ޓްރާންސްފާ މާކެޓް

ބާސާގެ ހުށަހެޅުން ލިބުނު، ބޭނުމީ ޗެލްސީގައި ކުޅެން

ބާސެލޯނާއިން ހުށަހެޅުން ލިބުނު ކަމަށާއި ނަމަވެސް ބޭނުންވީ ޗެލްސީގައި މަޑު ކުރަން ކަމަށް، ޗެލްސީގެ ބްރެޒިލްގެ ވިންގާ ވިލިއަން ބޯރްހެސް ޑަ ސިިލްވާ (ވިލިއަން) ބުނެފި އެވެ.

އީއެސްޕީއެންގެ ބްރެޒިލް އެޑިޝަނަށް ދިން އިންޓަވިއުގައި ވިލިއަން ބުނެފައި ވަނީ އޭނާ ގެންދަން ހުށަހެޅިކަން އެނގިފައި އޮތީ ބާސެލޯނާއިން އެކަނި ކަމަށެވެ. ނަމަވެސް އޭނާ ބޭންވީ ޗެލްސީގައި މަޑުކުރަން ކަމަށް އޭނާ ބުންޏެވެ.

ޓްރާންސްފާގެ ރިޕޯޓްތައް ބުނާ ގޮތުން، ބާސާގެ އިތުރުން މެންޗެސްޓާ ޔުނައިޓަޑުންވެސް ވިލިއަން ގެންދަން ހުށަހެޅި ކަމަށެވެ. ވިލިއަން އާއި ކޯޓްއާ ގެންދަން ރެއާލް މެޑްރިޑުން ޖޮއިންޓް ބިޑެއް އެއްފަހަރާ ހުށަހެޅި ކަމަށްވެސް މިޑިއާ ރިޕޯޓްތައް ފެތުރުނެވެ.

"އަހަރެންގެ ބޮލުގައި އިނީ ޗެލްސީ، އަހަރެން ވިސްނީ ޗެލްސީގައި މަޑުކުރަން، ކުލަބުން އަހަރެން ވިއްކާލަން ބޭނުންވީމަ ނޫނީ ޓީމު ދޫކޮށް ދިއުމުގެ ވިސްނުމެއް އަހަރެން ނުގެންގުޅޭނަން." ވިިލިއަން ބުންޏެވެ.

ޗެލްސީގެ ކޯޗް މައުރީޒިއޯ ސާރީ ވަނީ، މި ސީޒަނަށް ދެ ކުޅުންތެރިން ލައްވައި ސޮއި ކުރުވާފަ އެވެ. އެއީ ނަޕޯލީން ގެނައި މިޑްފީލްޑަރު ޖޯޖީނިއޯ އާއި ބަދަލު ކީޕަރަކަށް ގެނައި ރޮބް ގްރީން އެވެ.