ކުޅިވަރު

ނަސީރު އިސްމާއީލްގެ އެކެޑެމީ ހުޅުމާލޭގައި ފަށަނީ

ރާއްޖޭގެ އުފެދުނު އެންމެ ބާރު އެއް ދުވުންތެރިޔާ ނަސީރު އިސްމާއީލްގެ "ނަސީރު ސްޕޯޓްސް އެކެޑެމީ" ހުޅުމާލޭގައި ފަށަން ތައްޔާރު ވެއްޖެ އެވެ.

ކުޑަ ކުދިންނަށް ހާއްސަކޮށް، ހުޅުމާލޭގައި ފަށާ އެކެޑެމީ ހުޅުވާލާފައި ވަނީ ފަސް އަހަރާއި ފަނަރަ އަހަރާ ދެމެދުގެ ކުދިންނަށެވެ. ފިޓްނަސް އާއި އެކި ކުޅިވަރުތަކަށް ތައްޔާރު ކުރުމަށް ނަސީރު ސްޕޯޓްސް އެކެޑެމީ ކުދިން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ އެކެޑެމީގައި ކުދިންނަށް ކޯޗް ކޮށްދޭނީ ސީދާ ނަސީރެވެ. އެތުލެޓިކްސްގެ ކޯޗިން އެޑިއުކޭޝަންގައި އޭނާ ވަނީ އިނގިރޭސި ވިލާތުގެ އެތުލެޓިކްސް ފެޑްރޭޝަންގެ ކޯޗިން ލައިސެންސް ހާސިލު ކޮށްފަ އެވެ.

ނަސީރު ބުނީ، ހުޅުމާލޭގައި އެކެޑެމީ ފެށުމަށް އެޗްޑީސީގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ. އެކެޑެމީގެ ޓްރެއިނިންތައް ކުރިއަށްދާނީ ހުޅުމާލޭ ރަނިން ޓްރެކްގަ އެވެ. އެކެޑެމީ ފީއަކީ މަހަކު 300 ރުފިޔާ އެވެ.

އެކެޑެމީން ތަމްރީން ކުރާނީ އެތުލެޓިކްސްއަށް އެކަންޏެއް ނޫން، އެހެން ކުޅިވަރުތަކަށް ނިކުންނާނެ ކުޅުންތެރިންވެސް އެކެޑެމީން ތަމްރީން ކުރާނެ، އަދި ކުޑަކުދިންގެ ފިޓްނަސްއަށްވެސް އެކެޑެމީން މަސައްކަތް ކުރާނެ
ނަސީރު އިސްމާއީލް | ކުރީގެ އެއްވަނަ ދުވުންތެރިޔާ

ސްކޫލްގައި އަހްމަދިއްޔާގެ ސްޕޯޓްސް މިޓުން ފާހަގަވި ދުވުންތެރިޔާއަކީ، ސަރަހައްދީ ލެވަލްގައި ފާހަގަ ކުރެވުނު މޮޅު ދުވުންތެރިޔެކެވެ. އެގޮތުން ސައުތު އޭޝިއަން ގޭމްސްގެ ސްޓާ އޮފްދަ ގޭމްސްގެ އެވޯޑާއި ޖޭސީއައި އިންޓަނޭޝަނަލް އެވޯޑް ހާސިލު ކުރި އެވެ. މީގެއިތުރުން ޔޫތު ނެޝަނަލް އެވޯޑާއި، ބެސްޓް އެތުލީޓު އޮފްދައިއާ އެވޯޑާއި، ބެސްޓް ސައިކަލް އޮފްދައިއާގެ އެވޯޑުވެސް އޭނާގެ ވަނީ ހާސިލު ކޮށްފަ އެވެ.

ކޯޗިން ކެރިއާއަށް ނިކުމެ، އެތުލެޓިކްސް އާއި ބާސްކެޓްބޯލްއަށްވެސް އޭނާގެ ބެލުމުގެ ދަށުން އެތުލީޓުން ނެރެދިނެވެ.

ނަސީރު ސްޕޯޓްސް އެކެޑެމީގައި ބައިވެރިވާން ހަދާނީ ކިހިނެތް

އެކެޑެމީގައި ކުދިން ބައިވެރި ކުރުމަށް 9994486 ގުޅުއްވުމުންވެސް އިންތިޒާމު ހަމަޖެހިގެން ދާނެ އެވެ. އަދި އީމެއިލް މެދުވެރިކޮށްވެސް ކޮންޓްކްޓް ކުރެވޭނެ އެވެ. އީމެއިލުން ނަމަ [email protected]
އެކެޑެމީގެ ޓްރެއިނިންތައް ކުރިއަށް ގެންދާނީ ހަފުތާއަކު ތިން ދުވަހު އެވެ.