ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވަމުންދާ ގައުމީ ސްކޮޑަށް ނެގި 30 ކުޅުންތެރިންގެ ސްކޮޑު 27 ކުޅުންތެރިންނަށް މަދުކޮށް ޓްރެއިނިން ކޭމްޕަށް ޓީމު ގަތަރަށް ދާން ފުރައިފި އެވެ.
ސްކޮޑުން ބާކީ ކުރި ތިން ކުޅުންތެރިންނަކީ މާޒިޔާގެ ޑިފެންޑަރު މޫސާ ޔާންމީން (ޔާންބެ) އާއި ޓީސީގެ މިޑްފީލްޑަރު އައްޒާމް އަބްދުﷲ (އެޑޫ) އާއި އީގަލްސްގެ ޒުވާން ކީޕަރު މިފްދާދު އަހްމަދެވެ.
ޔާމީން ސްކޮޑުން ބާކީ ކުރުމުން، މިހާރު ސްކޮޑްގައި ތިބީ ޑިފެންޑަރުންގެ ގޮތުގައި ފަސް ޑިފެންޑަރުންނެވެ. އައްޒާމް ސްކޮޑުން ބާކީ ކުރުމުން މިޑްފީލްޑަރުންގެ ގޮތުގައި މިހާރު ތިބީ ނުވަ ކުޅުންތެރިންނެވެ. ޓީމަށް ނެގި ހަތަރު ކީޕަރުންގެ ތެރެއިން މިފްދާދު ސްކޮޑުން ބާކީ ވުމުން މިހާރުތިބި ތިން ކީޕަރުންނަށް ވަނީ ޖާގަ ކަށަވަރު ވެފަ އެވެ. އެއީ ނިއު ރޭޑިއަންޓްގެ މުހައްމަދު ފައިސަލް އާއި މާޒިޔާގެ ޒުވާން ކީޕަރު ހުސައިން ޝަރީފް އަދި ޔުނައިޓާޑް ވިކްޓަރީގެ ހަސަން ތޮލާލް އެވެ.
ސާފް ޗެމްޕިއަންޝިޕްގައި ފައިނަލަު ސްކޮޑްގައި ޖަހަނީ 20 ކުޅުންތެރިންނެވެ. އެއީ ތިން ކީޕަރުންވެސް ހިމަނައިގެންނެވެ. ގަތަރުގެ ޓްރެއިނިން ކޭމްޕަށް ފަހު، ހަތް ކުޅުންތެރިން ބާކީ ވާނެ އެވެ. މުބާރާތުގެ ފައިނަލު ސްކޮޑު ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ. ޓްރެއިނިން ކޭމްޕް ނިންމާލުމަށް ފަހު ޓީމު ބަންގަުލަދޭޝްއަށް ދާނީވެސް އެ ދުވަހު އެވެ.
ގަތަރުގެ ޓްރެއިނިން ކޭމްޕްގައި 26 ދުވަސް ޓީމު ހޭދަ ކުރާނެ އެވެ. އެފްއޭއެމުން ބުނީ ގަތަރުގެ ޓްރެއިނިން ކޭމްޕްގައި، އެ ގައުމުގެ ޓޮޕް ލީގްގެ ކުލަބަކާ ދެކޮޅަށް މެޗެއް ކުޅުމަށް މަސައްކަތް ކުރަމުންދާ އެފްއޭއެމް ބުންޏެވެ.
ރާއްޖެ ހިމެނޭ ގުރޫޕް "ބީ" ގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ލަންކާ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ހަތް ވަނަ ދުވަހު ނިކުންނާނީ ލަންކާއާ ދެކޮޅަށެވެ. އިންޑިއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ނުވަ ވަނަ ދުވަހު އެވެ. އެހެންވެ ރާއްޖެއާ ދެކޮޅަށް ކުޅުމުގެ ކުރިން ރެސްޓް ކުރުމަށް އިންޑިއާއަށް ތިން ދުވަސް ލިބޭނެ އެވެ. ރާއްޖެއަށް ލިބޭނީ އެންމެ ދުވަހެކެވެ.