ގައުމުގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ސިފައިންނާއި ފުލުހުން ތައްޔާރީ ހާލަތުގައި ތިބި ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް ގައުމުގެ އަމާންކަން ނަގާލުމަށްޓަކައި ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ކަންކަން އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ގާތުން ބަލަމުންދާ ކަމަށެވެ.
"ވީމާ ގައުމީ ސަލާމަރަށް ނުރައްކަލެއް ވެދާނެ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިއްޖެނަމަ ވަގުތުން އެމްއެންޑީއެފްއަށާއި ޕޮލިސް ސާވިސްއަށް ރިޕޯޓް ކުރެއްވުން އެދެން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި މާތްވެގެންވާ އިސްލާމް ދީނާއި ގާނޫނު އަސާސީ ރައްކާތެރިކުރުމާއެކު ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމާއި ސިފައިންގެ ގާނޫނުގައިވާ މަގުސަދުތަކާއި ވާޖިބުތަައް އަދާކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ނުރައްކަލެއް މައުލޫމާތު ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އޭގެ އެއްވެސް މައުލޫމާތެއް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ. އަދި ފުލުހުންނާއި އެމްއެންޑީއެފްއިން ވެސް މިހާތަނަށް މިކަމުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ގައުމަށް ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތު ލިބިފައިވާކަން ރަސްމީ ބަޔާނެއްގެ ގޮތުގައި ނޫނީ ރަސްމީ ސިފައެއްގައި މިނިސްޓަރު ހާމަ ކުރެއްވުމުގެ ބަދަލުގައި އަމިއްލަ ފޭސްބުކް އެކައުންޓެއް ޕޯސްޓެއް ކުރެއްވުން ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.