ހުޅުމާލެއަކީ ރާއްޖޭގެ މުސްތަގުބަލުގެ އުންމީދެވެ؛ އޮކްޓޫބަރު 16، 1997 ގައި ހުޅުމާލެ ހިއްކުމުގެ މަޝްރޫ ފަށަން ހުޅުލެ-ފަރުކޮޅުފުށި ހިމެނޭ ސަރާސަރު ދޮން ފަޅުގެ ތެރެއަށް ލޮނާއެކު ބަޅަށް އޮންނަ ރޮނގަކަށް ފުރަތަމަ ވެލިކޮޅު އިސްޕްރޭ ކޮށްލި ވަގުތު އޭރުގެ ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު، އުމަރު ޒާހިރު، ނިޝާން އިއްޒުއްދީނުގެ އިތްޒަތްތެރިވެރިޔާ، ރައީސް މައުމޫންގެ އަރިހުގައި ހިނިތުންވެލައްވައިގެން ހުންނަވަ އެވެ. އުމަރު ޒާހިރުގެ ހިތްޕުޅުގައި އެ ވަގުތުކޮޅު އޮތް ޝުއޫރެއް ވިއްޔާ މިހާތަނަށް ހިއްސާ ކުރައްވާފައި ވަނީ އޭނާގެ ޑައިރީއަށް އެކަންޏެވެ. ނަމަވެސް މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ބައްލަވައިލެއްވުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، އުމަރު ޒާހިރަށް ހާއްސަ ދައުވަތެއް ދެއްވުމުން ބްރިޖަށް ވަޑައިގަތުމަށްފަހު އެމަނިކުފާނު ވަނީ 21 އަހަރު ކުރީގެ އެ ވަގުތުކޮޅާއި އޭޕްރީލް ހަތް ވަނަ ދުވަހުގެ ބްރިޖަށް ވަޑައިގެންނެވުނު ވަގުތުކޮޅުގެ ޝުއޫރުތައް އުފަލުގެ ކަރުނައާއެކު ހިއްސާ ކުރައްވާފަ އެވެ. ކުރީގެ ވަޒީރުގެ އެ އިހުސާސްތަކާބެހޭ ގޮތުން އަވަސްގެ އެޑިޓަރު، މުންޑޫ އާދަމް ހަލީމް ލިޔެ އެވެ.
އުމަރު ޒާހިރު ބްރިޖަށް ވަޑައިގަތުން
7 އޭޕްރީލް 2018 - ކުރީގެ ވަޒީރު އުމަރު ޒާހިރު ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް ވަޑައިގެ މަސައްކަތް ބައްލަވާލައްވައިފި އެވެ. އޭގެ ފަހުން ބްރިޖްގެ ދަތުރުފުޅާ ބެހޭ ގޮތުން ސުވާލެއް ދެންނެވުމުން އުމަރު ޒާހިރު ވާހަކަ ފެއްޓެވީ މި ވާހަކައިންނެވެ:
"ބްރިޖްގެ ވާހަކަ ފަށަން އަޅުގަނޑު ދާން ޖެހެނީ ހުޅުމާލެ ހިއްކަން ފެށި ހިސާބަށް! އެ ހިސާބު ހަނދާން އެބަހުއްޓެއްނު، ހުޅުމާލެއެއްގެ ގޮތުގައި އުފެދުނު ފުރަތަމަ ވެލިކޮޅުގެ ފިނޮޅު މައްޗަށް ފުރަތަމަ ގެންދިޔަ ނޫސްވެރިޔަކީ އާދަމް ހަލީމެއްނު، ދެން ޑރ. އަލީ ރަފީގެއްނު،"
"ހުޅުމާލެ މަޝްރޫއު ފަށަން ކޮންނަ ބޯޓުގައި ރައީސް [މައުމޫން] ފުރަތަމަ ވެލިކޮޅު ދޫކޮށްލެއްވި ވަގުތު އަޅުގަނޑުގެ ހިތަށް ވަރަށް ވަރަށް އުންމީދީ ޝުއޫރެއް ވެރިވި، އެ ވަގުތުކޮޅުގައި ހިތަށް އެރީ ކުޑަ ކުޑަކަ ވެލިމުށަކުން، އެއަށް ފަހު އެފަދަ އެތައް މިލިއަން ވެލި މުށަކުން ބިޔަ ބޮޑު ރަށެއް އުފެދި މިއޮއް ހެދެނީއޭ. އަޅުގަނޑު ދުނިޔޭގައި ހުއްޓާ މިރަށާއި މާލެއާ ގުޅޭ ފާލަމެއް އެޅި، އެ ފާލަމަށް އަޅުގަނޑަށާއި ދިވެހި ރައްޔިތުންނަށް އަރައި ދަތުރު ކުރެވޭނެ ނަމައޭ! އެ ހިޔާލާއެކު ހިނިތުން ވެލައި ހިތުގެ ތެރޭގައި އެކަން ބާއްވާލީ،" އުމަރު ޒާހިރު ވިދާޅުވި އެވެ.
