ހަބަރު

ރައީސް ޔާމީންގެ ތައުލީމީ ސިޔާސަތަށް ކޮންމެ ޒުވާނަކުވެސް ފަހުރުވެރިވާން ޖެހޭ: ޝަހީމް

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ތައުލީމީ ސިޔާސަތައް ކޮންމެ ޒުވާނަކު ވެސް ފަހުރުވެރިވާން ޖެހޭ ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މެލޭޝިޔާގައި ދިރިއުޅުއްވާ ރައްޔިތުންނާއި ކިޔަވާ ކުދިންނަށް ބައްދަލު ކުރައްވައި ޝަހީމް މިއަދު ވިދާޅުވީ، ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވި ވަޑައިގެންނެވުމުން، ވަރަށް ބާރު ސްޕީޑެއްގައި މެލޭޝިއާގައި ރާއްޖޭގެ ކަލްޗަރަލް ސެންޓަރު ހުޅުވުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެ ސެންޓަރު މެދުވެރިކޮށް އިސްލާމް މާއްދާ ކިޔަވައި ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ސިޔާސަތު ކޮންމެ ތައުލީމީ ޒުވާނަކު ފަހުރުވެރިވާން ޖެހޭނެ، އެތައްހާސް ތައުލީމީ ފުރުސަތުތައް ފަހިވެފަ އެވަނީ، ހަމަ ޔަގީނުންވެސް މި ހޯލްގެ ތެރޭގައި މަދެއް ނުވާނެ ސްކޮލާޝިޕްތަކުގައި ކިޔަވަމުންދާ ދަރިވަރުން، ބައެއް ދަރިވަރުންގެ ބައެއް ބޭނުންތައް އަޅުގަނޑާ ހިސާބަށް ވަނީ އައިސްފަ، އެކަންތައްތަކަށް ލުއި ގޮތްތައް ހޯއްދަވައުދެއްވުމަށް ރައީސްއަށް ދަންނަވާނަން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ޒުވާނުންނާމެދު ރައީސް ޔާމީން ވަރަށް ބޮޑު އުންމީދުތަކެއް ކުރައްވާ ކަމަށެވެ. ރާއްޖެ މިހާރު ދެކެމުންދާ ކުރިއެރުމާއި އިގްތިސޯދީ ހަލުވި ދުވެއްޔާއި އުމްރާނީ ތަރައްގީ ދެމެހެއްޓުމަށްޓަކައި ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ބުރަ އަދި މިންނެތް މަސައްކަތްތައް ދެމެހެއްޓުމުގައި ޒުވާނުންގެ އެހީއަށް އެދިވަޑައިގަންނަވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އެހެން ކަމުން މިރޭ ރައީސް ޔާމީންގެ ފަރާތްޕުޅުން އެ އެދުން ތިބޭފުޅުންގެ އަރިހަށް ރައްދު ކުރަން، އަޅުގަނޑު އެދެނީ ތިޔަ ލޮބުވެތި އަހުންނާއި އުހުތުން، ދިވެހި ލޮބިވެތި އާއިލާތައް ކިޔަވާ ކުދިން، ޒުވާނުން، ރައީސް ޔާމީންގެ އެދިލެއްވުމަށް އިޖާބަދެއްވާ ރާއްޖެއަށްޓަކައި ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، މިއަހަރު ބާއްވާ އިންތިހާބަކީ ރާއްޖޭގެ މުސްތަގުބަލުގައި އަންނާނެ ވަރަށް މަތިވެރި ފުރުސަތުތަކެއް ކަނޑައެޅިގެންދާނެ އިންތިހާބެއް ކަމަށާއި މި އިންތިހާބަކީ ރާއްޖޭގެ މުސްތަގުބަލް ކަނޑައަޅިގެންދާނެ އިންތިހާބެއް ކަމަށެވެ.

"މި އިންތިހާބު އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ، ވަރަށް ތަނަވަސް އަގްލަބިއްޔަތަކުން، އިރާދަކުރެއްވިއްޔާ މި އިންތިހާބު ކާމިޔާބުވުމަށް ފަހުގައި ރާއްޖެއަށް ކުރިއެރުމާއި ތަރައްގީ ގެނުވައި ހަލުވި ދުވެއްޔެއްގައި ކުރިއަށް ދުވަމުންދާތަން ކޮންމެ މީހަކު ދެކޭނެ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ސިންގަޕޫރް އަދި މެލޭޝިއާފަދަ ގައުމުތަކުން ފެންނަ ބޮޑެތި އިމާރާތްތަކާއި ތަހްޒީބް މުޖުތަމައެއްގެ ކުރިއެރުމާއި ތަރައްގީ ރާއްޖޭގެ މުޖުތަމައުން ވެސް ފެންނަން ބޭނުންވާ ކަމަށާއި ސިޔާސީ ހަލަބޮލިކަމާއި ރުޅިވެރިކަމާއި އަދުއްވުންތެރިކަން ދިވެހި މުޖުތަމައުން އުނިކޮށްލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އެއް ބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވާ، އަދި ކޮންމެ ޕާޓީއެއްގައި ހުރި މެންބަރަކު ކަމުގައިވީ ނަމަވެސް އެމެންބަރަކު ވާން ޖެހޭނީ ގައުމުދެކެ ލޯބިވާ، ދިވެހިރާއްޖޭގެ ހަމަޖެހުމަށް އިސްކަންދޭ ކުރިއެރުމާއި ތަރައްގީއަށް ދަހިވެތިވެފައިވާ މީހަކަށް ވާންޖެހޭނެ، ހާއްސަކޮށް ދިވެހި ޒުވާނުން،" ޝަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ރައްޔިތުންނަށްޓަކައި ކަމަށާއި އެމަނިކުފާނުގެ ސިޔާސަތުތައް ކަނޑައެޅިފައިވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި އަހުލާގް ދެމެހެއްޓުމަށްޓަކައި ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި މިއީ ދިވެހި ރައްޔިތުން އެކަތިގަނޑަކަށްވެ ރައީސް ޔާމީންގެ ފަހަތްފުޅުގައި ތިބެ އިންތިހާބު ކާމިޔާބު ކޮށްދެއްވަންވީ ވަގުތު ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް އިތުރަށް ވިދާޅުވީ، ކެމްޕެއިންގައި ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި މަންޒަރު ބަދަލުވަމުންދާ ތަން ފެންނަ ކަމަށާއި މެލޭޝިއާއިން ވެސް މަންޒަރު ބަދަލުވެއްޖެ ކަމަށެވެ. އަދި ރައީސް ޔާމީނަށް ފުރިހަމަ ތާއީދެއް މެލޭޝިއާގައި ތިބި ދިވެހިންގެ މިހާރު އެބައޮތް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.