ދުނިޔެ

ވެނެޒުއޭލާގެ ރައީސަށް ދިން ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފި

Aug 6, 2018

ކަރަކަސް (ޖުލައި 5) - ޑްރޯންތަކެއް ގޮއްވާލައިގެން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން ހަ މީހަކު ހައްޔަރުކުރެވިފައިވާ ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ނެސްޓާ ރެވެރޯލް ވިދާޅުވީ، ދެ ޑްރޯން ގޮއްވައިލައިގެން ދިން ހަމަލާގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ހަ މީހުން ހައްޔަރުކުރެވިފައިވާ ކަމަށެވެ.

އެ ހަމަލާ ދީފައިވަނީ، ވެނެޒުއޭލާގެ ސިފައިންނަށް 81 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާއެއްގައި މަޑޫރޯ ވާހަކަފުޅު ދައްކަވަމުން ދަނިކޮށެވެ.

ލައިވްކޮށް ކަވަރު ކުރަމުންދިޔަ ހަފްލާގައި، އެ ހަމަލާ ކެމެރާތަކަށް ވެސް އަރާފައިވެ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި، މަޑޫރޯ ވާހަކަފުޅު ދައްކަވުމުން ދަނިކޮށް، ކުއްލިއަކަށް މައްޗަށް ބައްލަވާލައްވަ އެވެ. އަދި އެއާއެކު ސިފައިންތައް އެމަނިކުފާނު ސަލާމަތް ކުރުމަށް ހަރަކާތްތަތެރިވާން ފަށާތަން ވެސް ކެމެރާތަކަށް ވަނީ އަރާފަ އެވެ.

ހަމަލާގައި ބައިވެރިވި މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް މަޑޫރޯ ވަނީ ވިދާޅުވެފަ އެވެ.

އެ ހަމާލާދީފައިވަނީ އެމެރިކާއަށް ވާގިދޭ ކޮލަމްބިއާގެ ޖަމާއަތަކުން ކަމަށް މަޑޫރޯ ވަނީ ފަހުން ވިދާޅުވެފަ އެވެ. އަދި އެ ހަމަލާގެ ފަހަތުގައި ކޮލަމްބިއާގެ ރައީސް ހުއާން މެނުއެލް ސަންޓޯސްގެ އަތެއް ވާނެ ކަމަށް ވެސް މަޑޫރޯ ވަނީ ތުހުމަތުކުރައްވާފަ އެވެ.

ނަމަވެސް، ކޮލަމްބިއާ ސަރުކާރުން ވަނީ މަޑޫރޯގެ އެއްވެސް "އަސާސެއް" ނެތް ތުހުމަތުތައް ދޮގުކޮށްފަ އެވެ.

މީގެ އިތުރުން، ކޮލަމްބިއާގެ އިދިކޮޅު ފަރާތްތަކަށް ވެސް ތުހުމަތުގެ އިނގިލިތައް ވަނީ ދިއްކޮށްފަ އެވެ.