ހަބަރު

ސީއެސްސީގެ ރައީސް ޝަމީމްގެ މައްސަލަ އޭސީސީއަށް ހުށަހަޅަނީ

Jul 23, 2018
1

ސިވިލް ސާވިސް ކޮމިޝަން، ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ހުށަހަޅަން އިދިކޮޅު ޕާޓީތަކުން ނިންމައިފި އެވެ.

އެގޮތަށް ޕާޓީތަކުން ނިންމި ސަބަބު ހާމަ ކުރައްވަމުން އިލެކްޝަން ކޮމިޝަން ކުރިމަތީގައި މިއަދު ކުރި މުޒާހަރާގެ ތެރެއިން މީޑިއާއާ ބައްދަލުކޮށް އެމްޑީޕީގެ ޗެއާޕާސަން ނައިބު އަލީ ނިޔާޒު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވޯޓުލާން ރީ ރަޖިސްޓްރޭޝަން ކުރުމުގެ މަސައްކަތް ސިވިލް ސާވަންޓުންނަށް މަޖުބޫރުކޮށްގެން ކުރަމުންދާ ކަމަށެވެ. އެ މުވައްޒަފުން ލައްވައި އެ މަސައްކަތް ޝަމީމް ކުރައްވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށެވެ.

މުވައްޒަފުން ވަކި ވޯޓު ފޮއްޓަކަށް ވޯޓުލާން މަޖުބޫރު ނުކުރެވޭނެ ކަމަށާއި އެ މަޖުބޫރު ކުރުމުގެ ޒިންމާ ޝަމީމް ނަގަން ޖެހޭނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ. މަގާމުގެ ނުފާޒު ބޭނުން ކުރާ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.

ސިވިލް ސާވެންޓުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ވަކި ފޮއްޓަކަށް ރީ ރަޖިސްޓްރީވާން އެތަންތަނުގެ ވެރިން މަޖުބޫރު ކުރަމުންދާ ކަމަށް ނިޔާޒު ވިދާޅުވި އެވެ. ނިޔާޒު ވިދާޅުވީ، އެގޮތަށް އަމަލު ކުރައްވާ ވެރިންގެ ލިސްޓެއް އެބަ އޮތް ކަމަށާއި އެ ބޭފުޅުންގެ މައްސަލަތައް ވެސް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލުމަށް ރީރަޖިސްޓާ ކުރުމުގެ މަސައްކަތް ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކުގައި އުޅޭ ސިޔާސީ މުވައްޒަފުން ދުވެރިކޮށް ކުރުމަށް މަޖުބޫރު ކުރުވަމުން އަންނަ މައްސަލައަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނުމަށް ދެކޮޅު ހަދައި، އެކަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އިއްޔެ އެ ކޮމިޝަނުން އެދުނެވެ.

އެ ކޮމިޝަންގެ ރައީސް އިބްރާހިމް ޝަރީފް ވިދާޅުވީ ރީރަޖިސްޓަ ކުރުމަށް ސިވިލް ސާވަންޓުން ނަހަމަ ގޮތުގައި ބޭނުން ކުރާ ނަމަ އެކަން ވާނީ ސިޔާސީ ކަންކަމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށާއި އެހެންކަމުން އެފަދަ މައްސަލަތައް ބަލާ ފަރާތްތަކަށް އެކަން ހުށަޅުމަށެވެ. އަދި ހަމަހަމަ ފުރުސަތު ލިބޭ އިންސާފުވެރި އިންތިހާބެއް ބޭއްވުމަަކީ ހަމައެކަނި އީސީގެ ޒިންމާއެއް ނޫން ކަމަށާއި އީސީގެ މަސައްކަތަކީ ހަމަހަމަ އިންތިހާބެއް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުން ކަމަށް ޝަރީފް ވިދާޅުވި އެވެ.