ހަބަރު

ރާއްޖޭގެ އެއްވެސް މީހަކަށް އީޔޫއިން ފިޔަވަޅު އެޅިޔަ ނުދޭން މަސައްކަތް ކުރާނަން: ޝައިނީ

ޔޫރަޕިއަން ޔޫނިއަން، އީޔޫއިން ރާއްޖޭގެ އެއްވެސް މީހަކަށް ފިޔަވަޅު އެޅިޔަ ނުދިނުމަށްޓަކައި ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އީޔޫގެ ޕޮލިސީ ލެވަލްގެ ކަންކަން ނިންމާ އީޔޫގެ ފޮރިން މިނިސްޓަރުން ހިމެނޭ ކައުންސިލް ބައްދަލުވުމުގައި ރާއްޖޭގެ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ އެންމެހާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅޭ ގޮތަށް ނިންމައި، ފިޔަވަޅު އެޅޭނެ އުސޫލެއް ކަނޑައަޅައި މިދިޔަ މަހު ވަނީ ފާސްކޮށްފަ އެވެ.

އެކަމާ ގުޅިގެން އިދިކޮޅުން ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައިވާއިރު ފިޔަވަޅު އަޅާ ލިސްޓްގައި ބައެއް ވިޔަފާރިވެރިން ހިމެނޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދެ އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އީޔޫއިން ރާއްޖެއަށް ފިޔަވަޅު އަޅަން ނިންމާފައިވާ ލިސްޓްގެ ތެރޭގައި ބައެއް ވިޔަފާރިވެރީންގެ ނަން ހިމެނޭ ކަމަށް ބުނެ ބިރު ދައްކައިގެން އެމީހުންގެ އަތުން ފައިސާ ހޯދަން މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އެފަދަ ފަރާތްތަކުން އެ ލިސްޓް އަލުން ބެއްލެވުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެ ލިސްޓްގައި އީޔޫއިން މިވަގުތު އެއްވެސް ނަމެއް ހިމަނާފައިނުވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

"އެއްވެސް މީހަކަށް ފިޔަވަޅު އެޅިޔަ ނުދިނުމަށްޓަކައި ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިދަނީ ކުރަމުން،" ޝައިނީ ވިދާޅުވި އެވެ.

މީގެ ކުރިންވެސް މިނިސްޓަރު ވަނީ ސަރުކާރުން އީޔޫ ގައުމުތަކާ ވާހަކަ ދައްކައިގެން ކުރި މަސައްކަތް ކާމިޔާބުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ހާލަތު އީޔޫއަށް ކިޔައިދީފައި އޮތީ ހަގީގަތާ އެއްގޮތަށް ނޫން ކަމަށާއި އެކަން އީޔޫގެ ގައުމުތަކުން ވެސް މިހާރު ގަބޫލުކުރާ ކަމަށެވެ. ހާލަތު ވަރަށް ގޯސްވެގެން ނޫނީ ގައުމަކާ ދެކޮޅަށް އީޔޫއިން ފިޔަވަޅު ނާޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖެއަށް ފިޔަވަޅު އަޅަން އީޔޫގެ ކައުންސިލަށް މައްސަލަ އެޖެންޑާ ކުރީ، ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު
ހުކުމަށް ސަރުކާރުން ތަބާނުވެ، ސްޓޭޓް އޮފް އެމެޖެންސީ އިއުލާންކޮށް އުއްތަމަ ފަނޑިޔާރާއި އެ ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް އަދި ކުރީގެ ރައީސް މައުމޫން އާއި މަޖިލީހުގެ މެންބަރުންނާއި އަދި ބައެއް ސިޔާސީ ފަރާތްތައް ހައްޔަރުކޮށް ދައުވާ ކުރުމާ ވިދިގެން ރާއްޖެ އިސްލާހުގެ މަގަށް ގެންނަން ރާއްޖެއަށް ފިޔަވަޅުތައް އެޅުމަށް އީޔޫގެ ކައުންސިލަށް ހުށަޙަޅަން ފާސްކުރި ގަރާރާ ގުޅިގެންނެވެ.

ހަތް ނުކުތާއެއްގެ މައްޗަށް ބިނާކޮށް ފާސްކޮށްފައިވާ ގަރާރުގައިވާ ގޮތުގެ މަތިން، އަޅަން ހުށަހަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އީޔޫ އިން ރާއްޖެއަށް ދޭ އެހީތައް ކަނޑާލުމާއި، ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ވަކި ވަކި ފަރުދުންނާއި ކުންފުނިތަކުގެ އީޔޫ ގައުމުތަކުގައި ހުރި މުދަލާއި އެކައުންޓުތައް ހިފެހެއްޓުމާއި، އެމީހުންނަށް އީޔޫ ގައުމުތަކަށް އެތެރެ ނުވެވޭ ގޮތް ހެދުން ހިމެނެ އެވެ.