ޗެލްސީގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ކޮމިޔުނިޓީ ޝީލްޑް މެންޗެސްޓާ ސިޓީން ކާމިޔާބު ކޮށްފި އެވެ.
ސިޓީގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ ސާޖިއޯ ކުން އަގުއޭރޯ އެވެ. ކޮމިޔުނިޓީ ޝީލްޑްގައި ވާދަ ކުރާނީ ކުރީ ސީޒަންގެ ލީގް ޗެމްޕިއަން އާއި އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމެވެ. މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގް ޗެމްޕިއަންކަން ހޯދީ މެންޗެސްޓާ ސިޓީންނެވެ. ޗެލްސީ ހޯދީ އެފްއޭކަޕެވެ.
އެފްއޭކަޕްގެ ޗެމްޕިއަންކަން އެ ޓީމަށް ހޯދައިދިން ނަމަވެސް އޭރު ހުރި ކޯޗް އެންޓޯނިއޯ ކޮންޓޭއަށް ވަޒީފާ ގެއްލުނެވެ. އެފްއޭކަޕް ހޯދި ނަމަވެސް ކުލަބުގެ އޯނަރު ރަޝިއާގެ ބިލިއަނަރު ރޮމަން އަބްރޮހިމޮވިޗް ހިތްހަމަޖެހޭ ވަރުގެ ކާމިޔާބެއް އޭނާއަށް ހޯދައި ނުދެވުމުންނެވެ. މިއީ އާ ކޯޗް މައުރީޒިއޯ ސާރީގެ ފުރަތަމަ މެޗެވެ. މެޗަށް ނިކުތުމުގެ ކުރިންވެސް އޭނާ އެންމެ ބޮޑަށް ފާހަގަ ކުރީ އިނގިރޭސި ކުލަބު ލެވަލްގެ ޓީމުތަކުގެ ވަރުގަދަ ކަމާއި އިނގިރޭސި ފުޓްބޯލައިގެ ވާދަވެރި ކަމެވެ. އަދި ކާމިޔާބު ހޯދަން އިނގިރޭސި ވިލާތުގައި އުނދަގޫ ވާނެ ކަމަށް އޭނާ މެޗުގެ ކުރިން ބުނެފައި ވެއެވެ.
ސާރީގެ އެކުވެރި ޕެޕް ގާޑިއޯލާއަށްވެސް ފުރަތަމަ ސީޒަންގައި އުނދަގޫ ކުރިމަތި ވި އެވެ. ނަމަވެސް މިހާރު އޭނާ ވަނީ އިނގިރޭސި ފުޓްބޯޅައަށް ރަނގަޅަށް ހޭނިލާފަ އެވެ. ސާރީވެސް އެކަން ފާހަގަ ކުރި އެވެ. ވޯލްޑްކަޕުގައި ވާދަ ކުރި ބައެއް ކުޅުންތެރިން މުޅިން ހަމަ ނުވާތީ ޗެލްސީ އާއި ސިޓީންވެސް ކުޅުނީ އެ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން ނުހިމަނައެވެ. ނަމަވެސް ސީޓީގެ އެޓޭކިން ލައިންގެ އެންމެ މުހިންމު ކުޅުންތެރިޔާ އަގުއޭރޯ ހުރުމުން ސިޓީގެ ފޯވަޑްލައިނަށް އިތުބާރު ބޮޑުވި އެވެ.
މެޗު ފަށައިގެން ޗެލްސީގެ ގޯލް ހުޅުވަން އަގުއޭރޯއަށް ބޭނުންވީ 13 މިނެޓެވެ. އޭރިއާގެ ބޭރުން، ފިލް ފޯޑެން ދިން ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު އަގުއޭރޯ ގޯލްގެ ތެރެއަށް ފޮނުވާލީ ޕެނަލްޓީ އޭރިއާގެ ހާފް ސާކަލްގެ ތެރޭގައި ހުރެފައެވެ.
އޭގެ ފަހުން ސިޓީގެ ލިރޮއީ ސާނޭ އަށްވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ތަނަވަސް ވެފަ އެވެ. އޭރިއާ ތެރެއަށް ވަދެ އޭނާ ބޯޅަ ފޮނުވާލުމުގެ ކުރިން ޗެލްސީގެ އާޖެންޓީނާ ކީޕަރު ވިލީ ކަބެލާރޯ ވަނީ ކުރިއަށް ނިކުމެ އެބޯޅަ ސަލާމަތް ކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ޗެލްސީގެ އަލްވާރޯ މޮރާޓާއަށް ވެސް ފުރުސަތެއް ލިބުނެވެ. އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. ފުރަތަމަ ހާފުގައި ކުޅުނު ޗެލްސީގެ ޒުވާން ކުޅުންތެރިޔާ، ކަލޫމް ހޮޖްސަން އޮޑޯއީ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު ކްލައުޑިއޯ ބްރޯވާ އަތުގައި ޖެހިފައި ރީބައުންސް ވެގެން ނިކުތެވެ. އެ ބޯޅައަށް މޮރާޓާ މަސައްކަތް ކުރިނަމަވެސް އޭނާއަށް ލިބުމުގެ ކުރިން ސިޓީގެ ޑިފެންސުން ބޯޅަ ސާފް ކޮށްލި އެވެ.
ސިޓީގެ ދެ ވަނަ ލަނޑު އަގުއޭރޯ ކާމިޔާބު ކުރީ މެޗުގެ 58 ވަނަ މިނެޓްގައި ބެނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުން ނެވެ.
އިނގިރޭސި ޕްރިމިއާ ލީގް ފަށާނީ މިއަންނަ ހުކުރު ދުވަހުގެ ރޭގަ އެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ މެންޗެސްޓާ ޔުނައިޓާޑާއި ލެސްޓާ ސިޓީ އެވެ.