ހޮލީވުޑް

ރޮބާޓް ރެޑްފޯޑް ފިލްމު ކުޅުން ހުއްޓާލަނީ

ހޮލީވުޑްގެ ކުޅަދާނަ އެކްޓަރު ރޮބާޓް ރެޑްފޯޑް ފިލްމު ކުޅުން ހުއްޓާލާއި އެކްޓިންގެ ދާއިރާއިން ރިޓަޔާވުމަށް ނިންމައިފި އެވެ.

އަންނަ މަހު 28 ގައި ރިލީޒްކުރާ ޑޭވިޑް ލޯރީގެ ފިލްމު "ދި އޯލްޑް މޭން އެންޑް ދި ގަން" ވެގެންދާނީ އޭނާގެ އެންމެފަހު ފިލްމަށެވެ.

ރޮބާޓް 81، އެކްޓިންގެ ދައިރާއަށް ނިކުތީ އޭނާގެ އުމުރުން 21 އަހަރުގަ އެވެ. އެއީ 1962 ވަނަ އަހަރު ނިކުތް ފިލްމު "ވޯ ހަންޓް" އިންނެވެ. އެކްޓަރެއްގެ އިތުރުން އޭނާއަކީ ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެކެވެ. އެކްޓް ކުރުން ހުއްޓާލި ނަމަވެސް ޑައިރެކްޓް ކުރުމާއި ޕްރޮޑިއުސްކުރުން ހުއްޓާލާނެ ކަމަކަށް އޭނާ ބުނެފައެއް ނުވެ އެވެ.

ފިލްމު "އޯޑިނަރީ ޕީޕަލް" ޑައިރެކްޓުކޮށްގެން 1980 ވަނަ އަހަރު ރޮބާޓްއަށް ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ އެވޯޑު ލިބިފަ އެވެ. މި ފިލްމުގެ އިތުރުން އޭނާ ވަނީ އަށް ފިލްމެއް ޑައިރެކްޓުކޮށްފަ އެވެ. އަދި 100 އަށްވުރެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވެ އެވެ.

ރޮބާޓްއަކީ ހޮލީވުޑްގެ އެންމެ މަޝްހޫރު ފިލްމު ފެސްޓިވަލުތަކުގެ ތެރޭގައި ހިމެނޭ، ސުންޑޭސް ފިލްމު ފެސްޓިވަލުގެ ފައުންޑާވެސް މެއެވެ.