ސާފް ސުޒުކީ ކަޕް

ޒުވާން ކުޅުންތެރިންނާމެދު ކޯޗްގެ އުންމީދީ ވާހަކަތަކެއް

ޒުވާން ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށާއި އެ ކުޅުންތެރިންނާއެކު ރަނގަޅު ކާމިޔާބެއް ހޯދުމަށް މަސައްކަތް ކުރާނެކަން ހާމަކޮށް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް އުންމީދީ ވާހަކަތަކެއް ހިއްސާކޮށްފި އެވެ.

ޓްރެއިނިން ކޭމްޕްގައި ގަތަރަށް ފުރުމުގެ ކުރިން، މިއަދު މީޑިއާގައި ވާހަކަ ދައްކަމުން ޝެގަޓް ބުނީ ރާއްޖޭގެ ފުޓްބޯޅައަށް މިހާރު އެންމެ މުހިންމު ކަމަކީ ސާފް ޗެމްޕިއަންޝިޕް ކަމަށާއި އޭނާގެ މުޅި ފޯކަސް ހުސްކޮށްފައިވަނީ އެ މުބާރާތަށް ކަމަށެވެ. އޭނާ ބުނީ މިދިޔަ ދުވަސްތަކުގައި ވަރަށް ގިނަ ވާހަކަތަކެއް ދެއްކިޖެ ކަމަށާއި ވިސްނަންވީ ޒުވާން ކުޅުންތެރިން މުބާރާތުގައި ދައްކާނެ ކުޅުމަށް ކަމަށެވެ.

"އަހަރެންގެ ސައިޑުން އަހަރެން ބުނާނީ އަހަރެމެންގެ [ޓީމުގެ] އެންމެ މަތީ ފެންވަރު އަހަރެމެން ދައްކާނަމޭ،" ޝެގަޓް ބުންޏެވެ. "މިދިޔަ ދުވަސްތަކުގައި ފުދޭ ވަރަކަށް ގިނަ ވާހަކަތަކެއް ދެއްކިއްޖެ، މިހާރު މީ ކުޅުންތެރިންނާ މެދު ވިސްނަންވީ ވަގުތު، މި އާ ޖީލަށް ފުރުސަތު ދީ، އެ ކުޅުންތެރިން ވަނީ 7-0 ން ބޫޓާން އަތުން މޮޅުވެފައި، އަހަރެން އެކަމަށް އިހްތިރާމް ކުރަން، ފަހަރެއްގައި ވެދާނެ (މި ކުޅުންތެރިން) ޒުވާން ކަމަށް، ނަމަވެސް ގަބޫލު ކުރޭ މި ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރާނެ ރާއްޖޭގެ ރައްޔިތުންނަށްޓަކައި ރަނގަޅު ކާމިޔާބެއް ހޯދަން."

ގަތަރުގެ ފުޓްބޯޅަ އެސޯސިއޭޝަނާ ގުޅިގެން ގަތަރުގެ ޓްރެއިނިން ކޭމްޕް ހަމަޖެހިގެން ދިއުމުން ޝެގަޓް ވަނީ އެފްއޭއެމްއަށް ޝުކުރުއަދާ ކޮށްފަ އެވެ. އަދި އެފްއޭއެމް އާއި ސަރުކާރުން ޓީމަށް ދިން އެއްބާރުލުމަށްވެސް އޭނާ ޝުކުރު އަދާ ކުރި އެވެ.

ޝެގަޓް ވަނީ އޭނާ ވާހަކަ ދެއްކުމަށް ފަހު ޕްރެސް ކޮންފަރެންސް ނިންމާލާފަ އެވެ. މީޑިއާ ބްރީފިން ފެށުމުގެ ކުރިން ގައުމީ ޓީމުގެ މީޑިއާ އޮފިސަރު ބުނީ ކޮންމެ މީޑިއާއަކަށް ފުރުސަތު ދެވޭނީ އެއް ސުވާލު ކުރުމަށެވެ ނަމަވެސް ކޯޗް ވަނީ ސުވާލަށް ފުރުސަތު ނުދީ ބްރީފިން ނިންމާލާފަ އެވެ.

މިއަދު ގަތަރަށް ދާން ފުރި ސްކޮޑްގައި ހިމެނެނީ 27 ކުޅުންތެރިންނެވެ. މިދިޔަ މަހު ފަހުކޮޅު އިއުލާން ކުރި 30 ކުޅުންތެރިންގެ ސްކޮޑުން ބާކީ ކުރި ތިން ކުޅުންތެރިންނަކީ މާޒިޔާގެ މުސާ ޔާމީން އާއި ޓީސީގެ މުހައްމަދު އައްޒާމް އާއި އީގަލްސް ޒުވާން ކީޕަރު މިފްދާދުއެވެ. ގަތަރުގެ ޓްރެއިނިން ކޭމްޕްގައި 26 ދުވަސް ޓީމު ހޭދަ ކުރާނެ އެވެ. އެފްއޭއެމުން ބުނީ ގަތަރުގެ ޓްރެއިނިން ކޭމްޕްގައި، އެ ގައުމުގެ ޓޮޕް ލީގްގެ ކުލަބަކާ ދެކޮޅަށް މެޗެއް ކުޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މުބާރާތުގައި ވާދަ ކުރާ އެހެން ޓީމު ތަކުންވެސް ވަނީ ގައުމުން ބޭރުގައި ޓްރެިނިންއަށް ކޭމްޕްކޮށްފަ އެވެ. މެދުކެނޑުމަކަށް ފަހު މުބާރާތުގައި ވާދަ ކުރާ ޕާކިސްތާން ޓީމު ވަނީ ބަހްރެއިންގައި ކޭމްޕް ކޮށްފަ އެވެ. މުބާރާތް ބާއްވާ ގައުމު ބަންގުލަދޭޝް އާއި ޝްރީ ލަންކާގެ ކޭމްޕް ކުރީ ދެކުނު ކޮރެއާގަ އެވެ. ނޭޕާލް ޓީމު ކޭމްޕް ކުރީ ތައިލެންޑްގަ އެވެ.

ޓްރެއިނިން ކޭމްޕަށް ފަހު ރާއްޖޭގެ ޓީމު ބަންގުލަދޭޝްއަށް ދާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު ހަތަރު ވަނަ ދުވަހު އެވެ. ރާއްޖެ ކުޅެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހު ހަތް ވަނަ ދުވަހު އެވެ. އެ މެޗުގައި ވާދަ ކުރާނީ ލަންކާއާ ދެކޮޅަށެވެ.

ރާއްޖެ އާއި ލަންކާ ހިމެނޭ ގުރޫޕް "ބީ" ގައި، ދެން ހިމެނޭނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އެވެ. ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗު އޮންނާނީ އަންނަ މަހު ނުވަ ވަނަ ދުވަހު އެވެ. އިންޑިއާގެ ފުރަތަމަ މެޗުގައި ފަސް ވަނަ ދުވަހު ވާދަ ކުރާނީ ލަންކާއާ ދެކޮޅަށެވެ. އެހެންވެ ރާއްޖެއާ ދެކޮޅަށް ކުޅުމުގެ ކުރިން ރެސްޓް ކުރުމަށް އިންޑިއާއަށް ތިން ދުވަސް ލިބޭނެ އެވެ.