގައި ހިންގަން ބޭނުންވާ ވަކި ކަހަލަ ސިޔާސަތުތަކެއް އެއް ފިކުރަކުން ގަބޫލު ކުރާ ބަޔަކު ގުޅިގެން އެކަންކަން އެގައުމެއްގައި ކުރިއެރުވުމަށް ކަމަށެވެ. ކޮންމެ ގައުމެއްގައި ހިޔާލުތަފާތުވާ ނުވަތަ އެއް ފިކުރެއްގެ ބަޔަކު ނުތިބޭނެ ކަމަށާއި ގައުމުގައި ހަމަޖެހުން އަންނާނީ އެކަމަށް ޖާގަދިން ވަރަކަށް ކަމަށް އިބްރާ ވިދާޅުވި އެވެ.
"އެންމެ މީހެއްގެ ވިސްނުމަށް މުޅި ގައުމުގެ ރައްޔިތުން ލަންބަން އުޅުމުކީ ގައުމުގައި ހަމަނުޖެހުން އުފެދޭނެ ކަމެއް، އެމަންޒަރު މިއަދު ރާއްޖެއިން ފެނިގެން މިދަނީ،" އިބްރާ ވިދާޅުވި އެވެ.
އިބްރާ ވިދާޅުވީ، މިއަަދު ރާއްޖޭގެ ރައްޔިތުން ދަތުރު ކުރަނީ ސިޔާސީ ޕާޓީ ފަހަނައަލައި އިންސާފުގެ މަގަށް ކަމަށާއި ދެން ރާއްޖޭގައި އިންސާފު ގެނައުން ހުއްޓުވޭނެ އެއްވެސްބަޔަކު ނެތް ކަމަށެވެ. އަދި ވިދާޅުވީ، ސިޔާސީ މައިދާނުގައި ޖާގަ އޮންނާނީ އެކަންކަން ގަބޫލު ކޮށްގެން ކުރިއަށްދާ މީހުންނަށް ކަމަށާއި ޖާގަ އޮތީ ރައްޔިތުންގެ ވިންދާ އެކީގައި ކުރިއަށްދާ މީހުންނަށް އެކަނި ކަމަށެވެ.
އިބްރާ ވިދާޅުވީ، މިއަދު ކޮންމެ ރައްޔިތަކުވެސް ކުރަންވީ ކަމަކީ ވޯޓަށް ތައްޔާރުވުންކަމަށާއި ވޯޓުލާ ދުވަހު ހެނދުނު ހެނދުނާ ގޮސް ވޯޓު އަޅަންޖެހޭ ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ވޯޓުލާން އޮޮތީ ކޮން ތަނަކަށްތޯ ބަލައި ޗެކް ކުރުންޖެހޭ ކަމަށާއި ކުޑަ މައްސަލައެއް ފާހަގަވި ނަމަވެސް އެ މައްސަލައެއް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައި ސުވާލުކުރަން ޖެހޭނެ ކަމަށްވެސް އިބްރާ ވިދާޅުވި އެވެ.