ރިޕޯޓް

ގައުމިއްޔަތު ދިރުވުގެ މަސައްކަތަށް ދޭން ޖެހެނީ ސުމެއް

ދިވެހި ރާއްޖޭގެ ފަހުރުވެރި 53 ވަނަ މިނިވަންދުވަސް ފާހަގަކޮށް ނިމިއްޖެއެވެ. ޖުލައި މަހުގެ 26 ވީ އެދުވަސް ފާހަގަ ކުރުމަށްޓަކައި މިއުޒިކާއި، ނެށުމުގެ ހަރަކާތްތަކެއް ހިމަނައިގެން ރަސްމީ ފުޓުބޯޅަ ދަނޑުގައި ރަސްމިއްޔާތެއް ބޭއްވިއެވެ. މާލޭގެ ބޮޑު މަގުތަކެއްގައި އެދުވަހު ދިދަ ޖަހާފައި ހުއްޓެވެ.

އެދުވަސް ކައިރިވާ ވަރަކަށް ސުކޫލް މަދުރަސާ ތަކުން އެކި އައިޓަމްތައް ހުށަހެޅުމަށްޓަކައި ދަރިވަރުން ހޯދަން ގޮވާލައެވެ. ބޭނުމަކަށް ވެފައި އޮންނަނީ، މިނިވަންދުވަސް އަންނާތީ އެދުވަހަށް އައިޓަމެއް ތައްޔާރު ކުރުމެވެ. އެއާއެކު އެ އައިޓަމްގައި ދަރިވަރުން ބައިވެރިވެ، ފަރިތަކުރުންތަށް ކުރިޔަށް ގެންގޮސް އެ ދުވަހު އެ އައިޓަމް ހުށަހަޅާ ނިންމާލައެވެ.

ދިވެހި ރާއްޖެއަށް މިިނިވަންކަން ލިބުނު ގޮތާއި، އެ މިނިވަންކަން ހޯދުމަށް ދިވެހި ރައްޔިތުން ކުރި މަސައްކަތާއި، އޭގެ ކުރިން މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށްޓަކައި ބޭރުގެ އިސްތިއުމާރީ ބާރުތަކާއި ހަނގުރާމަކޮށް، މި ބިމަށް ލޭ އޮހޮރުވާލާ ޝަހީދުވެގެންދިޔަ ބަތޮލުންނާއި ބެހޭ މައުލޫމާތުތައް އެކުދިންނަށް ލިބިފައިވަނީ ކިހާ ވަރަކަށްތޯ މިއީ ކޮށްލުން އެންމެ ރަނގަޅު ސުވާލެކެވެ.

ގައުމީ ދުވަހާއި، މިނިވަން ދުވަހާއި، ޝަހީދުންގެ ދުވަސްފަދަ ދުވަސްތަކަކީ އެއީ ކޮން މުނާސަބަތަކާއި ގުޅިގެން ފާހަގަ ކުރަމުން އަންނަ ދުވަސްތަކެއްކަން އިނގޭ ކުދިން މިއަދު ވަރަށް މަދެވެ. ފަހަރެއްގައި، ތައުލީމީ މަންހަޖުގައި އެކަންކަމަށް އެކަށީގެންވާ މުހިންމު ކަމެއް ދެވިފައިނެތީ ކަމަށްވެސް ވެދާނެއެވެ. ދީނާއި ވަހުދަތު ދިރުވުމަށްޓަކައި ސަރުކާރާއި، ޖުމްލަ ކޮށް، އެއްވެސް ބަޔަކަށް އެކަށީގެންވާ މަސައްކަތް ނުކުރެއްވެނީ ކަމަށް ވުން އެކަށީގެންވެއެވެ.

މީގެ ތަންކޮޅެއް ކުރިޔަށް ޖެހިލަމާ ހިނގާށެވެ. މިނިވަން ދުވަސް ފަދަ މުނާސަބާއެއް އަތުވެއްޖެނަމަ، ފެއްސާއި ރަތާއި ހުދުން ޖަރީ ނުކުރާ އެއްވެސް ރަށެއް އޭރަކު އޮންނާނެ ހެނެއް ހިއެއް ނުވެއެވެ. މުޅި ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ގައުމީ ދިދައިގެ ތިން ކުލައިގެ ފޮތި ކޮޅުކޮޅުން މަހާލާފައިވާ ރޯނުތަކެއް ދަމާލާނެއެވެ. އޭގެ އިތުރަށް ގައުމީ ދިދައިން މުޅި ރަށް ޒީނަތްތެރިކޮށްލައެވެ. އެހާވެސް ގައުމީ ޖޯޝާއި ފޯރި އޭރު ދައްކާލައެވެ. މިނިވަންދުވަހުގެ ޝޯތަށް ނުބާއްވާ ރަށެއް މަދުވާނެ އެވެ. މިނިވަންދުވަހާއި ގުޅިގެން ސުކޫލް މަދުރަސާތަކުގައި އެކި އެކި އެކަޑަމިކް ހަރަކާތްތަށް ހިންގާނެއެވެ.

