ހަބަރު

ނުރައްކަލެއްނެތް، އުޅެނީ އިންތިހާބު ފަސްކުރަން: އިބޫ

ގައުމުގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބު ފަސް ކުރުމަށާއި ނަތީޖާ އޮޅުވާލުމަށް ކަމަށް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް ގައުމުގެ އަމާންކަން ނަގާލުމަށްޓަކައި ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ކަންކަން އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ގާތުން ބަލަމުންދާ ކަމަށެވެ.

"ވީމާ ގައުމީ ސަލާމަރަށް ނުރައްކަލެއް ވެދާނެ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިއްޖެނަމަ ވަގުތުން އެމްއެންޑީއެފްއަށާއި ޕޮލިސް ސާވިސްއަށް ރިޕޯޓް ކުރެއްވުން އެދެން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ކެމްޕެއިނަށް ތ. އަދި ލ. އަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ތ. އަތޮޅު ގާދިއްފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި އިބޫ ވިދާޅުވި، އިއްޔެ ޑިފެންސް މިނިސްޓަރުގެ އަމިއްލަ ފޭސްބުކް ޕޭޖްގައި ވަރަށް ކަންބޮޑުވާ ނުވަތަ ބިރެއް ކުރިމަތިވެގެން އުޅޭ ކަމަށް ހާމަ ކުރެއްވި ކަމަށާއި ރާއްޖެއަށް ދިމާވާ ބޮޑެތި ކަންކަން ހާމަކުރައްވަންވީ ގޮތަކީ އެއީ ނޫން ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"އެއީ ސީރިއަށް ކަމެއް ކަމަށް ވާނަމަ، އެކަން ކުރައްވަން ޖެހޭނީ އެހެނަކުން ނޫން، ރަސްމީކޮށް ޑިފެންސް މިނިސްޓްރީ ނުވަތަ ހޯމް މިނިސްޓްރީން އެކަން އާންމުކޮށް އިއުލާންކޮށް އެއާ ދޭތެރޭގައި ކުރައްވާ ކަންތައްތައް ކުރައްވަން ވާނީ، އަޅުގަނޑަށް މިފެނުނީ ޖޯކެއްގެ ގޮތުގަ، އަޅުގަނޑަށް ފެނުނީ ކުރިއަށް މިއޮތް ރިޔާސީ އިންތިހާބާ ދިމާކޮށް އެ އިންތިހާބު ފަސް ކުރުމަށް ނުވަތަ އޮޅުވާލުމަށް ނުވަތަ އެ އިންތިހާބުގައި ވޯޓްލާން ތިބި ފަރާތްތަކަށް ބިރުދެއްކުމަށްޓަކައި މިސަރުކާރުން ރާވައިގެން ކުރަމުންދާ ކަމެއް ކަމުގައި،"

އިބޫ ވިދާޅުވީ، އެގޮތަށް ދައްކާ ބިރަކަށް ފަހަތައް ނުޖެހޭނެ ކަމަށާއި ރާއްޖެއަށް ބިރެއް އޮތް ކަމަށްވާނަމަ ރާއްޖެއަށް ނުރައްކަލެއް އޮތް ކަމަށްވާނަމަ އެންމެ ފުރަތަމަ އިސްވެ ތެދުވާނީ އިދިކޮޅު ފަރާތްތައް ކަމަށެވެ. އަދި އިދިކޮޅުން ކުރާނެ ކަމަކީ ރައްޔިތުންނަށް ހިދުމަތްކޮށް ރައްޔިތުން އަމާންކޮށް ފަސޭހައިން ދިރިއުޅެވޭނެ ގޮތްތަކެއް ހޯދައިދިނުން ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑު މިދެންނެވީ އެކަހަލަ ކަމެއް ދިމާވެއްޖެނަމަ ޑިފެންސް މިނިސްޓަރުގެ ކުރިން އެންމެ ފުރަތަމަ ނިކުމެ ތިބޭނީ ގުޅިފައިވާ ކޯލިޝަނުން،" އިބޫ ވިދާޅުވި އެވެ.

އިބޫ ގާދިއްފުއްޓަށް ކޮށްދެއްވާނެ ކަންކަން ބަޔާންކޮށް ވިދާޅުވީ، ގާދިއްފުއްޓަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކޮށްދިނުމުގެ ތަސައްވުރެއް އެބައޮތް ކަމަށެވެ. އަދި އެރަށަކީ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ރަށެއް ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"ތަރައްގީގެ އެއްވެސް މަޝަރޫއެއް ރައްޔިތުންނަށް ބޭނުންވާ އެއްވެސް ކަމެއް މިރަށަށް ކޮށްދީފައެއްނެތް، ރަށުގެ ހާލަތައް ބަލާއި ނަރުދަމާއާ ފެނުގެ މައްސަލަ އެބައޮތް، ބަނދަރު އެއީ މީގެ 11 އަހަރު ކުރިން ހެދިފައިއޮތް ބަނދަރެއް، ބަނދަރު މަރާމާތުކޮށް އަލުން ހަދަން ޖެހިފައިވާކަން ފާހަގަ ކުރެވެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ހެލްތް ސެންޓަރުގެ ހިދުމަތް ގާދިއްފުށީގައި ލިބެނީ އެންމެ 12 ގަޑިއިރު ކަމަށާއި ސިއްހީ ހިދުމަތަކީ 24 ގަޑިއިރު ލިބެން ޖެހޭނެ ހިދުމަތެއް ކަަމަށެވެ. އިދިކޮޅުގެ ސަރުކާރެއްގައި ސިއްހީ ދާއިރާ ތަރައްގީކޮށް ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް 24 ގަޑިއިރު ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"ފެނާއި ނަރުދަމާގެ ނިޒާމަކީ މިރަށަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ކަންތައް، އިރާދަކުރެއްވިއްޔާ މިރަށަށް ކޮށްދޭ ތަރައްގީގެ މަޝްރޫއުތަކުގެ އެންމެ ކުރީގައި ފެނާއިި ނަރުދަމާގެ ނިޒާމްޖަހައި އެކަން އަޅުގަނޑުމެންގެ ސަރުކާރެއްގައި ކޮށްދޭނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އިދިކޮޅުގެ ހިދުމަތްތަކާއި ކޮށްދޭ ކަންތައްތަކުގައި ކުޑަ އަދި ބޮޑު ރަށެއް ނުބަލައި ވަކި ރަށެއް ތަފާތު ކުރުމެއްނެތި ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ.