ރިޕޯޓް

އާ ގާނޫނުއަސާސީއަށް 10 އަހަރު: އިސްލާހަށް ބޭނުންވެފައި!

ދެހާސް ތިން ވަނަ އަހަރު ދިވެހި ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ރައްޔިތުންނާއި މުޙާތަބު ކުރައްވާ، އޭރުގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން އަބުދުލްގައްޔޫމް ވަރަށް އުމްމީދީ ވާހަކަފުޅުތަކެއް ދެއްކެވި އެވެ. އެގޮތުން ދިވެހި ރައްޔިތުންނަށް މިނިވަންކަމުގެ އިހުސާސް ކުރެވޭނެ ފަދަ ގޮތަކަށް ދިވެހި ރާއްޖޭގައި އާ ގާނޫނު އަސާސީއެއް އެކުލަވާލައްވާނެ ކަމުގެ ހަބަރު ރައީސް މައުމޫން ދެއްވިއެވެ.

ރައީސް މައުމޫންގެ "ސިޔާސީ އިސްލާހީ އެޖެންޑާ" އެމަނިކުފާން އިއުލާން ކުރައްވަން ޖެހިވަޑަައިގަތީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި ދުވަސްވަރެއްގަ އެވެ. ޖަލުގައި ލިބުނު އަނިޔާތަކެއްގެ ސަބަބުން އީވާން ނަސީމް މަރާލުމާއި މާފުށީ ޖަލުގައި ބަޑި ޖެހުމުގެ ހާދިސާ އާއި، މިނިވަންކަން ބޭނުންވެގެން ދިވެހި ރައްޔިތުން މަގުތަކަށް ނިކުމެ އިހުތިޖާޖްކޮށް، އަންޑަ ގްރައުންޑް މީޑިއާތަށް އުފައްދައި، އެމަނިކުފާނާއި ދެކޮޅަށް ބޮޑެތި މަސައްކަތްތަކެއް އެދުވަސްވަރު ދިޔައީ ކުރެވެމުންނެވެ.

"1998 ވަނަ އަހަރު ދިވެހިރާއްޖޭގައި އަމަލުކުރަން ފެށި ގާނޫނު އަސާސީގެ ހިޔާވަހިކަމުގެ ދަށުގައި، ދިވެހިރާއްޖެއަށް އަންނަމުންދިޔަ އިޖުތިމާއީ އަދި އިގުތިސޯދީ ބޮޑެތި ބަދަލުތަކާއި ދުނިޔެ އަށް އަންނަމުންދިޔަ ބަދަލުތަކަށް ރިއާޔަތް ކުރިއިރު، ދައުލަތް ހިންގުމުގެ ދިމިގްރާތީ ނިޒާމުތަކާއި އޮނިގަނޑުތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށާއި، ދިވެހިރާއްޖޭގެ އަދުލުއިންސާފު ގާއިމުކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނައުމަށާއި، ރައްޔިތުންނަށް ލިބިދެވޭ ހައްގުތައް ފުޅާކޮށް، އެ ހައްގުތައް ރައްކާތެރިކޮށް ހަރުދަނާ ކުރުމަށްޓަކައި އޭރު އަމަލުކުރަމުން ދިޔަ ގާނޫނު އަސާސީއަށް އިސްލާހުތަކެއް ގެންނަން ޖެހިފައިވާ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވުނެވެ." މިއީ އާ ގާނޫނު އަސާސީއަށް އަހަރު ދުވަސް ފުރުމާއި ގުޅިގެން ރައީސް މައުމޫން ދެއްވި ޙިތާބުގައި ވާ ބަސްކޮޅެކެވެ.

ރައީސް މައުމޫން އިއުލާން ކުރެއްވި އިސްލާހީއެޖެންޑާއާއި އެއްގޮތަށް އޭރު އަމަލުކުރަމުން އައި ގާނޫނު އަސާސީގެ 94 ވަނަ މާއްދާގެ ދަށުން (ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެކުލަވާލުމާއި އެއްކުރުމާއި މަޖިލިސް އުވާލުން) ރައްޔިތުންގެ ހާއްސަ މަޖިލިސް 2004 ވަަނަ އަހަރުގެ 19 ޖުލައިިގައި އެއްކުރައްވައި އާ ގާނޫނު އަސާސީއެއް ވުޖޫދުކުރުމުގެ މަސައްކަތް ފަށާ، 2008 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވީދުވަހު އެ މަސައްކަތް ނިންމާލިއެވެ.