އޭގެ 21 އަހަރު ފަހުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިޔަ ޕްރޮޖެކްޓަކަށްވެފައި ވަނީ ހުޅުލެ އާއި މާލެ ގުޅޭ ބްރިޖެވެ. އުމަރު ޒާހިރު ދެކެ ވަޑައިގެންނެވި އެ ހުފެނުގައި ހަގީގީ ކުލަޖެެހެމުން ދަނީ އެވެ. މިނިސްޓަރު ކަމާއި މަސައްކަތާ ހަވާލުވެގެން ހުންނެވީ އުމަރު ޒާހިރު ނޫން ނަމަވެސް މިނިސްޓަރު ކަމުގައި ހުންނެވީ އުމަރު ޒާހިރުގެ އަތް ދަށުގައި އުޅުއްވައި އުހަށް ވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒެވެ.
"ހުޅުމާލެ ފެށި އިރު މުއިއްޒު އަޅުގަނޑު ގާތަކު ނޫން ހުންނެވީއަކީ، މިއަދު އެކަމަކު މުއިއްޒު އެހުންނެވީ! އޭނާގެ ބެއްލެވުމުގެ ދަށުން ބްރިޖްގެ މަސައްކަތް ނިމޭންދާތީ އާއި ހުޅުމާލެ ފެށި ދުވަހު އަޅުގަނޑު ދުށް ހުވަފެން ހަގީގަތަކަށް ވެގެން އަންނާތީ ވަރަށް އުފަލުން އަދި ވަރަށް އަވަހާ ބްރިޖަށް އެރޭނެ ކަމަށް އުންމީދު ކޮށްކޮށް މި ހުންނަނީ، ބްރިޖްގެ ހަބަރުތައް އަޅުގަނޑު ވަރަށް ބަލައި ވެސް ހަދަން، އެހެން ހުއްޓާ އަޅުގަނު ބްރިޖަށް ގެންދިޔައީ،" އުމަރު ޒާހިރު ވިދާޅުވި އެވެ.
އުމަރު ޒާހިރު ވިދާޅުވި ގޮތުގައި ބްރިޖް މަތީގައި އެޅުއްވެވި ފުރަތަމަ ފިޔަވަޅާއެކު ހަނދާން އާވެގެން ދިޔައީ ހުޅުމާލެ ހިއްކަން ފެށި ވަގުތު ހިތަށްވެރި ޝުއޫރުތަކެވެ. ދެން ލޮލުން އުފަލުގެ ކަރުނަ އައިސް ދެ ލޯ ތެމުނެވެ.
"އަޅުގަނޑު ހިތަށް އެރީ އުފަލެއްގެ ގޮތުގައި އަޅުގަނޑަށް މިހާކަންވަރު ފުދެއޭ... ހަގީގަތުގައި ވެސް ވަރަށް އުފާވި އަޅުގަނޑުގެ އެ ޝުއޫރުތައް ހަގީގަތަކަށްވެ އެ ފާލަން މަތީގައި އަޅުގަނޑަށް ފިޔަވަޅެއް އެޅޭނެ ގޮތް މާތް ﷲ މިންވަރު ކުރެއްވުމުން،" މިހާރު އުމުރުފުޅުން 80 އަށް ވުރެ މައްޗަށް ގޮސްފައިވާ ހިދުމަތްތެރި ޝަރަފުވެރި ވަޒީރު ވިދާޅުވި އެވެ. -- ތައުލީމާއި ކުޅިވަރާއި ހައުސިން އާއި ކޮންސްޓްރަކްޝަނާއި ޕަބްލިކް ވޯކްސްގައި ރާއްޖެ މިހާތަނަށް ދުށް އެންމެ އާދަޔާހިލާފު ވަޒީރުގެ މަސައްކަތުގެ އަހުލާގައި އޭނާގެ ސްޕީޑާއި ކަންކަމުގައި ބައިވެރިވެ ވަޑައިންނެވުމާއި ވަގުތަށް ކަމޭ ހިތްތެވުން ފަދަ ބައިވަރު ސަބަބުތަކަށްޓަކައި ޒާހިރަކީ ދުނިޔޭގައި ހުންނެވި ދިވެހީންގެ ގަދަރާއި އިހުތިރާމާއި ލޯބި އެންމެ ބޮޑަށް އޮތް އެންމެ ފަހުރުވެރި ވަޒީރެވެ.
