ސާފް ސުޒުކީ ކަޕުގައި ވާދަ ކުރާ ގައުމީ ޓިމު ޓްރެއިނިން ކޭމްޕްގައި މާދަމާ ގަތަރަށް ފުރަން ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، ޓްރެއިނިން ކޭމްޕް ތާވަލުކޮށްފައިވާ ގޮތުން، ބަނގުލަދޭޝްއަށް ޓީމު ދިއުމަށް ހަމަޖެހިފައި ވަނީ، ޓްރެއިނިން ކޭމްޕަށް ފަހު ގަތަރު މަގުން ކަމަށެވެ. ޓީމު ބަންގުލަދޭޝްއަށް ދާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު ހަތަރު ވަނަ ދުވަހު އެވެ. ރާއްޖެ ކުލޭ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހު ހަތް ވަނަ ދުވަހު އެވެ.
ޖަވާ ވިދާޅުވީ ގަތަރުގެ ޓްރެއިނިން ކޭމްޕްގައި، އެ ގައުމުގެ ޓޮޕް ލީގްގެ ކުލަބަކާ ދެކޮޅަށް މެޗެއް ކުޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މެދުކެނޑުމަކަށް ފަހު މުބާރާތުގައި ވާދަ ކުރާ ޕާކިސްތާން ޓީމު ވަނީ ބަހްރެއިންގައި ކޭމްޕް ކޮށްފަ އެވެ. މުބާރާތް ބާއްވާ ގައުމު ބަންގުލަދޭޝް އާއި ޝްރީ ލަންކާގެ ޓީމު ކޭމްޕް ކުރީ ދެކުނު ކޮރެއާގަ އެވެ. ނޭޕާލް ޓީމު ކޭމްޕް ކުރީ ތައިލެންޑްގަ އެވެ.
ގަތަރުގެ ޓްރެއިނިން ކޭމްޕާ ބެހޭގޮތުން ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނީ ގަތަރުގައި ޓްރެއިނިން ކޭމްޕް ހަމަޖެހިގެން ދިއުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
"ގަތަރުގެ ޓްރެއިނިން ވަސީލަތްތަކާއި ކެއުންވެސް ރަނގަޅުވާނެ، އެހެންވީމަ ގަތަރުގައި ޓްރެިނިން ކޭމްޕް ހަމަޖެހިގެން ދިއުމުން ހިތްހަމަޖެހޭ."
ސާފް ސުޒުކީ ކަޕަށް ޓީމު ތައްޔާރު ކުރުމުގެ ގޮތުން ބޭރުގެ އެސިސްޓެންޓް ކޯޗަކާއި ފިޒިކަލް ޓްރެއިނަރެއް ގެނެސްފަ އެވެ. އެސިސްޓެންޓް ކޯޗް ޖެލާ ޝެކިލާޒީ އަކީ ޖޯޖިއާގެ ގައުމީ ޓީމަށްކުރިން ކުޅުނު ޑިފެންޑަރެކެވެ. މިދިޔަ ބުރާސްފަތި ދުވަހު ޓީމާ ގުޅުނު ފިޒިކަލް ޓްރެއިނަރު ވަލްޑަމީރު ކުރުނިޗްއަކީ މޮންޓަނީގުރޯގެ ތަޖުރިބާކާރެކެވެ.