2008 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 7 ވީ ދުވަހު ރައީސް މައުމޫން އޭރު އަމަލު ކުރަމުންއައި "ނޫ" ގާނޫނު އަސާސީ އުވާލައި، ރައްޔިތުންނަށް އެތަކެއް ހައްގެއް ލިބިގެންދިޔަ، އަދި ރާއްޖެ ޑެމޮކްރަސީގެ މަގަށް ހުޅުވާލަދިން "ފެހި" ގާނޫނު އަސާސީ ތަސްތީގު ކުރެއްވިއެވެ.

އެގާނޫނު އަސާސީ ތަސްދީގު ކުރުމާއެކު، ސިޔާސީ ހަރަކާތް ހިންގުމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ދުލާއި ގަލަމުގެ މިިނިވަންކަމާއި، މި ނޫނަސްއެތަކެއް ހައްގުތަކެއް ރަށްޔިތުންނަށް ލިބިގެންދިޔައެވެ. އެ މަސައްކަތުގައި އުޅުއްވި ބޭފުޅުން މިއަދުވެސް ފަޙުރުވެރިކަމާއެކު ވިދާޅުވުވާ އެއްވާހަކައެއް އެބައޮތެވެ. އެއީ މި ސަރަހައްދުގައިވެސް އެފަދަ ފުރިހަމައަށް ހައްގުތަށް ލިބިދީފައިވާ ގާނޫނު އަސާސީއެއް އޮތް ގައުމެއް ނޯންނާނެ ވާހަކައެވެ.

ކިތަންމެ ފުރިހަމަޔަށް އެ ބޭފުޅުން އެ މަސައްކަތް ކުރެއްވި ނަމަވެސް، ތަސްދީގު ކުރެވުނު ދުވަހުން ފެށިގެން އެ ގާނޫނު އަސާސީ އޮތް ގޮތުން ވެރިކަން ކުރާ ފަރާތްތަކަށް އުނދަގޫވެ، ބަދަލްތަކެއް އެކިދުވަސްވަރު ގެންނަން ފެށިއެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުންނަމަ އެ ގާނޫނު އަސާސީ ބައްޓަން ކުރެވިފައި އޮތް ގޮތުން ސަރުކާރު "ޑެޑް ލޮކް" އަކަށް ދަނީއެވެ. އެ "ޑެޑްލޮކު" ފިލުވުމަށްޓަަކައި ގާނޫނުގައި ވަކި ކަމެއް ވަކި ގޮތަކަށް، ވަކި ތާރީހަކަށް ކުރަން ބަޔާންކޮށްފައި އޮތް އިރުވެސް އެކަން ނުވެދާ ފަހަރުވެސް އާދެއެވެ. ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

ފެހި ގާނޫނު އަސާސީ ތަސްދީގު ކުރުމަށްފަހު އެންމެ ފުރަތަމަ ބޭއްވި ރިޔާސީ އިންތިހާބު ވެސް ބާއްވާފައިވަނީ، ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ތާރީހުގެ 20 ދުވަސް ފަހުން 29 އޮކްޓޯބަރުގައެވެ. އިންތިހާބު ބާއްވަން ގާނޫނު އަސާސީގައި ބުނެފައިވާ ތާރީޙަކީ 10 އޮކްޓޯބަރު 2008 އެވެ. 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބާއްވަން ގާނޫނު އަސާސީގައި އަންގާފައި އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވިފައިވަނީ، އޭގެ 83 ދުވަސް ފަހުންނެވެ. ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމަށްޓަކައި އިންތިހާބު ކުރަންޖެހޭ ކައުންސިލަރުން އިންތިހާބު ކުރުމަށް 1 ޖުލައި 2009ގެ ކުރިން ބާއްވާ ނިންމަން ގާނޫނު އަސާސީގައި ވަނީ އަންގާފައެވެ. އެހެން ނަމަވެސް އޭރުގެ ސަރުކާރުން އިންތިހާބު ބޭއްވުމުގެ ބަދަލުގައި، ސަރުކާރުން ބޭނުންވި ބަޔަކު ގާނޫނު އަސާސީގައި އަންގާފައި އޮތްގޮތާއި ހިލާފަށް އައްޔަން ކުރިއެވެ. އޭގެ ފަހުންވެސް ރާއްޖޭގައި ބާއްވާފައިވާ އިންތިހާބުތަށް ބާއްވާފައިވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ތާރީހު ތަކުގެ ފަހުންނެވެ.

