ސަރުކާރު މުއައްޒަފުން ލައްވާ ރީ ރަޖިސްޓާ ކުރުވާ މައްސަލަ އިދިކޮޅު ފަރާތްތަކުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހަޅައިފި އެވެ.
އިދިކޮޅު ކޯލިޝަންގައި ރައީސް މައުމޫންުގެ ފަރާތްޕުޅުން ހަރަކާތްތެރިވާ އައިމިނަތު ނާދިރާ މިއަދު ވިދާޅުވީ ސީއެސްސީގެ މެންބަރުންނާ އިދިކޮޅު ފަރާތްތަކުން އިއްޔެ ބައްދަލުކޮށްފައިވާ ކަމަށާއި ސަރުކާރު މުއައްޒަފުންނަށް ބިރު ދައްކަމުންދާ މައްސަލައާ އޮފީސްތަކުގެ ތެރޭ ފުރުވި ރީ ރަޖިސްޓާ ފޯމްތައް އީސީގެ ބަދަލުގައި ކެމްޕެއިން ޖަގަހަ، މުލިޔާގެއަށް ގެންދިޔަ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އަދި ވިދާޅިވީ ރިޔާސީ އިންތިހާބު އޮންނަ، 23 ސެޕްޓެމްބަރު ބަންދު ދުވަހަކަށް ނުވާ މައްސަލަ ވެސް އެ ކޮމިޝަންގެ ސަމާލު ކަމަށް ގެންދިޔަ ކަމަށެވެ.
އެ މައްސަލަ ސީއެސްސީއަށް ހުށަހަޅާއިރު ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކުގެ މުއައްޒިފުންގެ ރަސްމީ ގަޑިތަކުން ވީއްލުމަށް ފަހު ރީ ރަޖިސްޓާ ކުރުވާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އަދި އެކަން ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިން ދޮގެއް ނުކުރެ އެވެ. އެ ޕާޓީން ބުނާ ގޮތުން ރީ ރަޖިސްޓާ ކުރުމަކީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި އެކަން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ކުރެވޭނެ ކަމަށެވެ.
އޮފީސްތަކުން ފޮނުވާ ރީ ރަޖިސްޓާ ފޯމްތައް އެންޓާ ކުރަން ޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން އެމަނިކުފާނަށް ދަންނަވާ ވީޑިއޯއެއް މިފަހުން ވަނީ އާންމުވެފަ އެވެ.