ބްރިޖަށް އުމަރު ޒާހިރު އަރާ ވަޑައިގެންނެވީ ފަހުރުވެރި ކަމާއެކު އެވެ. ބްރިޖްގެ މަންޒަރާއި މަސައްކަތްތައް ފެނި ވަޑައިގަތުމާއެކު އެ މަނިކުފާނު ދުވަހަކު ވެސް ކަމެއްގައި ހައިރާންވެ ވަޑައި ނުގަންނަވާ މިންވަރަށް ހައިރާންވެ ވަޑައިގެންނެވި އެވެ. އަދި ކުރިޔަށް ފިޔަވަޅު އަޅަށް ދަތިވެ ހުއްޓި ވަޑައިގެން ހުންނަވަން ވެސް ޖެހިވަޑައިގަތެވެ.
"އަޅުގަނޑުވީ އުފާ ކިޔައިދޭން ދަތި، މަންޒަރާއި މަސައްކަތްތައް ފެނިފައި ހައިރާންވެ އަންތަރީސް ވެގެން ހުއްޓިފައި ހުރެވުނީ،" ޒާހިރު ވިދާޅުވި އެވެ. "އެ ހައިރާންކަން އެތައް ގުނައަކަށް އިތުރުވީ މިނިސްޓަރު މުއިއްޒާއި އެމީހުން [ބްރިޖް މަސައްކަތުގައި ހިމެނޭ އިސްވެރިންނާއި އިންޖިނޭރުން] މަސައްކަތުގެ ތަފުސީލުތައް އަޅުގަނޑަށް އޮޅުން ފިލުވައި ދެއްވި ގޮތުން، ކަނޑުގެ އަޑީގެ ފުނުން ކޮންމެ ތަނބެއް ސުމަކުން ފެށިގެން މައްޗަށް އަރައި ނިމިގެން ގޮސްފައިވާ ގޮތް ވަކިވަކީން އަޅުގަނޑަށް ތަފުސީލުކޮށް ދެވީ ވަރަށް ފުރިހަމައަށް ބްރިޖު މަތީގައި އަޅުގަނޑަށް ހުރެވުނީ ވަރަށް ބޮޑު ހައިރާން ކަމެއްގެ ތެރޭ ހުސްވެފައި، އެއަކީ އާދައިގެ ކަމެއް ނޫން،"
ޒާހިރު ވިދާޅުވި ގޮތުގައި ދުނިޔޭގެ ހަޔާތުގައި ދެން އެންމެ އުންމީދު ކުރެއްވޭ ދުވަހަކީ މިހާރުވެސް ތަންތަނަށް ވަޑައިގަންނަވާ ގޮތަށް ކާރުކޮޅުގައި ބްރިޖުމަތިން އަދި އެ ބްރިޖާ ގުޅިގެންދާ ހައިވޭގައި ދުއްވާލަފައި ހުޅުމާލެއަށް ވަޑައިގެން އެ މަނިކުފާނު ބެލުމުގެ ދަށުން ވުޖޫދު ކުރި އެ ރަށާއި އެ ރަށުގެ ތަރައްގީ އާއި އެ އާބާދީގެ ހޭލަމޭލަ ބައްލަވައިލައްވާ އުފަލުގެ ކަރުނައިން ލޯ ތެންމާލުމެވެ. ކުޑަ ވެލި މުށަކުން އުފެދި ބޮޑުވެ ތަރައްގީވެފައިވާ އެ ސިޓީގައި ވަގުތުކޮޅެއް ހޭދަ ކުރައްވާފައި އެނބުރު ބްރިޖް މަތިން މާލެއަށް ވަޑައިގެން އެ ވާހަކަ "އުމަރު ޒާހިރުގެ ޑައިރީ" ގައި ލިޔުއްވުމެވެ.
"މުއިއްޒު ވެސް އަދި އިންޖިނޭރުން ވެސް ވިދާޅުވި ދެން މާ ލަހެއް ނުވާނެއޭ، އެހެންވީމާ އަޅުގަނޑަށާއި ރައްޔިތުންނަށް އެ އުންމީދު ދެން ފުރިހަމަ ވެދާނެ،"
ބްރިޖް ނިމި ހުޅުވައިލުމުން މިނިސްޓަރު އުމަރު ޒާހިރު އެ މަނިކުފާނުގެ ކާރުކޮޅުގައި ބްރިޖް މަތިން ދަތުރު ކުރައްވާ ދުވަސް ޥާނީ އެމަނިކުފާނުގެ ލޮލުން އުފަލުގެ ކަރުނަ ބަންޑުންވާނެ ދުވަހަށެވެ. އަދި އެއީ އެ ހިތަށް ލުއިވެފައި ފަސޭހައެއް ވެގެން ދާނެ ވެސް ދުވަހަކަށް ވާނެ އެވެ.
"އަޅުގަނޑު ދަންނަވާނީ ރައީސް އަބްދުﷲ ޔާމީނަށް ސާބަހޭ، އަދި އަޅުގަނޑު ދަންނަވާނީ މިނިސްޓަރު މުއިއްޒަކީ ހަމަ އަޖައިބެކޭ!"