ލައިފްސްޓައިލް

އަޅެ މިއީ ދިވެހިން ނަމައޭ ހިތަށް އަރާ!

Aug 5, 2018
8

މަތީގައިވާ ފޮޓޯއަކީ ރާއްޖެ ނުވަތަ މާލޭގެ މަގެކޭ ބުނާކަށް ނުވެސް ޖެހޭނެ އެވެ. ނަމަވެސް، މިފަދަ ތަހުޒީބީ ބަޔަކު، ދަނޑިމާރު ނާޅާ، ބަސްއަހައިގެން، އަމިއްލައަށް ތަރުތީބު ވެގެން ތިބޭ މަންޒަރު ފެންނަ ފޮޓޯއަކީ އިންޑިއާގެ ސްޓޭޓެކޭ ބުނެފިނަމަ ފަހަރުގައި ހައިރާންވެދާނެ އެވެ.

މިއީ އަވަށްޓެރި އިންޑިއާގެ ސްޓޭޓެއް ކަމުގައިވާ މިޒޯރަމްގެ ވެރިރަށް އައިޒޯލްގެ މަގެއްގައި ޓްރެފިކުގައި ޖެހިފައިވަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ. މި ފޮޓޯ ސޯޝަލް މިޑީއާގައި މިހާރު ވަނީ އެތަކެއް ހާސް ބަޔަކު ޝެއާކޮށްފަ އެވެ. އާންމު އުސޫލުގެ މަތިން އޭގެ ތެރޭގައި ދިވެހިންވެސް ބައިވަރެވެ. ތައުރީފުކޮށް ކޮމެންޓުތައް ވެސް ދަނީ އޮއްސަމުންނެވެ. އަދި އަމިއްލަ ގައުމުގައި މިފަދަ ކަމެއް ކުރަން ނުކުޅެދިފައިވާތީ އެކަމަށް ޝަކުވާ ކުރާވަރު ވެސް މަދެއްނޫނެވެ.

އެ ޝަކުވާތަކާއި ފާޑު ކިޔުމުގެ ތެރޭގައި، ހިތު ތެރޭގައި އުފެދެނީ ކުޑަ ކުޑަ ސުވާލެކެވެ. ތޮއްޖެހި، ފިތި ބާރުވެފައިވާ މާލޭގެ ހަނި މަގުތަކުގައި މިގޮތަށް އަމަލު ނުކުރެވޭނެ ހަމަ އެއްވެސް ސަބަބެއް ނުވިސްނޭތީ އެވެ. ސޯޝަލް މީޑިއާ އިން ބޭރަށް ވިސްނުމާއި ދިރިއުޅުން ނެރެ، ކޮންމެ ދުވަހަކު ބޯ ޓްރެފިކުގައި، ރަތްދައްކާ އަވީގައި، ދާ ހިއްލައި ފޯވެގެން ދުއްވަން މަޖުބޫރު ވާއިރު، މިފަދަ ކަމެއްގެ މުހިންމު ކަން ވިސްނޭއިރު، އެކަން އަމަލަށް ތިރިކުރަން ފަސްޖެހޭތީ އެވެ.

މިކަމަކީ ރޮކެޓު ސައިންސެއް ނޫނެވެ. ހަމައެކަނި ފޮޓޯ ގަނޑަކުން ފެނިގެން ރޭކާލާންޖެހޭ ވަރަށް ވުރެ އާދައިގެ ކަމެކެވެ. ތިމާ އޮންނަ ފަޅިން ކުރިއަށް ނުދެވެނީ، މަގު ކޮންމެވެސް ހިސާބެއްގައި ޓްރެފިކް ޖޭމުވެފައި އޮތީމަ އެވެ. އެކަމުން ރެކެންވެގެން، އަނެއް ފަޅިއަށް އަރައިގެން، މުޅި މަގު އެއްކޮށް ބުލޮކުކޮށްލީމަ ވާނޭގޮތް ތުއްތު ކުއްޖަކަށް ވެސް ވިސްނޭނެ އެވެ. ކުރިމަތިން އަންނަން ހުރި ވެހިކަލްތަކަށް ނުދެވި، ތިމާ އޮންނަ ފަޅިން ވެސް ކުރިއަށް ނުދެވޭނެ ކަން ހަމަ ނުވިސްނެނީއޭ ބުނެވޭނެ ހެއްޔެވެ.

ދެން މިވާހަކަ ދެއްކީމަ ބުނާނީ ކީކޭކަން ވެސް އެނގެ އެވެ. އެކަކު މިގޮތަށް އަމަލު ކޮށްގެން ހައްލެއް ނުލިބޭނެ އޭ ކިޔާ އަޑުގަދަކޮށްލާނެ އެވެ. އެކަމަކު ކިތަންމެ ގިނަ ބަޔަކު ގޯސްކަމެއް ކުރިޔަސް، ގޯސްކަމެއް ރަނގަޅު ވާނެ ހެއްޔެވެ. ހަމައެކަނި ބޭނުންވަނީ ރަނގަޅަށް ކަމެއް ކުރަން ފަށާނެ ބަޔެކެވެ. ގޮތް ދޫނުކޮށް ތިބޭ ބަޔަކު އުޅުނަސް މައްސަލައެއް ނެތްތާ އެވެ. ދެ ތިން ސައިކަލެއް މަގުގެ އަނެއް ފަޅިއަށް އަރައިގެން މުޅި މަގު އެކީ ބުލޮކެއް ނުވާނެ އެވެ.

މަގުތައް ތޮއްޖެހުނީމަ، ހަމައެކަނި ހައުސިންގް މިނިސްޓަރަށް ފާޑު ކިޔުމަކުން ނުފުދޭނެ އެވެ. ނޫނީ، ޓްރެފިކު ފުލުހުންގެ ނާގާބިލުކަމޭ ބުނެ ނުރުހުން ފާޅު ކުރުމަކުން ވެސް މައްސަލަ ހައްލެއް ނުވާނެކަން ޔަގީނެވެ. ރަނގަޅެވެ. ކަމާބެހޭ އިދާރާތަކުގެ އިހުމާލު ވެސް އިންތިހާއަށް ބޮޑެވެ. ނަމަވެސް، ކޮންމެ ކަމެއްގައި ވެސް ފަރުދީ ޒިންމާއެއް އޮންނާނެ އެވެ. ތިމާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ރަނގަޅު ކުރުމަށް އަމިއްލައަށް އެޅޭނެ ފިޔަވަޅުތައް ވެސް މަދެއްނުވާނެ އެވެ.

މިއީ އޭގެ ތެރެއިން އެއްކަމެވެ. މުހިންމު ވެސް ކަމެކެވެ. ސޯޝަލް މީޑިއާގައި ފޮޓޯގަނޑެއް ހިއްސާ ނުކޮށް މިކަން ކުރަމާ ހިނގާށެވެ. މިކަން ކޮށްގެން އެއްވެސް މީހެއްގެ ހައިބަތަށާއި ގަދަރަށް އެއްވެސް ވަރެއްގެ ހީނަރުކަމެއް ނާންނާނެކަމުގެ ޔަގީންކަން އަރުވަމެވެ.