ދުނިޔެ

ޑްރޯން ހަމަލާއަކުން ވެނެޒުއޭލާގެ ރައީސް ސަލާމަތްވެއްޖެ

Aug 5, 2018

ކަރަކަސް (އޯގަސްޓް 5) - ޑްރޯންތަކެއް ގޮއްވާލައިގެން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަވަހާރަކޮށްލަން ދިން ހަމަލާއަކުން އެމަނިކުފާނު ސަލާމަތްވެއްޖެކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

އެ ހަމަލާ ދީފައިވަނީ، ވެނެޒުއޭލާގެ ސިފައިންނަށް 81 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާއެއްގައި މަޑޫރޯ ވާހަކަފުޅު ދައްކަވަމުން ދަނިކޮށެވެ.

ލައިވްކޮށް ކަވަރު ކުރަމުންދިޔަ ހަފްލާގައި، އެ ހަމަލާ ކެމެރާތަކަށް ވެސް އަރާފައިވެ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި، މަޑޫރޯ ވާހަކަފުޅު ދައްކަވުމުން ދަނިކޮށް، ކުއްލިއަކަށް މައްޗަށް ބައްލަވާލައްވަ އެވެ. އަދި އެއާއެކު ސިފައިންތައް އެމަނިކުފާނު ސަލާމަތް ކުރުމަށް ހަރަކާތްތަތެރިވާން ފަށާތަން ވެސް ކެމެރާތަކަށް ވަނީ އަރާފަ އެވެ.

އެ ދެ ޑްރޯން ގޮއްވާލާފައިވަނީ މަޑޫރޯ ހުންނެވި ސްޓޭޖް ކައިރީގައިކަމަށް، އެ ގައުމުގެ އިންފޮމޭޝަން މިނިސްޓަރު ހޯހޭ ރޮޑްރިގޭޒް ވަނީ މީޑިއާތަކަށް ވިދާޅުވެފަ އެވެ.

އެ ހަމާލާދީފައިވަނީ އެމެރިކާއަށް ވާގިދޭ ކޮލަމްބިއާގެ ޖަމާއަތަކުން ކަމަށް މަޑޫރޯ ވަނީ ފަހުން ވިދާޅުވެފަ އެވެ. އަދި އެ ހަމަލާގެ ފަހަތުގައި ކޮލަމްބިއާގެ ރައީސް ހުއާން މެނުއެލް ސަންޓޯސްގެ އަތެއް ވާނެ ކަމަށް ވެސް މަޑޫރޯ ވަނީ ތުހުމަތުކުރައްވާފަ އެވެ.

ނަމަވެސް، ކޮލަމްބިއާ ސަރުކާރުން ވަނީ މަޑޫރޯގެ އެއްވެސް "އަސާސެއް" ނެތް ތުހުމަތުތައް ދޮގުކޮށްފަ އެވެ.