މެންޗެސްޓާ ސިޓީ

ގާޑިއޯލާގެ ކުރިމަތީގައި އުނދަގޫ ޓާގެޓެއް

މިދިޔަ 10 އަހަރު އިނގިރޭސި ޕްރިމިއާ ލީގް ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ފަހަރު އެއްވެސް ޓީމަކަށް ހޯދިފައެއް ނުވެ އެވެ. މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ކުރިއަށް އޮތް ސީޒަންގައި އޭނާގެ ޓާގެޓަކީ، އިނގިރޭސި ޕްރިމިއާ ލީގް ތަށި ސިޓީއަށް ދިފާއު ކޮށްދިނުމެވެ.

މެންޗެސްޓާ ޔުނައިޓަޑުން 2008 އަދި 2009 ވަނަ އަހަރު ލީގް ހޯދި ފަހުން އެއްވެސް ޓީމަކަށް ޖެހިޖެހިގެން ލީގް ހޯދިފައެއް ނުވެ އެވެ. ގާޑިއޯލާ ވަނީ ސްޕެއިން އާއި ޖަރުމަންގައި ޖެހިޖެހިގެން ލީގް ހޯދާފަ އެވެ. މިދިޔަ 10 ވަރަކަށް އަހަރު ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓަޑް، މެންޗެސްޓާ ސިޓީ، ލެސްޓާ ސިޓީއަށްވެސް ޖެހިޖެހިގެން ލީގް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

އިނިގިރޭސި ލީގްގައި ޖެހިޖެހިގެން ލީގް ހޯދުން އުނދަގޫ ކަމަކަށް ވަނީ ކީއްވެތޯ ސުވާލު ކުރުމުން ގާޑިއޯލާ ބުނީ އޭގެ އަސްލު ސަބަބެއް ބުނެދޭން އޭނާއަށްވެސް ނޭންގޭކަމަށެވެ.

"އަހަރެން ވަނީ ބާސާ އަދި ބަޔާންގައި ޖެހިޖެހިގެން ކާމިޔާބު ކޮށްފަ، ފަހަރެއްގައި ވެދާނެ އިންގްލެންޑްގައި ވާދަ ކުރާ ޓީމުތަކަށް އަންނަ ބަދަލުތަކުން އެކަން ނުވަނީ ކަމަށްވެސް، އަނެއް ކަމަކީ މިތާންގައި ހުރިހާ ޓީމެއްވެސް ވަރަށް ވަރުގަދަ، އެހެންވީމަ އަހަންނަށް ހީވަނީ އެހެން ގޮތަކަށް މަސައްކަތް ކުރަން ޖެހޭހެން، މިދިޔަ އަހަރު އަހަރެމެން ކިޔަމުން އައީ ލީގްގައި 100 ޕޮއިންޓް ހަމަ ކުރާނަމޭ، އޭރު ބުނަމުން ދިޔައީ އެއީ ނުވާނެ ކަމެއް ކަމަށް ނަމަވެސް އަހަރެމެން ތަފާތު ގޮތަކަށް ވިސްނީމަ އެކަން ހާސިލު ވެގެން ދިޔަ."

ގާޑިއޯލާ ބުނީ، ޖެހިޖެހިގެން ލީގް ހޯދުމަށް ސިޓީގެ ފެންބޮވައިގެންފައި އޮތީ ކިހާވަރަކަށް ކަމެއް ނޭންގޭ ކަމަށެވެ. ނަމަވެސް ބާސާ އަދި ބަޔާންގައި އޭނާ ހާސިލު ކުރި ކާމިޔާބު ހޯދަން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ.

އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ، ކޮމިޔުނިޓީ ޝީލްޑް މެޗުގައި މެން ސިޓީ މިއަދު ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. މެޗު އޮންނާނީ ރާއްޖޭ ގަޑިން މިއަދު އިރުއޮއްސި 7:00 ގަ އެވެ.