ވިޔަފާރި

އާ ސީޕްލޭން ޓާމިނަލްގެ ބޯޓު މަރާމާތު ކުރާ ބައި ނިމިއްޖެ

Aug 5, 2018
1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ސީޕްލޭން ޓާމިނަލްގައި މަތިންދާ ބޯޓު މަރާމާތު ކުރުމަށް ހެދި އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލައިފި އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ހެނގަރުގެ މަސައްކަތް އެއްކޮށް ނިމި، ސިވިލް އޭވިއޭޝަންގެ އެސެސްމަންޓެއް ހެދުމަށް ތައްޔާރު ވަމުންދާ ކަމަށެވެ.

ސީޕްލޭން ޓާމިނަލްގެ ހެނގަރު ހަދާފައިވަނީ މަރާމާތު ކުރުމަށް ގެންނަ ސީޕްލޭން ފަސޭހައިން ވެއްދޭ ގޮތަށް މޫދުގެ ބައެއްވެސް ހިމެނޭ ގޮތަށެވެ. މިފަދަ ތަންތަން ހުންނަނީ މިހެންނެވެ. ސީޕްލޭން މަރާމާތު ކުރާ ބައިގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ ފެބްރުއަރީ މަހު އެވެ. މި ތަން ހަދާފައިވަނީ 14،000 އަކަމީޓަރު ސަރަހައްދެއްގަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ 29، ޖެނުއަރީ 2018 ވަނަ ދުވަހު އެވެ.

އާ ސީ ޕްލޭން ޓާމިނަލްގެ މަޝްރޫއުގެ ދަށުން 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. މި ޕްރޮޖެކްޓަކީ ޖުމްލަ 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ގެ ބޮޑު މަޝްރޫއެކެވެ.

ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރަނީ، ވީއައިއޭގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ އާ ރަންވޭގެ މަސައްކަތް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ

ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދައުލަތުގެ ކުންފުނި މޯލްޑިވިއަން އާއި ޓީއެމްއޭ އިން ދެ އެވެ. މޯލްޑިވިއަން އިން ދަނީ 2014 ވަނަ އަހަރުން ފެށިގެން ދަނީ ހަލުވިކަމާއެކު މި ހިދުމަތް ފުޅާކުރަމުންނެވެ. މި އެއާލައިންގައި މޫދަށް ޖައްސާ 11 ބޯޓުން ދަނީ ހިދުމަތް ދެމުންނެވެ. އަދި އެ ކުންފުނިން 12 ރިސޯޓަކަށް ފްލައިޓް އަޅަ އެވެ. މީގެ އިތުރުން ޓީއެމްއޭގައި އެކަނި ވެސް 48 ބޯޓު އޮވެ އެވެ. އަދި ޓީއެމްއޭ އިން އަހަރެއްގެ މައްޗަށް 9.6 މިލިއަން ފަސިންޖަރުން 60 ރިސޯޓަށް އުފުލައި ދިންއިރު އަހަރު އެއާލައިނުން އެކަނި 1.2 މިލިއަން ދަތުރު އަޅާފައިވެ އެވެ.