ދުނިޔެ

މަގުމަތީގެ ރައްކާތެރިކަމަށް ގޮވާލާ ބަންގްލަދޭޝްގައި ހަމަނުޖެހުން

Aug 5, 2018

ޑާކާ (އޯގަސްޓް 4) - ބާރު ސްޕީޑުގައި ދުއްވި ބަހަކުން ޖެހި ދެ ދަރިވަރަކު މަރުވުމާއި ގުޅިގެން، އެތަކެއް ސަތޭކަ ދަރިވަރުން މަގުތަކަށް ނުކުމެ ކުރަމުން ގެންދާ މުޒާހަރާގައި، ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މަގުތަކުގެ ރައްކާތެރިކަމަށް ގޮވާލާ މުޒާހަރާ ކުރަމުން ގެންދާތާ ހަތް ދުވަސް ވެފައިވާއިރު، މުޒާހަރާ ހުއްޓުވުމަށް ފުލުހުން ނުކުމެ ރަބަރު ވަޒަން ބޭނުންކުރުމުގެ ސަބަބުން އެތަކެއް ދަރިވަރުންނެއް އިއްޔެ ވަނީ ޒަހަމްވެފަ އެވެ.

ރަބަރު ވަޒަންގެ އިތުރުން، ކަރުނަ ގޭހާއި މުގުރު ހިފައިގެން ތިބި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި ޒަހަމްވެފައިވާ ދަރިވަރުންގެ އަދަދު މިހާރު 115 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އޭގެ ތެރެއިން ބައެއް ކުދިންގެ ހާލު ވަރަށް ސީރިއަސްކަމަށް ވެސް ހޮސްޕިޓަލެއްގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރަށް ސަޕާޓުކުރާ ބަޔަކު ނުކުމެ ދަރިވަރުންތަކަކަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިދިޔަ އާދީއްތަ ދުވަހު ބާރު ސްޕީޑުގައި ދުއްވާފައިވާ ދިޔަ ބަހަކުން ޖެހި، ދެ ދަރިވަރުން މަރުވުމާއި ގުޅިގެން، ދަރިވަރުން ނުކުމެ ވެހިކަލްތައް ހުއްޓުވާ، ޗެކު ކުރަމުންދާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ފުލުހުން ބުނީ، ދަރިވަރުން ނުކުމެ ހިންގަމުންދާ ހަމަނުޖެހުންތަކުގައި 300 އަށް ވުރެ ގިނަ ވެހިކަލަށް ގެއްލުން ދީފައިވާ ކަމަށެވެ.

މަގުތަކުގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް އަޅާ، ކެމްޕޭނުތައް ހިންގާނެކަމަށް ސަރުކާރުން ވަނީ ވައުދުވެ، މުޒާހަރާތައް ހުއްޓާލުމަށް ދަރުވަރުންގެ ކިބައިން އެދިފަ އެވެ.

ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ހިނގާފައި ދަނިކޮށް ވެހިކަލަކުން ޖެހިގެން މިދިޔަ އަހަރު އެކަނިވެސް 4،200 މީހުން ވަނީ މަރުވެފަ އެވެ.