ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ކުރި ބޮޑު ނެޓްވޯކެއް ހިންގައިގެން މ. ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒް އަބްދުއްރައްޒާގު(ސަފާ) ޖަލަށްލާފައި ވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ގަވާއިދާ ޚިލާފަށް އޭނާ ސްރީލަންކާއަށް ފުރުވާލި މައްސަލައިގައި ހަ މީހެއްގެ މައްޗަށް ޖިނާއީ ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ސަފާ ލަންކާއަށް ފުރުވާލާފައި ވަނިކޮށް ލަންކާ ފުލުހުންނާ ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފަހުން ވަނީ ސަފާ ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފަ އެވެ.
އެ މައްސަލަ ބެލުމަށް ފަހު އޭސީސީން ދައުވާކުރަން ޕީޖީއަށް ފޮނުވީ އޭރު ކަރެކްޝަނަލް ސާވިސްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ހޯމް މިނިސްޓަރު ނައިބު މުހައްމަދު ހާނިމާއި އޭރުގެ ކޮމިޝަނާ އޮފް ޕްރިޒަންސް މޫސާ އާޒިމްގެ އިތުރުން މެޑިކަލް ބޯޑުގެ ދެ މެމްބަރުން ކަމަށް ވާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ފަޒްނީން ލަތީފާއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އިސްހާގު އަހުމަދާއި ސަފާ ބޭރަށް ފޮނުވާލި ފޯމްގައި ސޮއިކުރި އައިޖީއެމްއެޗްގެ ޑޮކްޓަރެއް ކަމަށް ވާ އަބްދުﷲ ރާފިއުގެ މައްޗަށެވެ.
އެ ހަ މީހުންގެ މައްޗަށް ވެސް ކުރަން ފޮނުވީ ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދިންކަމުގެ ދައުވާ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގައި ބައިވެރިވުމުގެ ކުށުގައި ސަފާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމަކާ އެކު 75،000ރ. އިން ޖޫރިމަނާއެއް އައީ 2013 ގަ އެވެ. ސަފާގެ އިތުރުން އެ ނެޓްވޯކާ ގުޅުންހުރި އިތުރު ފަސް މީހަކަށް ވެސް ބޮޑެތި ޖަލު ހުކުމްތައް ދަށު ކޯޓުން އިއްވި ނަމަވެސް ތަހުގީގުގައި ގާނޫނާ ޚިލާފަށް ހެކި ހޯދުމުގެ ސަބަބުން އޭގެ ތެރެއިން ދެ މީހަކު ހައި ކޯޓުން ވަނީ މިނިވަންކޮށްފަ އެވެ. ސަފާގެ މައްސަލަ ވެސް މިހާރު އޮތީ އިސްތިއުނާފް މަރުހަލާގަ އެވެ.
ސަފާ އަކީ 2005 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރި ނެޓްވޯކެއްގެ އިސްވެރިޔާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ. ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އެ ނެޓްވޯކް އަތުލައިގަތީ 2011 ވަނަ އަހަރު އެވެ.