ހަބަރު

މިނިސްޓަރު ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ހާޒިރުކުރަނީ

ގައުމަށް ނުރައްކަލެއް ވެދާނެ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް ވިދާޅުވެ އަމިއްލަ ފޭސްބުކް އެކައުންޓްގައި އެމައުލޫމާތު ހިއްސާ ކުރެއްވުމާއި ގުޅިގެން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ހާޒިރު ކުރުމަށް އެދިއްޖެ އެވެ.

މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް ގައުމުގެ އަމާންކަން ނަގާލުމަށްޓަކައި ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ކަންކަން އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ގާތުން ބަލަމުންދާ ކަމަށެވެ. ނަމަވެސް އެކަން މިހާތަނަށް ވެސް އެއްވެސް ރަސްމީ ގޮތެއްގައި އެއްވެސް ފަރާތަކުން ހާމަ ކުރައްވާފައެއް ނުވެ އެވެ.

ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ މުގައްރިރް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފަށް ސިޓީ ފޮނުވާފައިވަނީ މައްޗަން ގޯޅި އުތުރުދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީއާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އާއި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ އެވެ.

ސިޓީގައި ވަނީ، މިދިޔަ ހޮނިހިރު ދުވަހު ޑިފެންސް މިނިސްޓަރު އެމަނިކުފާނުގެ ފޭސްބުކް ޕޭޖްގައި ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް ގައުމުގެ އަމަން އަމާންކަން ނަގާލުމަށްޓަކައި ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި އެކަން އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ގާތުން ބަލަމުންދާ ކަމަށް ހިއްސާކޮށްފައިވާ ކަމަށެވެ.

ސިޓީގައި ވަނީ، ޑިފެންސް މިނިސްޓަރު އެވާހަކަ ފޭސްބުކްގައި ލިޔުއްވުމަކީ ވަރަށް ޒިންމާދާރު ކުޑަ އަމަލެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންގެ ސުލްހަވެރިކަމާއި އަމާންކަމާއި މިނިވަންކަމާއެކު އުޅެވޭނެ މަގު ފަހިކޮށް ދިނުމަކީ ޑިފެންސް މިނިސްޓަރެއްގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަދި އެފަދަ ޒިންމާދާރުކަން ކުޑަ އަމަލެއް އެމަނިކުފާނު ހިންގާފައިވާތީ، މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން މިނިސްޓަރު ކޮމިޓީއަށް ހާޒިރުކޮށް ކޮމިޓީގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބޭއްވުމަށް އެސިޓީގައި އެދިފައި ވެއެވެ.

އެކަމާ ގުޅިގެން ޕީޕީއެމުން ރޭ ރ. އުގޫފަހަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފޭސްބުކް މެދުވެރިކޮށް އެކަން ހާމަކުރެއްވީ އެކަމަކީ ވަރަށް ސީރިއަސް ކަމަށްވެފައި އެކަންޥި އެންމެ އަވަހަކަށް ރައްޔިތުންނާއި ހަމައަށް ފޯރުކޮށް ދިނުމަށް ކަމަށެވެ.

"ރާއްޖޭގަ ސުލްޙަ މަސަލަސްކަން ނަގާލުމަށްޓަކައި، ހަލަބޮލިކަން އިތުރުކުރުމަށްޓަކައި ބަޔަކު ރާވަމުން އެބަގެންދޭ، އަޅުގަނޑު އެވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރި އެންމެ ބޮޑު އެއް ސަބަބަކީ އެންމެ އަވަހަށް ހުރިހާ ކުލައެއްގެ މީހުންނަށްވެސް އެމައުލޫމާތު އެެންމެ ފަސޭހައިން ފޯރާނީ ސޯޝަލް މީޑިއާއިން ކަމަށްވުމުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ފޭސްބުކް މެދުވެރިކޮށް އެކަން ހާމަ ކުރެއްވުމުން އެކަމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން ދަނީ އެކަމަކީ އިންތިހާބު ފަސް ކުރުމަށް ކުރަމުން ގެންދާ ކަމެއް ކަމަށާއި ޑިފެންސް މިނިސްޓަރު އިސްތިއުފާ ދިނުމަށްވެސް ގޮވާލާފައި ވެއެވެ.