ރިޕޯޓް

ބްރިޖްމަތީ ކައިވެނި، އިސްރާފެއް ނޫންތަ؟

މިހާރު ންމެ "އަގު ބޮޑުކޮށް ވިއްކާ" ވާހަކައަކީ ސިނަ މާލެ ބްރިޖުގެ ވާހަކައެވެ. ބްރިޖުގެ ހުވަފެން ހަގީގަތަކަށް ހަދައި ދެއްވި ވާހަކައަކީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ މީހުންނާއި ޕީޕީއެމްގެ މެންބަރުން މޭމަތީ އަތް ޖަހާލާފައި އަޑު ގަދަކޮށް ދައްކާލަން ކެރޭ ރީތި ވެސް ވާހަކައެވެ. ނަމަވެސް މިހާރު އެންމެ އަޑުގަދައީ ބްރިޖު އަޅާ ވާހަކައެއް ނޫނެވެ. އެ އޮތީ އަޅައި ގުޅުވާލައިފަ އެވެ. އޭގެ މަތީގައި ކައިވެނިކޮށްލަން، އަދިވެސް "ހިލޭ" ކޮށްލައިދެނީ ރައީސް އަބްދުﷲ ޔާމީނެވެ!

ހުޅުލެއާ މާލެ ގުޅާލުމުގެ ކުރިން ވެސް ބްރިޖު މަތީ ކައިވެނި ކުރަން ފުރުސަތު ދޭނެ ވާހަކަ ދެކެވެ އެވެ. ބްރިޖުގައި ކައިވެނި ކުރަން ފޯމް ނެގި ހިސާބުން އެނގުނީ ދެބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ހަރަދެއް ކުރަނީ ސަރުކާރުން ކަމެވެ. މިއީ ކައިވެނި ކުރާ މީހުންނަށް ލިބުނު އުފާވެރި ހަބަރެކެވެ. ބައެއް މީހުންގެ ނަޒަރުގައި އެކަން ވަރަށް ސަޅި އެވެ. އަދި ބައެއް މީހުންގެ ނަޒަރުގައި އެއީ އިސްރާފެކެވެ.

"އަހަންނަށް އެކަން ވަރަށް ކަމުދޭ ވަރަށް ސަޅި، ބްރިޖެއް އެޅުމުން އެކްސައިޓް ނުވާންވީ ސަބަބެއް ވެސް ނެތް. އެހެންވީމާ އެކަންކަން ވެސް ހިނގާނެ، އަހަންނަށް އެކަމުގައި އެއްވެސް މައްސަލައެއް ނެތް،" އެކަކު ބުންޏެވެ.

އެހެން މީހަކު ބުނި ގޮތުގައި ހުރިހާ ހަރަދެއްގައި ސަރުކާރުން ހިފައިގެން ކުރުން އެއީ މޮޅު ކަމެއް ނޫނެވެ. އެއީ ކުރެވޭ އިސްރާފެކެވެ.

ސަރުކާރުން ފުރަތަމަ ނިންމީ ކައިވެނި ކުރާ ކޮންމެ ޖޯޑަކަށް 27،000 ގެ ރޭޓުން ފައިސާ ދޭށެވެ. ބްރިޖް ކައިވެނީގެ ފޯމް ދޫކުރަން ފެށިތާ ކުޑަ އިރުކޮޅެއް ތެރޭގައި 250 އަށް ވުރެ ގިނަ މީހުން ފޯމް ނެގި އެވެ. އޭގެ ފަހުން ވެޑިން ޑްރެސްގެ ހަރަދު އުނި ކުރި އެވެ. ބްރިޖްމަތީގެ ކައިވެނީގެ ޑެކަރޭޝަނާއި ހުރިހާ އެއްޗެއް ކަވަރު ކުރާނީ ވެސް ސަރުކާރުންނެވެ.

