ލައިފްސްޓައިލް

ރަހުމަތްތެރިކަމުގެ ގުޅުން ގަދައީ ފިރިހެނުންގެމެދު!

މިއީ ފަހަރެއްގައި ދެ ބަސްވުން އުފެދޭނެ ވާހަކައެކެވެ. އަބަދުވެސް އިވޭ ވާހަކަތަކާއި ބަލާ ފިލްމުތަކުން ހީވާ ގޮތުގައި ރަހުމަތްތެރިކަމުގެ ގުޅުން އެންމެ ވަރުގަދަވެފައި ރަނގަޅު ވާނީ އަންހެން ރަހުމަތްތެރިންގެ މެދުގަ އެވެ. އަދި ފިރިހެން ރަހުމަތްތެރިންނަށްވުރެ އަންހެން ރަހުމަތްތެރިން ބާއްވާ ގުޅުން މާ ގާތްވެފައި ވަފާތެރިވާނެހެން ވެސް ހީވެ އެވެ.

މި ބަހުސްތައް މިހެން އޮއްވާ ދާދިފަހުން ސައިންޓިފިކް ޖާނަލް، "ޕްލޯސް ވަން" އިން ހެދި ދިރާސާއަކުން ހާމަވި ގޮތުގައި އަންހެން ރަހުމަތްތެެރިންނަށްވުރެ ފިރިހެން ރަހުމަތްތެރިންގެ ދެމެދުގައި އޮންނަ ގުޅުން މާ ވަރުގަދަ އެވެ.

މި ދިރާސާގައި ބުނާ ގޮތުން ފިރިހެނުން އާންމު ގޮތެއްގައި އެންމެ މަދުވެގެން ހަ މަސް ވަންދެން ގެންގުޅެނީ އެއް ރައްޓެހިންތަކެކެވެ. އޭގެ ތެރެއިން ވެސް ހަ ރައްޓެސަކާއި މެދު އޮންނަ ގުޅުން ވަރުގަދަ އެވެ. އެކަމަކު އަންހެނުންނަށް ރަހުމަތްތެރިކަމުގެ ގުޅުން މިގޮތަށް ނުބޭއްވެ އެވެ.

ޕްލޯސް ވަން އިން މި ދިރާސާ ތައްޔާރުކުރީ ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންއާއި ކޭމްބްރިޖް ޔުނިވާސިޓީ ގުޅިގެންނެވެ.

މި ދިރާސާ ތައްޔާރު ކުރުމަށް އިނގެރޭސިވިލާތުގެ އެކި ހިސާބުތަކުގައި ގްރޭޑް ހަތަކުން ފަށައިގެން މައްޗަށް ކިޔަވަމުން އަންނަ 460 ދަރިވަރަކާ ސުވާލު ކުރި އެވެ. އެ ކުދިންނާއި ކުރި ސުވާލުތަކުގެ ތެރޭގައި އެންމެ ގިނަ ދުވަސް ވަންދެން ގާތްކޮށް އުޅުނު ހަ ރައްޓެހިންނަކީ ކޮބައި ކަމާއި އަދި އެމީހުންނާއި މެދު ރަހުމަތްތެރިކަމުގެ ގުޅުން އޮތް މުއްދަތު އަހާފައިވެ އެވެ.