ހަބަރު

"ހިޔާ އެކޮމްޕްލިޝްޑް" ޕްރޮޖެކްޓްގެ ގޯއްޗާއި ފްލެޓް ފޯމް ދޫކުރަން ފަށައިފި

ވިލިމާލެ- 2 އަކުން ފްލެޓާއި ފުށިދިއްގަރު ފަޅުން ހިއްކާ ބިމުން ދޫކުރާ ގޯއްޗައް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި ފޯމް ދޫކުރަން ފަށައިފި އެވެ.

ތިން ލައްކަ މީހުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ ގޮތުން ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި މަޝްރޫއު "ހިޔާ އެކޮމްޕްލިޝްޑް"ގެ ދަށުން 82،000 ފްލެޓު އަޅާނެ އެވެ. އަދި ގުޅިފަޅުން 230 ހެކްޓަރުގެ ބިން ހިއްކާ އެތަނުގެ ކައިރީ އޮންނަ ފުށިދިއްގަރު ވެސް ހިއްކާނެ އެވެ. އަދި މަޝްރޫއު ނިމޭއިރު 1000 ހެކްޓަރުގެ ބިން ހިއްކާކޮންމެ މީހަކަށް ތިން ކޮޓަރީގެ އެޕާޓްމަންޓާއި 1000 އަކަ ފޫޓުގެ ބިމެއް ލިބޭނެ އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހިޔާ އެކޮމްޕްލިޝްޑްގެ ފޯމް ދޫކުރުން ކުރިޔަށް ދަނީ ވެލަނާ ގޭގައި ހުންނަ ޕޯސްޓް އޮފީހާއި ހައުސިން މިނިސްޓްރީން ކަމަށެވެ.

ފްލެޓު ފޯމުގައިވާ ގޮތުން ފްލެޓާއި ބިމަށް ކުރިމަތިލުމަށް ހުންނަން ޖެހޭ ޝަރުތުތަކަކީ ރާއްޖޭގެ އެއްވެސް ރަށެއްގައި ގޯތީގެ ރަޖިސްޓްރީ ހައްދާފައިވާ 1000 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ބޯހިޔާވެހިކަމެއް ނެތުމާއި އެވަރު ގޯއްޗެއް އޮތް ނަމަަ ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށް ވާން ޖެހެ އެވެ. އަދި ގިނަ މީހުންގެ ނަމުގައި ރޖިސްޓްރީކޮށްފައިވާ ގޯއްޗެއް އެންމެންގެ މެދުގައި ބަހާލުމުން ލިބޭ ގޯތި 1000 އަކަފޫޓަށް ވުރެ ކުޑަވުމާއި އަދި އެއަށް ވުރެ ބޮޑު ނަމަ ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް ވެސް ހިޔާ އެކޮމްޕްލިޝްއަށް ކުރިމަތިލެވޭނެ އެވެ.