އެކަން ކުރުމުގެ ކުރިން މި ސުވާލުތަކަށް ޖަވާބު ދޭން ޖެހެ އެވެ. ބޮޑު ހަރަދުކޮށްގެން އެތައް ބަޔަކަށް ބްރިޖުގެ މަތީ ކައިވެނިކޮށްދޭން ސަރުކާރަކަށް ޖެހޭ ހެއްޔެވެ؟

ހުރިހާ މުއައްސަސާއަކުން ކުރާ ބޭކާރު ހަރަދުތައް ހުއްޓާލުމަށް ފިނޭންސް މިނިސްޓްރީ އިން އަންގާ ކޮންމެ އިދާރާއަކަށް ކުރިޔަށް ވުރެ މަދުން ފައިސާ ދީގެން ހިންގި ހަރަދު ކުޑަ ކުރުމުގެ ސިޔާސަތު މިއިން ދެކޮޅު ޖެހޭ ހެއްޔެވެ؟ އެ ފައިސާ އެއަށްވުރެ ހަައްގު ބައެއް އުޅޭނެ ކަމަށް ބެލެވޭ ހެއްޔެވެ؟ ދައުލަތުގެ ބަޖެޓުން ޖުމުލަ ހަރަދު ކުރާ ފައިސާއިން ކޮށްދެވޭނެ ބޭނުން ހުރި އެހެން ކަމެއް ނެތް ހެއްޔެވެ؟

"ބްރިޖުގައި ކައިވެނިކޮށްދޭން ނުނިންމާ އެވަރުގެ ބަޖެޓަކުން ބަޔަކަށް ސްކޯލާޝިޕްތަކެއް ނުވަތަ ބަލި މީހަކަށް އެހީއެއް ދިނުން ކިހިނެތްވާނެ، ނޫނީއާ އެ ފައިސާތަކުން އަސާސީ ގިނަ ހިދުމަަތްތައް އަދިވެސް ނުލިބޭ ރަށްރަަށަށް އެ ފޯރުކޮށްދިން ކިހިނެތް ވާނެތޯ، ބޮޑު ހަރަދެއްކޮށްގެން ބްރިޖުގައި ބަޔަކަށް ކަައިވެނި ޕާޓީއެއް ދިނުންތޯ މުހިންމީ ނޫނީ އެހެންކަންކަންތޯ،" ޓްވިޓާގައި މީހަކު ލިޔުނެވެ.

ރަސްރަންޏާއި ރަސްފަންނާއި އެހެން ޕާކުތަކުގައި ވެސް ކައިވެނި ޕާޓީތައް ބޭއްވެ އެވެ. ބްރިޖެކޭ އެއްފަދައިން އެތަންތަން ވެސް ސަޅި އެވެ. ތަފާތަކި ޖެހޭނީ ސަރުކާރަށް ކުއްޔެއް ދީގެން އެތަން ހިފާށެވެ. އަދި ޕާޓީ ބާއްވަން ސަރުކާރުން ހަރަދު ކުރުމުގެ ބަދަލުގައި އެއީ ދައުލަތަށް ލިބޭ އާންމްދަނީއެކެވެ. ހަމައެގޮތަށް ފައިސާ ދައްކައިގެން ވިޔަސް ބްރިޖުގައި ކައިވެނި ކުރަން ކުއްޔަށް ތައްޔާރަށް ތިބޭނެ މީހުން ވެސް މަދެއް ނުވާނެ އެވެ. އެތަނުން ފެންނަ ހިތްގައިމު މަންޒަރާއެކު ފޮޓޯ ނަގާލަން ބޭނުން ނުވާނެ މީހަކު ނުހުންނާނެ އެވެ. އެހެންވެ އެހެން ތަންތަނެކޭ ވެސް އެއްގޮތަށް ބްރިޖް ވެސް ކުއްޔަށް ދީގެން ސަރުކާރުން މިހާރު ހާސިލް ކުރަން ބޭނުންވާ ކަން ހާސިލު ވާނެ އެވެ.