ހަބަރު

އިދިކޮޅުން އުޅެނީ ހަމަނުޖެހުން އުފައްދައި އިންތިހާބު ހައިޖެކް ކުރަން: ހަލީލް

ގައުމުގައި ހަމަނުޖެހުން އުފައްދައި އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރަނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު "ހައިޖެކް" ކުރަން ކަމަށް ޕީޕީއެމްގެ އެސްޖީ ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމުގެ ހަމަނުޖެހުން ނަގާލަން ބަޔަކު ރާވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ފޭސްބުކް މެދުވެރި ކުރައްވައި ރޭ ވިދާޅުވެފައިވަނިކޮށް ހަލީލު މިއަދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރާއްޖޭގައި ހަމަނުޖެހުން އޮތްކަން ދައްކުވައިގެން އިންތިހާބުގެ ކަންކަން ހިންގަން ބޭރުގެ ބަޔަކު ގެންނަން ކަމަށެވެ.

"ރައްޔިތުން އިދިކޮޅަށް ނޫނެކޭ ބުނަނީ މިހެންވެ،" ނިލަންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ހަލީލު ވިދާޅުވި އެވެ.

ހަލީލު ވިދާޅުވީ، ރައްޔިތުންގެ ތާއިދު ނެތުމުން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން އިދިކޮޅުން މަސައްކަތް ފަށާފައިވާ ކަމަށާއި އެކަން ރައްޔިތުން ހުއްޓުވާނެ ކަމަށެވެ. ރާއްޖޭގެ މަގުތައް ނާމާން ކުރަން ކުރާ މަސައްކަތް ގާނޫނުން ބަލިކުރާނެ ކަމަށެވެ.

މިނިސްޓަރު މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް ގައުމުގެ އަމާންކަން ނަގާލުމަށްޓަކައި ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ކަންކަން އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ގާތުން ބަލަމުންދާ ކަމަށެވެ.

ގައުމަށް ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތު ލިބިފައިވާކަން ރަސްމީ ބަޔާނެއްގެ ގޮތުގައި ނޫނީ ރަސްމީ ސިފައެއްގައި މިނިސްޓަރު ހާމަ ކުރެއްވުމުގެ ބަދަލުގައި އަމިއްލަ ފޭސްބުކް އެކައުންޓެއް ޕޯސްޓެއް ކުރެއްވުން ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވެސް އެކަން ސިފަ ކުރެއްވީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބު ލަސްކުރުމަށް ސަރުކާރުން ހިންގާ "ޖަރީމާ"އެއްގެ ގޮތުގަ އެވެ.