އަޅުގަނޑުމެން ދިވެހިންނަށް މިވީ ކިހިނެތް ހެއްޔެވެ؟ ކަންނެތްކަން އިންތިހާ ދަރަޖައަށް އަށަގަތީ ހެއްޔެވެ؟ ނުވަތަ ތަރައްގީއާއި ތަހުޒީބުގެ އަވައިގައި ޖެހި ސަގާފަތާއި، ގައުމިއްޔަތަށް އަހަންމިއްޔަތުކަން ދިނުން ބޭކާރު ކަމަކަށްވީ ހެއްޔެވެ؟ އެ ފޯރި މިއަދު ނުދެއްކެނީ ކީއްވެ ހެއްޔެވެ؟ އެއްބައިވަންތަކަން ނެތި ގޮސް، ސިޔާސީ ފިކުރުތަކެއްގެ އަވައިގައިޖެހި ގައުމިއްޔަތަކީ ތިމާ ނިސްބަތްވާ ސިޔާސީ ޕާޓީ ކަމުގައިވާ ފަހަރުވެސް މިހާރަކު މަދެއް ނޫނެވެ.

މައްސަލައެއް ނެތެވެ. ގައުމީ ދިދައިގެ ކުލަތަށް ދައްކާލަން ނުވަތަ އެދިދަ މަގުތައްމަތީގައި ނުޖެހުނީ ކަމަށް ބަލަމާ ހިނގާށެވެ. އެހެން ނަމަވެސް އެ ދިދަ ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުގައި ޖަހަން އެބަޖެހެއެވެ. ގައުމިއްޔަތުގެ ރޫހު އާލާކުރަން ގިނަ މަސައްކަތެއް ކުރަންޖެހިފައިވާ މި ދަނޑިވަޅުގައި ގައުމީ މުނާސަބާތަށް ވަރަށް ފުރިހަމަޔަށް ފާހަގަކުރަން އެބަ ޖެހެއެވެ.

މި ސަރަހައްދުގެ ގައުމުތަކަށް ބަލާލާއިރު، ގައުމިއްޔަތުގެ ރޫހު އެންމެ ބޮޑު އެއްގައުމަކީ އަވައްޓެރި އިންޑިއާއެވެ. އިންޑިއާގެ މިނިވަންކަމަށް މަސައްކަތް ކުރި އެ ގައުމުގެ ބަތޮލުންގެ ހަދާނުގައި މިއަދުވެސް ދަނީ އެކި އެކި ފިލްމުތަށް ނެރެމުންނެވެ. ކުޑަ މިނުން ޓީވީ ސީރީސްތަކުންވެސް ފެންނަނީ ސަގާފަތާއި ގައުމިއްޔަތު ދިރުވަން މަސައްކަތް ކުރާ ތަނެވެ. ވަތަނީ ލޯބި ޖައްސަން އިންޑިއާއިން އެ ކުރާ މަސައްކަތް ރާއްޖޭގައި ނުވާންވީ ކީއްވެ ހެއްޔެވެ؟

ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވީ، ގައުމިއްޔަތާއި ދިވެހިބަސް ދިރުވާ އާލާކުރަން، މާބޮޑުކަމެއް ތައުލީމީދާއިރާއަށް ކޮށްދެވިފި ނުވާ ކަމަށެވެ. އަދި އެކަންކަން ކުރަމުން އައިސްފައިވަނީ ކޮންމެ ގޮތެއްވިޔަސް ވަރިހަމަ އުސޫލަކުން ކަމަށާއި، ވެސްޓާން ކަލްޗާ ނުވަތަ ބޭރުގެ ނުފޫޒު ދިވެހިންގެ މައްޗަށް މާ ބޮޑަށްވެސް ވެރިވެގަނެފައިވާ ކަމަށެވެ. މީގެ އިތުރުން ދިވެހި ރާއްޖޭގެ ތާރީހު ކިޔަވައިދިނުމުގައިވެސް އޮތީ އެ އެސޫލު ކަމަށާއި، އެނގުނު އެއްޗެއް އެނގުނީކަމަށް ނިންމާ ވަރިހަމަކޮށްލާ އުސޫލެއް ކަމަށެވެ.

މަދަރުސާގެ މާހައުލުގެ ތެރެއިން އެކަން ނުކުރެވޭންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އުތީމު ތިން ބެއިންނާއި، އަލި ރަސްގެފާނާއި، ޝަހީދު ހުސައިން އާދަމް ފަދަ ގައުމީ ބަތަލުންގެ ވާހަކަ ހަމަ އެކަނި ނަމަކަށް ފިލާވަޅު ތަކުގައި ހިމެނުމުގެ ބަދަލުގައި، ކަން ހިގާދިޔަ ގޮތާއި، އެދުވަހު އެ ގުރުބާނީ ނުވި ނަމަ މިއަދު ރާއްޖެ އޮންނާނެ ގޮތާއި، މިފަދަ ކަންކަން ޝައުގުވެރިކުރަނިވި ގޮތަކަށް އެ ކުދިންގެ ހިތްތަކަށް ވައްދައިދޭން މަސައްކަތް ކުރަން އެބަޖެހެއެވެ. ގައުމު ދެކެ ލޯބިވާ ދަރިންތަކެއް އުފައްދާ ނުލެވޭ ނަމަ ގައުމުގެ މުސްތަގުބަލާ މެދު ސުވާލު މާކެއް ޖަހަން ޖެހެ އެވެ.