ހަބަރު

ފޭސްބުކްގައި ޖެހީ އެންމެންނަށް އަވަހަށް ހިއްސާކުރަން: މިނިސްޓަރު

ގައުމަށް ނުރައްކަލެއް ވެދާނެ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް ވިދާޅުވެ އަމިއްލަ ފޭސްބުކް އެކައުންޓްގައި އެމައުލޫމާތު ހިއްސާ ކުރެއްވީ އެންމެ އަވަހަށް ހުރިހާ ފަރާތްތަކަށް އެމައުލޫމާތު ހިއްސާ ކުރުމަށް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް ގައުމުގެ އަމާންކަން ނަގާލުމަށްޓަކައި ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ކަންކަން އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ގާތުން ބަލަމުންދާ ކަމަށެވެ. ނަމަވެސް އެކަން މިހާތަނަށް ވެސް އެއްވެސް ރަސްމީ ގޮތެއްގައި އެއްވެސް ފަރާތަކުން ހާމަ ކުރައްވާފައެއް ނުވެ އެވެ.

ޕީޕީއެމުން ރޭ ރ. އުގޫފަހަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފޭސްބުކް މެދުވެރިކޮށް އެކަން ހާމަކުރެއްވީ އެކަމަކީ ވަރަށް ސީރިއަސް ކަމަށްވެފައި އެކަންޥި އެންމެ އަވަހަކަށް ރައްޔިތުންނާއި ހަމައަށް ފޯރުކޮށް ދިނުމަށް ކަމަށެވެ.

"ރާއްޖޭގަ ސުލްޙަ މަސަލަސްކަން ނަގާލުމަށްޓަކައި، ހަލަބޮލިކަން އިތުރުކުރުމަށްޓަކައި ބަޔަކު ރާވަމުން އެބަގެންދޭ، އަޅުގަނޑު އެވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރި އެންމެ ބޮޑު އެއް ސަބަބަކީ އެންމެ އަވަހަށް ހުރިހާ ކުލައެއްގެ މީހުންނަށްވެސް އެމައުލޫމާތު އެެންމެ ފަސޭހައިން ފޯރާނީ ސޯޝަލް މީޑިއާއިން ކަމަށްވުމުން،"

މިނިސްޓަރު ވިދާޅުވީ، ގައުމުގެ ސުލްހަ ނަގާލައި އެކަން ރާވަމުންދާ ކޮންމެ ފަހަރަކު އެކަން ހުއްޓުވުމަށްޓަކައި ސަރުކާރުން ކޮންމެ ފަހަރަކު އެކަމާ ދެކޮޅަށް ނިކުންނާނެ ކަމަށާއި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއްވެސް އަޅާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެކަން ހާމަ ކުރެއްވުމުން ބައެއް ފަރާތަކުން އެކަމާ ވަރަށް ބޮޑަށް ސިހިގެން އުޅޭ ފަދައިން އުޅޭތަން ފެންނަމުންދާ ކަމަށެވެ. އަދި އެކަން ފޭސްބުކްގައި ހާމަ ކުރެއްވުމުން އިދިކޮޅު ފަރާތްތަކުން އެކަމަށް ފާޑު ވިދާޅުވަމުން ގެންދާ ކަމަށާއި އެކަމާ ދޭތެރޭ ތަފާތު ނަޒަރަކުން އިދިކޮޅު ފަރާތްތަކުން ވިސްނަންވީ ސަބަބެއް ނުވިސްނޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ފޭސްބުކް މެދުވެރިކޮށް އެކަން ހާމަ ކުރެއްވުމުން އެކަމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން ދަނީ އެކަމަކީ އިންތިހާބު ފަސް ކުރުމަށް ކުރަމުން ގެންދާ ކަމެއް ކަމަށާއި ޑިފެންސް މިނިސްޓަރު އިސްތިއުފާ ދިނުމަށްވެސް ގޮވާލާފައި ވެއެވެ.