ޗައިނާއިން ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންނަށް ފުރިހަމައަށް އިހުތިރާމްކުރާ ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ކޮށްދޭ ކަންކަމަކީ އެއްވެސް ސިޔާސީ ޝަރުތުތަކެއް ހިމަނައިގެން ކޮށްދޭ ކަންތައްތައް ނޫން ކަމަށް އެ ގައުމުން ބުނެފި އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިހެބިލިޓޭޓް ކުރާ ނެޝަނަލް ޑްރަގް އޭޖެންސީގައި ބޭނުން ކުރާނެ ވޭނެއް ހަދިޔާ ކުރުމަށް އެ އޭޖެންސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ، ރާއްޖެ-ޗައިނާ ރަހުމަތްތެރިކަމުގެ ގުޅުމުގެ މަންފާ ދެ ގައުމުގެ ރައްޔިތުންނަށް ވެސް ކޮށްފައިވާ ކަމަށެވެ.
ހާއްސަކޮށް ދިވެހިންނަށް ހެޔޮ ބަދަލުތަކެއް ފާއިތުވި ދުވަސްތަކުގައި އައިސްފައިވާ ކަމަށާއި، ރާއްޖޭގެ ރައްޔިތުންގެ މަންފާ އާއި ގައުމުގެ ތަރައްގީއަށް ޗައިނާއިން ކޮށްދޭން ބޭނުންވާ ކަންތައްތަކަކީ އެއްވެސް ބާވަތެއްގެ ސިޔާސީ ޝަރުތަކެއް ހިމަނައިގެން ކޮށްދޭ ކަންތައްތައް ނޫން ކަމަށެވެ.
ރާއްޖެ ޗައިނާ ރަހުމަތްތެރިކަމުގެ ގުޅުމަކީ ދެ ފަރާތުގެ މަންފާ އޮތް ވަރަށް ބަދަހި އަދި އެހާމެ ދެފުށް ފެންނަ ގުޅުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"މިހިސާބަށް އަންނަން ފަސޭހައެއް ނޫން. ޗައިނާއާއި ރާއްޖޭގެ ރަހުމަތްތެރިކަމުގެ ގުޅުމުން، ރައްޔިތުންނަށް ދުޅަހެޔޮކަމާއި ތިޔާގިކަން އިތުރުކޮށްދިނުމަށް އިސްކަންދީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ވިސްނުމާއި ސިޔާސަތުތަކަށް އިހުތިރާމްކޮށް، ވަކި ސިޔާސީ ޝަރުތެއް ނެތި އިޖްތިމާއީ ތަރައްގީ ކުރިއެރުވުމަށް ޖެހިފައިވާ ބޭނުންތަކަށް އިސްކަންދޭ،" ޖަންގް ވިދާޅުވި އެވެ.
ރާއްޖެއަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ މެންބަރަކަށް ވާއިރު ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އަދިވެސް ގުޅިގެން މަސައްކަތްކުރާނެ ކަމަށް ޖަންގް ވިދާޅުވި އެވެ.
ޗައިނާ އިން މިއަދު ނެޝަނަލް ޑްރަގް އޭޖެންސީއަށް ހަދިޔާކޮށްފައިވަނީ މިނީ ވޭނެކެވެ. މީގެ އިތުރުންވެސް މި މަހުގެ ތެރޭގައި ދިވެހި ޒުވާނުން ކުޅިވަރުގެ ދާއިރާއިން ކުރިއެރުވުމަށް 46 ފުޓްސަލް ދަނޑު ހަދިޔާކުރުމަށް ވެސް އެގައުމުން ވަނީ ނިންމާފަ އެވެ.