ހަބަރު

ރައީސް ޔާމީން ހޮވައިފިނަމަ ރާއްޖެ އަޅުވެތިވާނެ: ފައިސަލް

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީިސް އަބުދުﷲ ޔާމީން އަބުދުލްގައްޔުމް ހޮވިވަޑައިގެންފިނަމަ ރާއްޖެ ބޭރު ގައުމުތަކުގެ އަޅުވެތިކަމަށްދާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

މ. ދިއްގަރުގައި އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގައި ފައިސަލް ވިދާޅުވީ، ދިވެހި ރައްޔިތުންނަކީ ކޮރަޕްޝަން ބަލައިގަންނާނެ ބައެއް ނޫން ކަމަށާއި ބޭއިންސާފު ބަލައިގަންނާނެ ބައެއް ނޫން ކަމަށެވެ. އަދި ބޭނުންވަނީ ހަމަހަމަކަން ކަމަށާއި ސަރުކާރަކުން ތަފާތު ކުރުމެއްނެތި ކަންކަން ކޮށްދޭތަން ފެނުން ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި ހާލަތު ބަދަލު ކުރުމަށްޓަކައި މިދެންނެވި ގޮތަށް މަސައްކަތްތައްކޮށް ގާނޫނު އަސާސީން އަޅުގަނޑުމެންނަށް ލިބިފައިވާ ހައްގުތައް އަޅުގަނޑުމެން ކަށަވަރު ކުރަން އެބަ ޖެހޭ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ކޯލިޝަން ސަރުކާރެއް ހިންގަވާނެ ގޮތާކީ ރައްޔިތުންގެ އަރިހަށް އައިސް ރައްޔިތުން ބޭނުންވާ ކަންތައްތައް ބަލައިގެން ކަމަށެވެ. ފިނިކޮޓަރީގައި ތިބެގެން ބޮޑާކަމާއި ކިބުރުވެރިކަމާއެކުތިބެ ސަރުކާރު ހިންގުމަކީ ވިސްނުމަށް އަންނާނެ ކަމެއްވެސް ނޫން ކަމަށް ފައިސަލް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންނަށް ލިބިފައިވާ ފުރުސަތު ދޫކޮށްލައިފިކަމަށްވާނަމަ، ތިބޭފުޅުން 23 ސެޕްޓެމްބަރުގަ އަޅުގަނޑުމެން ބޭނުންވާ ނަތީޖާ ތިބޭފުޅުން ނުނެރުއްވައިފިކަމަށްވާނަމަ އަޅުގަނޑުމެން ވެގެންދާނީ، އަޅުގަނޑުމެންގެ މިގައުމު ވެގެންދާނީ އެހެން ބައެއްގެ އަޅުވެތިވެގެންވާ ގައުމެއްގެ ގޮތުގައި؛ އަޅުގަނޑުމެން ބޭނުމެއްނުވޭ އެހެން ބަޔަކު އައިސް އަޅުގަނޑުމެން މައްޗަށް ވެރިވެ ގަންނާކަށް، މި ފަސްގަނޑުން އެހެން ބަޔަކަށް، އެހެން ދީނަކަށް އެޖާގަ ލިބިގެންދިއުމަކީ ދުވަހަކުވެސް ބޭނުންވާނެ ކަމެއް ނޫން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، މިއަދު ސަރުކާރުން ލޯނު ނަގައި ދަރަނިވެރިކަން ބޮޑު ކުރުމަކީ މިގައުމު އެހެން ބައެއްގެ އަޅުވެތިކަމަށް ދިއުމުގެ ބިރުވެތިކަން އޮތް ސަބަބެއް ކަމަށެވެ.

ފައިސަލް ވިދާޅުވީ، ސަރުކާރުންނާއި ޕީޕީއެމުން ކޮންމެ އެއްޗެއްކީ ނަމަވެސް މިއަދު ރައްޔިތުން ނިންމާނެ ގޮތް ވަރަށް ރަނގަޅަށް ސާފުވެގެން ގޮސްފައިވާ ކަމަށާއި 23 ސެޕްޓެމްބަރުގައި ރައްޔިތުން ނިކުމެ ރައީސް ޔާމީނަށް ނޫނެކޭ ބުނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަނިޔާވެރިކަމަށް ނޫނެކޭ ބުނަން ޖެހެނީ ވަރަށް ގިނަ ސަބަބުތައް ހުރުމުން، އެވާހަތައް ދައްކަން އުދަގޫވެސްމެ، އެކަމެއްގެ ހިތާމައެއްގެ ބޮޑުކަމުން، ރައްޔިތުން އެބޭފުޅެއްދެކެ އެންމެ ލޯބިވާ ކުރީގެ ރައީސް މައުމޫން، 80 އަހަރުފުޅުގައި އެހުންނެވީ ޖަލު ގޮޅިއެއްގައި، ފުން ހިތާމާގަ، މިއީ ރައްޔިތުންނަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ރައީސް މައުމޫނުގެ ކުށަކީ އެމަނިކުފާނު އިސްލާހަށް މަސައްކަތް ކުރުން ކަމަށާއި މިގައުމަށް ހެޔޮ އެދިވަޑައިގެން މަސައްކަތްތަކެއް ކުރުން ކަމަށެވެ. މިއީ މިއަދު އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ސަބަބުތައް ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ރާއްޖޭގެ އިސްލާހީ މަސައްކަތައް ހެޔޮބަސް ބުނާ ކޮންމެ މީހަކީ ޖަލުގޮޅިއެއްގައި އޮންނަން ޖެހޭ މީހެއްގެ ގޮތުގައި މިއަދު ހަދައިފި ކަމަށެވެ. މިއަދު ކުރަން ޖެހިފައިވާ މަސައްކަތަކީ އެކަންކަން ހުޓުވައި ނިންމުމަށްޓަކައި ފަށާފައިވާ މަސައްކަތް 23 ސެޕްޓެމްބަރުގައި ނިންމުން ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ދަންނަވާލަން އޮތީ، މިފަހަރު އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ދުވަހަކުވެސް ނުކުރާހާ މަސައްކަތް ކުރަން ޖެހޭ، ކުރީގައި އަޅުގަނޑުމެންކުރި މަސައްކަތުގެ 10 ގުނަ މަސައްކަތް ކުރަން ޖެހޭ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް އިތުރަށް ވިދާޅުވީ، ބިރުވެތިކަމެއް ނެތި ނުފޫޒެއްނެތި ވަޒީފާގެ މާހައުލުގައި މަސައްކަތް ކުރުމުގެ މާހައުލެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ކޯލިޝަން ޝަރުކާރެއްގައި ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް ވަޒީފާ އަނބުރާދޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.