ބޮލީވުޑް

ސްރީދޭވީ ފާާހަގަ ކުރަން ނޭނގުމުން ރިޝީއަށް ފާޑުކިޔުން

ރިޝީ ކަޕޫރް އަނެއްކާވެސް ކަމެއްގައި ބެދުނީ އެވެ. ރިހި ސްކްރީނު ކުރިމަތިން މަޝްހޫރުވެ، ގިނަ ބައެއްގެ އިހުތިރާމު ހޯދާފައިވީ ނަމަވެސް ބައެއް ފަހަރު އޮފް ސްކްރީނުގައި ދައްކާ ވާހަކަތަކެއްގެ ސަބަބުން އަބަދުހެން އާންމުންގެ ފާޑުކިޔުންތަކުގައި ރިޝީ އޮންނަނީ ބެދިފަ އެވެ.

ޓުވިޓާ މެދުވެރިކޮށް ތަފާތު އެކި މައްސަލަތާކައި ސިޔާސީ ކަންކަމާއި ގުޅިގެން ބައެއް ފަހަރު ބޭ އަދަބީ ވާހަކަތައް ދެއްކުމަކީ ރިޝީ ވަރަށް އާންމުކޮށް ކުރަމުންދާ ކަމެކެވެ. އަނެއްކާވެސް މިކަމެއް ރިޝީ މި ކުރީ ހަމަ ޓުވިޓާގަ އެވެ. ސުޕަސްޓާރު އެކްޓްރެސް ސްރީދޭވީ ފާހަގަ ކުރަން ރިޝީއަށް ނޭނގުނީ އެވެ.

މިކަމެއްވީ ރިޝީއާއި ސްރީދޭވީ އެކުގައި ނަށާފައިވާ ލަވައެއް މީހަކު ޖިފެއްގެ ގޮތުގައި ޓުވީޓްކޮށްފައި އިންދާ، އެ ލަވައިގައި ފެންނަ އެކްޓްރެސްއަކީ ކާކުކަން ރިޝީއަށް ނޭނގޭ ކަމަށް ބުނުމުންނެވެ. ރިޝީ އެހީ، "މިއީ ކޮން ފިލްމެއްތަ؟ އަދި އަހަންނަކަށް އެ އެކްޓްރެސްއެއް ނޭނގުނު،" އެވެ.

ރިޝީ ކުރި ޓުވީޓް.

މިކަމާއި ގުޅިގެން ސްރީދޭވީގެ ބައެއް ފޭނުން ރުޅި އައިސް، ރިޝީއަށް ގިނަ ފާޑިޔުންތަކެއް ވަނީ ކިޔާފަ އެވެ. ބްލޮކްބާސްޓާ ފިލްމުތައް ކަމަށްވާ "ޗާންދުނީ" އާއި "ނާގިން" ގައި ރިޝީ ވަނީ ސްރީދޭވީއާއި އެކުގައި މަސައްކަތްކޮށްފަ އެވެ.

ސްރީދޭވީ ކަހަލަ ލެޖެންޑަރީ އެކްޓްރެސްއެއް ފާހަގަކުރަން ނޭނގުމަކީ ދެރަކަމެއް ކަމަށް އެއް ބަޔަކު ބުނިއިރުގައި، ރިޝީއަށް އެންމެ ފުރަތަމަ މަޝްހޫރުކަން ލިބުނީވެސް ސްރީދޭވީއާއެކު ފިލްމެއް ކުޅެގެން ކަމަށް ބައެއް މީހުން ބުނެފަ އެވެ.