އާ ގާނޫނު އަސާސީ ތަސްދީގު ކުރުމަށް ފަހު ބައެއް ކަންކަން ނިންމުމަށްޓަކައި އިންތިގާލީ މަރުހަލާގެ ގޮތުގައި ދެ އަހަރުދުވަސް ދެވުނެވެ. އެ ދެއަހަރު ދުވަހުގެ ތެރޭގައި ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް، އެކި އެކި މިިނިވަން މުއައްސަސާތަަށް އެކުލަވާލާ، އެ މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމާއި، އިންތިގާލީ ސުޕުރިމްކޯޓު އެކުލަވާލުންފަދަ ކަންކަން ކުރުމަށްވަނީ އަންގާފައެވެ. އެހެން ނަމަވެސް އެ ދެއަހަރު ދުވަސް ފާއިތުވެގެން ދިޔަ އިރުވެސް ދާއިމީ ގޮތެއްގައި އެކަންކަން ކުރެވިފައެއްނުވެއެވެ. އިންތިގާލީ ގޮތުން އެކުލަވާލި މުއައްސަސާތަށް ތާރީހު ފަހަނާޅާ ދިޔައިރުވެސް އޮތީ ހަމަ އެގޮތަށެވެ.

ގާނޫނު އަސާސީގައި ސުޕުރީމްކޯޓުގެ ފަނޑިޔާރަކު ވަކި ކުރެވޭނެ ގޮތް ބަޔާންކޮށްފައިވަނިކޮށް، ފަނޑިޔާރުންގެ ގާނޫނަށް ކުޑަ އިސްލާހެއް ގެނެސް އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިންއާއި، ފަނޑިޔާރު މުއުތަސިމް އަދުނާން ސުޕުރީމްކޯޓުގެ ފަނޑިޔާރު ކަމުން ވަކި ކުރިއެވެ. މީގެ އިތުރުން، ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ރައްޔިތުންގެ މަޖިލިހުން މަގާމުން އަޒުލް ކުރި އިރު، ގާނޫނުގައި ބަޔާންކޮށްފައިވާ ދިފާއު ވުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.

މީގެ އިތުރުންވެސް، ގާނޫނު އަސާސީން ދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން ހަނި ކުރުމަށްޓަކައި، ގަވައިދެއް ހެދުނެވެ. އެއާއެކު ސަރުކާރުން ދައްކާ ތަނަކަށް މެނުވީ އެއްވެ އުޅުމުގެ ފުރުސަތު ބަންދުވެގެން ދިޔައެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމަށްޓަކައި، އަބުރު ރައްކާތެރިކުރުމާއި، ހިޔާލު ފާޅުކުުރުމުގެ ގާނޫނުގެ ނަމުގައި ގާނޫނެއް ފާސްކޮށް، ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލޭ ގޮތަށް ހެދިއެވެ. ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން ހަނި ކުރުމަށްޓަކައި، ތަފާތު ގަވައިދުތަށް ހެދި، ދައުލަތުގެ އިދާރަތަކުން ހުއްދަ ނަގަންޖެހޭގޮތަށް ބަދަލުކުރިއެވެ.

މި ނޫނަސް އެތަކެއް ބަދަލްތަކެއް ގާނޫނު އަސާސީއަށް ވަނީ ގެނެވިފައެވެ. އޭގެ ތެރޭގައި ކަނޑައެޅިގެން ގާނޫނު އަސާސީއާއި ހިލާފު އިސްލާހުތަކެއް ހިމެނޭ ކަމަށް ގާނޫނީ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. ސުވާލަކީ ރައީސް މައުމޫންގެ އިސްލާހީ އެޖެންޑާގެ ދަށުން ލިބިގެންދިޔަ މިނިވަންކަމުގެ އިހުސާސްތަށް މިއަދު ކުރެވޭތޯއެވެ. ބައެއް ހައްގުތަށް އުނި ކުރެވި، ބައެއް ހައްގުތަށް ވަނީ ހަނިކޮށްފައެވެ. އެހެން ކަމުން އަނެއްކާވެސް މިއޮތީ ގާނޫނު އަސާސީ އިސްލާހު ކުރަންޖެހިފައެވެ.