އޮފްބީޓް

ކިއު ބޮޑުވެ، އައިފެލް ޓަވަރުގެ މުވައްޒަފުން ހަޅުތާލުގައި!

ފްރާންސުގެ ވެރިރަށް ޕެރިހުގައި ހުންނަ އައިފެލް ޓަވަރު ބަލައިލަން ކޮންމެ އަހަރަކު އެތައް މިލިއަން މީހުނެއް ޒިޔާރަތްކުރެ އެވެ. މިދިއަ އަހަރު އެކަނިވެސް ހަ މިލިއަނަށްވުރެ ގިނަ މީހުން އެ ޓަވަރު ބަލައިލުމަށް ޕެރިހަށް ޒިޔާރަތްކޮށްފައިވެ އެވެ. ހާއްސަކޮށް ލޯބިވެރިންގެ މެދުގައި އެއީ މަގުބޫލު މަންޒިލެކެވެ.

މިދިޔަ ހަފުތާގައި އައިފެލް ޓަވަރު މެނޭޖުމަންޓުން ނެރުނު އާ ގައިވާއިދެއްގެ ސަބަބުން އެ ޓަވަރަށް ޒިޔާރަތްކުރާ މީހުންގެ ކިއު ބޮޑުވެ، އުނދަގޫތަކާއި ކުރިމަތިވާތީ ޓަވަރުގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރަން ފަށާފަ އެވެ. ދެ ދުވަސްވަންދެން އެ ޓަވަރު ބަންދުކޮށްފައި ބެހެއްޓުމަށްފަހު އަލުން ހުޅުވީ މިދިޔަ ހުކުރު ދުވަހު އެވެ.

އައިފެލް ޓަވަރުގެ އާ ގަވާއިދުގައި ބުނާގޮތުން އެ ޓަވަރަށް ކޮންމެ ދުވަހަކު ޒިޔާރަތްކުރާ މީހުންގެ އަދަދަށް ބެލުމަށްފަހު އެ ދުވަހެއްގެ ދެ ބައިިކުޅަ އެއްބައި ޓިކެޓް ވިއްކާނީ އޮންލައިންކޮށެވެ. އަދި އޮންލައިންކޮށް ޓިކެޓް ގަންނަ މީހުނަށް ޓަވަރަށް ޒިޔާރަތް ކުރުމަށް ހާއްސަ ވަގުތަކާއި ވަކި ހާއްސަ ލިފްޓެއް ހަމަޖައްސާފައި ހުންނާނެ އެވެ.

މި ނިންމުމާއެކު ޓަވަރަށް ޒިޔާރަތްކުރާ މީހުންގެ ކިއު ބޮޑުވެ، މުވައްޒަފުންނަށް އުނދަގޫވާތީ އެމީހުން ވަނީ ވޯކާސް ޔޫނިއަންއަށް ވެސް މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް ޔުނިއަންއިން އެ މައްސަލައަށް ހައްލެން ނުގެނެސް ދިނުމުން މުވައްޒަފުން ވަނީ މަސައްކަތް ހުއްޓާލާ ހަޅުތާލުކޮށްފަ އެވެ.

ކުރީގައި ގަވާއިދު އޮންނަ ގޮތުންނަމަ އޮންލައިންކޮށް ޓިކެޓް ދޫކުރާނީ ކޮންމެ ދުވަހު ޒިޔާރަތްކުރާ މީހުންގެ އަދަދަށް ބެލުމަށްފަހު 20 ފަސެންޓު މީހުންނަށެވެ. އެމީހުންނަށް ޓަވަރަށް ޒިޔާރަތް ކުރަން ވަކި ހާއްސަ ވަގުތެއް ކަނޑައެއް ނާޅަ އެވެ. ކޮންމެ ދުވަހަކަށް މި ޓަވަރު ބަލާލުމަށް 10،000 މީހުން ޒިޔާރަތްކުރެ އެވެ.

ޓަވަރު އަލުން ހުޅުވި ނަމަވެސް ބައެއް މުވައްޒަފުން އަދިވެސް ދަނީ ހަޅުތާލު ކުރުމުންނެވެ. އައިފެލް ޓަވަރު ބެލެހެއްޓުމުގައި 300 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެ އެވެ. މީގެ ކުރިން ވެސް ތަފާތު އެކި މައްސަލަތަކާއި ވިދިގެން މި ޓަވަރުގެ މުވައްޒަފުން ހަޅުތާލު ކޮށްފައިވެ އެވެ.